Roadha Mihaaru
ރަޝިޔާގެ ތެލުގެ ބޮޑު ބައި އިންޑިއާ އާއި ޗައިނާއަށް

މިހާރު ގިނައިން ތެޔޮ ވިއްކަނީ އިންޑިއާ އާއި ޗައިނާއަށް: ރަޝިޔާ

27 ޑިސެމްބަރ 2023

ޔޫކްރޭންގެ ހަމަނުޖެހުންތަކާ ގުޅިގެން ހުޅަނގުން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގާތްގަނޑަކަށް ދެ އަހަރު ފަހުން، ރަޝިއާއިން ޔޫރަޕަށް ކުރިން އެކްސްޕޯޓްކުރި ތެޔޮ ޗައިނާ އާއި އިންޑިއާއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑާ ނޮވާކް މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ ހަމަނުޖެހުންތަކާ ގުޅިގެން ހުޅަނގުން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގާތްގަނޑަކަށް ދެ އަހަރު ފަހުން، ރަޝިއާއިން ޔޫރަޕަށް ކުރިން އެކްސްޕޯޓްކުރި ތެޔޮ ޗައިނާ އާއި އިންޑިއާއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑާ ނޮވާކް މިއަދު ވިދާޅުވެއްޖެ އެވެ.

ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް ސިފައިން ފޮނުވައި އެ ގައުމު ހިފުމުގެ މަސައްކަތް ފެށުމާ އެކު ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ވަނީ ރަޝިޔާއަށް ކަނޑުމަތިން ތެޔޮ ޑެލިވަރީކުރުން މަނާކޮށްފަ އެވެ.

"ކުރިން ޔޫރަޕަށް ތެލާއި ތެލުގެ އުފެއްދުންތަކުގެ 40-45 ޕަސެންޓާ ދެމެދުގެ އަދަދެއް ސަޕްލައި ކުރިން،" ރަޝިޔާގެ ހަކަތައާ ބެހޭ ސިޔާސަތާ ހަވާލުވެ ހުންނެވި ނޮވާކް ވިދާޅުވި އެވެ.

"މި އަހަރު ލަފާކުރާ ގޮތުގައި މި އަދަދު ޖުމްލަ އެކްސްޕޯޓްގެ ހަތަރު ޕަސެންޓާއި ފަސް ޕަސެންޓަށް ވުރެ އިތުރެއް ނުވާނެ،" ނޮވާކް ވިދާޅުވި އެވެ.

ޔޫރަޕްގެ ތެލުގެ މާކެޓް ހިއްސާގެ ބޮޑު ބައެއް ރަޝިޔާއަށް ގެއްލިގެން ދާތޫ ޗައިނާ ހިމެނޭ ގޮތަށް އެހެން ގައުމުތަކުން ތެލުގެ މާކެޓް ހޯދުމުގެ މަސައްކަތް ރަޝިޔާއިން އަންނަނީ ކުރަމުންނެވެ.

"ޗައިނާ އަދި އިންޑިއާ ވެފައިވަނީ މިހާރުގެ ހާލަތުގައި ރަޝިޔާގެ މައިގަނޑު ބައިވެރިންނަށް،" ނޮވާކް ވިދާޅުވި އެވެ.

ކުރިން އިންޑިއާ އަކީ ރަޝިޔާގެ ތެލުގެ ޝިޕްމަންޓްތައް މަދު ފަހަރަކު ނޫނީ ނުލިބޭ ގައުމަކަށް ވިޔަސް މިހާރު ވެފައި ވަނީ ރަޝިޔާގެ ތެޔޮ ގިނައިން ގަންނަ ގައުމަކަށެވެ.

"އިންޑިއާއަށް ތެޔޮ ފޯރުކޮށްދޭ ވަރު ދެ އަހަރު ތެރޭގައި ޖުމްލަ ހިއްސާ ގާތްގަނޑަކަށް 40 ޕަސެންޓަށް ވަނީ އިތުރުވެފައި،" ނޮވާކް ވިދާޅުވި އެވެ.

އިންޑިއާ އިން އަންނަނީ ރަޝިޔާގެ ސާފު ނުކުރާ ތެޔޮ ޑިސްކައުންޓް ރޭޓުގައި ގަނެ ސާފުކުރުމަށް ފަހު ޔޫރަޕަށް ވިއްކަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ގާނޫނީ ގޮތުން ސައްހަ މުއާމަލާތަކަށް ވިޔަސް މިކަމުގެ ސަބަބުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ނުކުރާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަ އެވެ. ނޮވާކް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އެތައް ގުނައެއް އިތުރުކުރިޔަސް ރަޝިޔާގެ ހަކަތައިގެ ސިނާއަތް ކާމިޔާބުކަމާ އެކު ތަރައްގީވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ ތެލާއި ގޭހުގެ އާމްދަނީ މިއަހަރު ގާތްގަނޑަކަށް ނުވަ ޓްރިލިއަން ރޫބަލް (98 ބިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ 2021 ވަނަ އަހަރު، ހަމަލާގެ ކުރިން ލިބުނު މިންވަރާ އެއްވަރުގެ އަދަދެއް ކަމަށެވެ.