Roadha Mihaaru
މޮރިޝަސް ސިޓީ ތަރުޖަމާކުރަނީ؛ މަޝްވަރާ ސިއްރެއް ނުވާނެ

މޮރިޝަސް ސިޓީ ދިވެއްސަށް ތަރުޖަމާކޮށް، 241 ކޮމިޓީގެ މަޝްވަރާ ސިއްރު ނުކުރަން ނިންމައިފި

13 ޑިސެމްބަރ 2023

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ދިވެހި ބަހަށް ތަރުޖަމާކޮށް، އެ ސިޓީ އާ މެދު ކުރާ މަޝްވަރާ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ދިވެހި ބަހަށް ތަރުޖަމާކޮށް، އެ ސިޓީ އާ މެދު ކުރާ މަޝްވަރާ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ ސިޓީއަކީ ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަށް ފޮނުއްވި ސިޓީއެއް ކަމަށް އިދިކޮޅުން ތުހުމަތުކޮށް އެ ސިޓީ އާންމުކުރުމަށް ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރި އެވެ. އެކަމަކު ދޭދޭ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ސިޓީފުޅުތައް އާންމުކުރުމުން ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ، އެ ސިޓީ އާންމުކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން ވަނީ ސިއްރު ހިފަހައްޓަން އެދި އެ ސިޓީ މަޖިލީހުގެ 241 ކޮމިޓީގެ އިތުރުން ބާ ކައުންސިލާ ހިއްސާކޮށްފަ އެވެ.

އެ ސިޓީގެ މައްސަލަ މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ހިއްސާކުރުމުން، އެ ސިޓީގައި ސިއްރު ޖަހާފައިވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދު ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސިޓީއާ ގުޅުވައިގެން އެމްޑީޕީގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.

"އަޅުގަނޑުމެން ބޭނުން [ސިޓީ އާ ގުޅުވައި] އޭރު ހެދި ދޮގުތައް އާންމުންނަށް ވެސް އެނގެން،" އޭނާ ވިދާޅުވި އެވެ.

އެ ސިޓީއާ މެދު މަޝްވަރާ ކުރުމުގެ ކުރިން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އެ ސިޓީ އޮތީ އިނގިރޭސި ބަހުން ކަމަށްވާތީ، އޭގައި އޮތް އެއްޗެއް ރަނގަޅަށް ފަހުމް ވާނެ ގޮތަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް މެދުވެރި ކުރައްވައިގެން ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް ހުށަހަޅުއްވާފަ އެވެ.

އެ ހުށަހެޅުމަށް ތާއީދު ލިބުމުން، ސަލީމް ވަނީ އެ ސިޓީ ތަރުޖަމާކުރުމަށްފަހު، އެ ސިޓީ އާ މެދު ކޮމިޓީގައި ކުރެވޭ މަޝްވަރާ، އާންމުކޮށް ހުޅުވާލައިގެން، ބައްދަލުވުން ސިއްރު ނުކުރެވޭ ގޮތަށް ހުށަހަޅުއްވައިފަ އެވެ.

އެ ހުށަހެޅުމަށް އެހެން މެމްބަރުން އިއުތިރާޒު ނުކުރުމުން، އެ ކަން އެ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު ހާމަކުރަން ދެކޮޅު ހަދަމުން ދަނިކޮށް، ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެ ސިޓީ ވަނީ ސޯޝަލް މީޑިޔާގައި ލީކުވެފަ އެވެ.

ޓްވިޓާގައި އާންމުކުރި ސިޓީގައި އޮތީ، ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އދ. ގައި ދެން އެންމެ އަވަހަށް ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ.

މީގެ ކުރިން މޮރިޝަސްއަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް އެ ސިޓީފުޅުގައި ބުނެފައިވެ އެވެ.

ނަމަވެސް، ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ތާއީދު ކުރަނީ، ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ޗާގޯސްއާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް ކަމަށް ވެސް އެ ސިޓީގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.

ލީކުވި ސިޓީއަކީ ސައްހަ އެއްޗެއް ކަން އޭރު ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.