Roadha Mihaaru
ޓެކާސް ގްރޭޓާ މާލެ ކަޕް: ޗެމްޕިއަންކަން ގާފަރަށް

ޓެކާސް ގްރޭޓާ މާލެ ކަޕް: ޗެމްޕިއަންކަން ގާފަރަށް

21 ޑިސެމްބަރ 2023

ފައިނަލްގައި ބީޖީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 އިން ކުރި ހޯދައިގެން ޓެކާސް ގްރޭޓާ މާލެ ކަޕްގެ ޗެމްޕިއަންކަން ގާފަރު ފުޓްސަލް ޓީމު ހޯދައިފި އެވެ.

ފައިނަލްގައި ބީޖީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 އިން ކުރި ހޯދައިގެން ޓެކާސް ގްރޭޓާ މާލެ ކަޕްގެ ޗެމްޕިއަންކަން ގާފަރު ފުޓްސަލް ޓީމު ހޯދައިފި އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ގާފަރުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ހަތްވަނަ މިނިޓުގައި އަލީ މާއިސް (މައްޓު) ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލައި ލީޑު ނަގައިދިނީ ސާމިން މުހައްމަދު ނަސީރެވެ. އަދި ބީޖީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުން އެޓީމުން ވަނީ ފަސް މިނިޓު ތެރޭ ލީޑު ފުޅާ ކޮށްފަ އެވެ.

ދެވަނަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިބުނު ހިލޭ ޖެހުމަކުން ހައްފާފް ސިދުގީ ބީޖީ އަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް، އިތުރު ވަގުތުގައި އިބްރާހިމް ރިމާހު ވަނީ ގާފަރުގެ ތިންވަނަ ގޯލު ޖަހައިދީފަ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް މި ދެޓީމު ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕް ސްޓޭޖުގައި މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.

މުބާރާތުގެ ރަނަރަޕް ޓީމް، ބީޖީ ސްޕޯޓްސް ކްލަބް.-- ފޮޓޯ: ޓެކާސް

މުބާރާތުގެ ރަނަރަޕް ޓީމް، ބީޖީ ސްޕޯޓްސް ކްލަބް.-- ފޮޓޯ: ޓެކާސް

ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގެ ޗީފް ގެސްޓުގެ ގޮތުގައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެ ވަޑައިގަންނަވާފައި ވާއިރު، ހާއްސަ މެހެމާނުންގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް، ޝަމްއާން މުހައްމަދު ވަހީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ގާފަރު ޓީމުގައި އެންމެ ތަފާތު ކުޅުމެއް ދެއްކި މައްޓު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ގާފަރުގެ ސާމިން އާއި ރިމާހުގެ އިތުރުން، ބީޖީ ސްޕޯޓްސްގެ މުހައްމަދު ޔަފާއު (ޔާ) އާއި ފަސްގަނޑު ސްޕޯޓްސްގެ ތޮލާލް ނަސީރާއި ޖޭޖޭ ސްޕޯޓްސްގެ އަލީ ޝިޔާހު އެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ގާފަރުގެ ފައްޔާޒް ފަޔާޒް (ފައިއްޓެ) ހޮވުނު އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގާފަރުގެ އަހުމަދު ނިޝާން (ކާނޫ) އެވެ.

މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ 10 ގޯލު ޖެހި ތޮލާލެވެ. އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވުނީ ހަތް ގޯލު އެސިސްޓް ކުރި ފަސްގަނޑުގެ އަބްދުﷲ ވިޝާމް އެވެ. އަދި ފެއާޕްލޭ ޓީމަކީ ފަސްތަރި ސްޕޯޓްސް ކްލަބެވެ.