Roadha Mihaaru
ޕާސްޕޯޓް ނަގަންދާއިރު އައިޑީކާޑު ދެން ބޭނުމެއް ނުވާނެ

ޕާސްޕޯޓު ނަގަން އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް ހަދައިފި

21 ޑިސެމްބަރ 2023

ޕާސްޕޯޓުގެ ވެރިފަރާތުން އިމިގްރޭޝަނަށް ޕާސްޕޯޓް ނަގަންދާއިރު އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕާސްޕޯޓުގެ ވެރިފަރާތުން އިމިގްރޭޝަނަށް ޕާސްޕޯޓް ނަގަންދާއިރު އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފި އެވެ.

މީގެ ކުރިން ޕާސްޕޯޓު ނަގަން ވެރިފަރާތުން ދާނަމަ ވެސް އައިޑީ ކާޑު ނެތި ޕާސްޕޯޓް ދުލެއް ނުކުރެ އެވެ.

އިމިގްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިލެކްޓްރޯނިކް ޕާސްޕޯޓާ ވެރިފަރާތުން ހަވާލުވާ ނަމަ އައިޑީ ކާޑު ގެންދަން ނުޖެހޭނެ ކަމަށެވެ.

ކުޑަކުދިންގެ ޕާސްޕޯޓް ބަލައި ބެލެނިވެރިޔާ ދާއިރު ވެސް މިހާރު އައިޑީކާޑު ގެންދާކަށް ނުޖެހެ އެވެ. އައިޑީކާޑުގެ ފޮޓޯއެއް ދެއްކުމުން ޕާސްޕޯޓް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން ނޮން-އިލެކްޓްރޯނިކާއި އިމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައި ވެސް ވެރިފަރާތުން ޕާސްޕޯޓާ ހަވާލުވާ ނަމަ އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް ވަނީ ހަދައިފަ އެވެ.

ޕާސްޕޯޓުގެ ވެރިފަރާތް ނޫން މީހަކު ބަލައި ދާ ނަމަވެސް ކުރިއަށް ވުރެން ފަސޭހަ ލުއިތަކެއް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

މަޖުބޫރު އުޒުރެއް އޮވެގެން ވެރިފަރާތް ނޫން އެހެން މީހަކު ޕާސްޕޯޓާ ހަވާލުވާ ނަމަ އިގުރާރު ސިޓީގައި ވެރިފަރާތުގެ އައިޑީކާޑުގެ ސީރިއަލް ނަމްބަރު ޖެހުމަށްފަހު، ޕާސްޕޯޓާ ހަވާލުވުމަށް އަންނަ މީހާގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ޕާސްޕޯޓު ދޫކުރާނެ ކަމަށް އިމިގްރޭޝަންގެ އިއުލާންގައިވެ އެވެ.

މި ބަދަލުތައް ގެނައުމަށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ރައްޔިތުންނަށް ހިދުމަތްދިނުމުގައި ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދަވައިދެއްވުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހެއްދި އެވެ. އަދި މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް 32،500 ޕާސްޕޯޓް ހައްދާފައިވެ އެވެ.