Roadha Mihaaru
ބިދޭސީން ފިލަން ދާތީ ރަށްރަށުގައި އޮޕަރޭޝަން ހިންގަނީ

ބިދޭސީން ރަށްރަށަށް ފިލަން ދާތީ އަތޮޅު ތެރޭގައި އޮޕަރޭޝަން ހިންގަނީ

29 އޯގަސްޓް 2024

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލޭ ސަރަހައްދުގައި އޮޕަރޭޝަންތައް ފެށުމާ އެކު ބިދޭސީން ފިލަން ރަށްރަށަށް ދާތީ މި އޮޕަރޭޝަން ރަށްރަށަށް ފުޅާކުރާނެ ކަމަށާއި އަދި ބިދޭސީން ފިލަން އެހީވާ ދިވެހިންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލޭ ސަރަހައްދުގައި އޮޕަރޭޝަންތައް ފެށުމާ އެކު ބިދޭސީން ފިލަން ރަށްރަށަށް ދާތީ މި އޮޕަރޭޝަން ރަށްރަށަށް ފުޅާކުރާނެ ކަމަށާއި އަދި ބިދޭސީން ފިލަން އެހީވާ ދިވެހިންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުން އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ މި އޮޕަރޭޝަންތަކާ އެކު ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަމުންދާ މައުލޫމާތު އެ އިދާރާއަށް ވެސް ލިބެމުންދާ ކަމަށެވެ.

އެހެންވެ، މި އޮޕަރޭޝަންތައް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރެއިޑް އޮޕަރޭޝަންތަކާއި މި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތައް އަޅުގަނޑުމެން އަތޮޅު ތެރެއަށް ފުޅާ ކުރާނަން. އޭރުން މުޅި ހައްލެއް ތިކަމުގައި ރަށްރަށަށް ވެސް ދެވިގެންދާނެ ކަމަށް ގަބޫލު ކުރަނީ،" ޝައްމާން ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވީ ރަށްރަށަށް މީހުންނަށް އެރޭނީ ކައުންސިލްތަކުގެ ހުއްދަ ލިބިގެން ކަމަށް ވާއިރު، ކައުންސިލުތަކުން ވެސް ޒިންމާ އަދާކުރަންޖެހޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުވުމަށް ބައެއް ދިވެހިން މަސައްކަތް ކުރާތީ އެކަމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވި ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ފޮރުވައިގެން ގެންގުޅުމަކީ ކުށެއް ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ދެވޭނެ އަދަބުތައް ވެސް އިމިގްރޭޝަންގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ގަވައިދާ ހިލާފަށް އޫޅޭ ބިދޭސީން ފޮރުވުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ރައްކާތެރިކަމަށް ބެހެއްްޓުމާއި މިއީ ގާނޫނާ ހިލާފު ކަމެއް. އެހެންވީމަ އިމިގްރޭޝަން ގާނޫނުން އެފަދަ ފަރާތްތަކަށް ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ދެވޭ،" އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކާ އެކު ގިނަ އަދަދެއްގެ ބިދޭސީން ހދ. ކުޅުދުއްފުއްޓަށް ދާ މައްސަލަ ބޮޑުވެ، އެރަށު ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޝައްމާން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ކައުންސިލުން ވަނީ މާލޭގައި ތިބި އިމިގްރޭޝަންގެ އޮފިސަރުންނާ ބައްދަލުކުރަން އެދިފަ އެވެ. އެހެންވެ، އެ މައްސަލާގައި ކުރިއަށް ދާނެ ވަކި ގޮތެއް އެނގޭނީ ބައްދަލުވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"ކުޅުދުއްފުށިން ރިޕޯޓު ކޮށްފައިވޭ މާލޭގައި ތިބި ފަރާތްތަކަށް ބައްދަލުކުރަން. ސީދާ އެއްޗެއް ދަންނަވާލެވޭނީ ކައުންސިލާ އެކު ބައްދަލުވުން ބާއްވާފައި. އެ ބޭފުޅުން [ކައުންސިލުން] އެކަމަށް ރިކުއެސްޓް ކުރާ ނަމަ، އަޅުގަނޑުމެން އެޓެންޑްވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންސްޕެކްޝްތަކުގައި އެފަދަ ކަންކަން ފާހަގަވާ މިންވަރަކުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގަނެ، ޑީޕޯޓްކޮށްފަ އެވެ.