Roadha Mihaaru
މިނިސްޓަރު ރަމީލާ އިސްތިއުފާ ދެއްވައިފި

ސިއްހީ ސަބަބުތަކާ ހެދި މިނިސްޓަރު ރަމީލާ އިސްތިއުފާ ދެއްވައިފި

01 ޑިސެމްބަރ 2024

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ސިއްހީ ހާލަތު ސަބަބުތަކާ ހެދި އިސްތިއުފާ ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ސިއްހީ ހާލަތު ސަބަބުތަކާ ހެދި އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރަމީލާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަބޫލު ކުރައްވާފައިވާ ކަމަށެވެ.

ރަމީލާ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވާކަން މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 29 ގައި އޭނާ ވަނީ ސޯޝަލް މީޑިއާގައި އިއުލާނުކުރައްވައިފަ އެވެ.

އިންޑިއާގައި ފަރުވާ ހޯއްދެވުމަށް ފަހު އަލުން އޮފީހަށް ނުކުންނަވަން ފެއްޓެވީ މިދިޔަ ފެބްރުއަރީގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރަމީލާ، އާލާސްކަންފުޅާ އުޅުއްވަމުން ވެސް ކޮށްދެއްވި މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

"...ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައި ވެސް ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން އަޅުގަނޑު ޔަގީންކުރަމެވެ،" ރައީސާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.