Roadha Mihaaru
ދަތްފަނިކެއުމާ ދުރުވާން ޑރ. އިލްހާމްގެ އިރުޝާދު

ދަތްފަނިކެއުމާ ދުރުވާން ޑރ. އިލްހާމްގެ އިރުޝާދު

27 ޑިސެމްބަރ 2023

ދަތް ފަނިކެއުމަކީ ރާއްޖޭގައި އެންމެ އާއްމު، ދަތުގެ މައްސަލަ އެވެ. އެންމެ ބޮޑަށް މި މައްސަލަ އާއްމުވެފައި ވަނީ ކުޑަކުދިންގެ ތެރޭގަ އެވެ. ދަތް ފަނިކައިފައިވާކަން ގިނަ ފަހަރަށް ރޭކާލަނީ ވެސް, ހިރުގަނޑާއެއްކޮށް ދުޅަވެ, އިންފެކްޝަން އުފެދި ތަދުވާން ފަށާ ހިސާބުންނެވެ. ދަތް ފަނިކައިފައިވާ މިންވަރާއި ނިސްބަތް އެނގެނީ ވެސް, ދަތުގެ ބޮޑު ބައެއް ފަނިކާ ފަހުންނެވެ.

ދަތް ފަނިކެއުމަކީ ރާއްޖޭގައި އެންމެ އާއްމު، ދަތުގެ މައްސަލަ އެވެ. އެންމެ ބޮޑަށް މި މައްސަލަ އާއްމުވެފައި ވަނީ ކުޑަކުދިންގެ ތެރޭގަ އެވެ. ދަތް ފަނިކައިފައިވާކަން ގިނަ ފަހަރަށް ރޭކާލަނީ ވެސް, ހިރުގަނޑާއެއްކޮށް ދުޅަވެ, އިންފެކްޝަން އުފެދި ތަދުވާން ފަށާ ހިސާބުންނެވެ. ދަތް ފަނިކައިފައިވާ މިންވަރާއި ނިސްބަތް އެނގެނީ ވެސް, ދަތުގެ ބޮޑު ބައެއް ފަނިކާ ފަހުންނެވެ.

މި މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ ދަތްތައް ރަނގަޅަށް ސާފުކުރުމެވެ. ޓްރީ ޓޮޕްގެ ޑެންޓިސްޓު ޑރ. އިލްހާމް ޝަރީފް ވިދާޅުވި ގޮތުގައި ކުޑަކުދިންގެ މެދުގައި ދަތް ފަނިކާމިންވަރު މަދުކުރުމަށް އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅަކީ އަނގައިގެ ސާފުތާހިރުކަމަށް ކުދިން އަހުލުވެރިކޮށް, އެކަން ރަނގަޅަށް ކުރުމަށް ހިތްވަރުދިނުމެވެ.

"ހެނދުނު ހޭލާފައި ދަތް އުނގުޅަން އެންމެ ރަނގަޅީ ބްރެކްފަސްޓަށް ފަހު 30 މިނެޓުކޮށްފައި. ހެނދުނު ދަތް އުނގުޅުމާއި ރޭގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ ދަތް ފަނިކެޔަ ނުދޭން ކުރެވޭނެ އެއްމެ މުހިންމު އެއް ކަންތައް. ދެން ކުރެވެން އޮތް ކަމަކީ ފްލޮސްކުރުން. ފްލޮސް ކުރީމާ ދަތްތަކުގެ ބުޑު ސާފު ވާނީ. މިއީ ބުރުހުން ސާފުނުކުރެވޭ ތަންތަން ސާފުކުރަން ކުރަން ޖެހޭ ކަމެއް." ޑރ. އިލްހާމް ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ދަތްތަކުގެ ބުޑުން އާއްމުކޮށް ފަނިކާން ދިމާވާ މައިގަނޑު ސަބަބަކީ ދަތްތަކުގެ ބުޑުގައި ތާށިވެފައި ހުންނަ އެއްޗިހި ސާފުނުކުރެވުމެވެ. ދަތްތަކުގެ ބުޑުގައި ކާ އެއްޗެހި ތާށިވެ ދަތުގެ ބުޑުން ފަނިކާން ފަށައިފި ނަމަ އާއްމުކޮށް ދަތް ފަނިކެއުން ޕްރޮގްރެސްވާ މިންވަރަށް ވުރެ އަވަހަށް ފަނިކެއުން ޕްރޮގްރެސްވެގެން ދާނެ އެވެ.

ޑެންޓިސްޓް ޑރ. އިލްހާމް: ދަތްފަނިކެއުމުން ސަލާމަތްވާން އެންމެ މުހިންމު އެއް ކަމަކީ އަނގައިގެ އެތެރެ ރަނގަޅަށް ސާފުކޮށްފައި ބެހެއްޓުން ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑެންޓިސްޓް ޑރ. އިލްހާމް: ދަތްފަނިކެއުމުން ސަލާމަތްވާން އެންމެ މުހިންމު އެއް ކަމަކީ އަނގައިގެ އެތެރެ ރަނގަޅަށް ސާފުކޮށްފައި ބެހެއްޓުން ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދަތް ފަނިކެއުމުން ރައްކާތެރިވުމަށް ފްލޮރޮއިޑްސް ހުންނަ ކާއެއްޗެހި ކެއުމުގެ މުހިންމުކަމާއި ފްލޮރޮއިޑްސް ހުންނަ ޓޫތްޕޭސްޓު ބޭނުންކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ޑރ. އިލްހާމް ވިދާޅުވި އެވެ. އަދި ކޮންމެ ހަ މަހަކުން ދަތްތަކުގެ ޗެކަޕް ހެދުން މުހިންމުކަމަށާއި ދަތް ފަނިކާ ނަމަ ޑޮކްޓަރުގެ އިރުޝާދާ އެކު ކޮންމެ ތިން މަހަކުން ޑެންޓިސްޓަކަށް ދިއުމަކީ މުހިންމުކަމެއްގެ ގޮތުގައި ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

ދަތް ފަނިކެއުން ފަދަ އަނގައިގެ އެކި ބަލިތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާލިބެން ހުންނާނެ އެވެ. ދަތް ފަނިކެއުމުން, ފަނިކައިފައިވާ ދަތުގެ ބައި ނެގުމާއި, ފިލް ކުރުމާއި, ދަތްތައް ސާފުކުރުމާއި ދަތުގެ އެކްސްރޭ ނެގުން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.

ދަތް ފަނިކެއުމުގެ އިތުރުން އާއްމުކޮށް ދިވެހިންނަށް ކުރިމަތިވާ ޖިންޖަވައިޓަސް ފަދަ ހިރުގަނޑުގެ އެކި ބަލިތަކުގެ ފަރުވާ އާއި ވިޒްޑަމް ޓޫތު ނެގުމާއި އަނގަޔަށް ޖެހޭ އެހެން ބަލިތަކާއި މައްސަލަތައް ދެނެގަނެ އެ މައްސަލަތަކާއި ބަލިތަކަށް ބޭނުންވާ ފަރުވާ ވެސް މި ހޮސްޕިޓަލުން ދެ އެވެ.

ދަތް ފަނިކެއުމާއި އަނގައިގެ އެކި ބަލިތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ތުއްތު ކުދިންނަށް ބޮޓްލް ފީޑް ކުރާނަމަ, ފީޑްކޮށް ނިންމުމަށް ފަހު އަނގަ ރަނގަޅަށް ސާފުކުރުމަށް ޑރ. އިލްހާމް އިރުޝާދު ދެއްވަ އެވެ. އަދި ފޮނި ކާ އެއްޗިސާއި ދަތުގެ މަތީ ފަށަލައަށް ގެއްލުންވާ ކާބޮނޭޓަޑް ޑްރިންކްސް ކުޑަކުދިންނަށް ނުދިނުމަށް އިލްތިމާސް ކުރެ އެވެ.

ޑރ. އިލްހާމް ވިދާޅުވި ގޮތުގައި ކުއްޖާގެ ހުންނަ ނަފްސާނީ ބައްޔެއްގެ ސަބަބުން ނުވަތަ އުފެދުމުގައި ހުންނަ ބައްޔެއްގެ ސަބަބުން އަނގަތެރެ ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން އުނދަގޫ ނަމަ ކޮންމެހެން ވެސް ޑެންޓިސްޓެއްގެ އެހީގައި އަނގަތެރެ ސާފުކުރުން މުހިންމު ކަމަށެވެ.

ދަތް ފަނިކެއުން ފަދަ އަނގައިގެ ބަލިތަކަކީ ފަސޭހައިން ރައްކާތެރިވެވެން އޮތް ކަމެކެވެ. ރައްކާތެރިކަން ހޯދުމަށް މިހާރުން ފެށިގެން ދަތް ފަނިކައިފައި ވޭތޯ އާއި ފަނިކައިފައިވާ މިންވަރު ދެނެގަތުމަށް ޑެންޓިސްޓަކަށް ދެއްކުން މުހިންމެވެ.

ނޯޓު: މިއީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.