Roadha Mihaaru
މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފި

ކެންސަރަށް ފަރުވާ ހޯއްދެވުމަށް ފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނުކުންނަވަން ފައްޓަވައިފި

04 ފެބުރުއަރީ 2024

ކެންސަރަށް ފަރުވާ ހޯއްދެވުމަށް ފަހު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކެންސަރަށް ފަރުވާ ހޯއްދެވުމަށް ފަހު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.

ފަރުވާއަށް ފަހު ރަމީލާ އޮފީހަށް ނުކުންނަވަން ފެއްޓެވި އިރު، މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ.

ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން މިނިސްޓްރީގެ މަސައްކަތްތަކާ ދުރަށް ވަޑައިގަންނަވަން ނިންމަވައި، ރަމީލާ އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 29 ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ފަރުވާ އަށް ވަޑައިގަތީ އިންޑިއާ އަށެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރުގެ އޮފިޝަލަކު ވަނީ ރަމީލާ ފަރުވާ އަށް ފަހު އޮފީހަށް ނުކުންނަވަން މިއަދު ފެއްޓެވިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

ރަމީލާ ކުރިން ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އޭނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ނިންމެވީ ކަމަށެވެ. ބަލި ޖެހިފައިވާކަން އެނގިވަޑައިގަތީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އޭނާއަށް ޖެހިވަޑައިގަތީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ރަމީލާ ފަރުވާގައި ހުންނެވި މުއްދަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ އިސް މަސްއޫލިއްޔަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަގުތީ ގޮތުން ހަވާލުކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންއާ އެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.