Roadha Mihaaru
މިނިސްޓަރަށް ދޭ ނޯޓިސް ތިން ދުވަހަށް ކުރު ކުރަނީ!

ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް، މިނިސްޓަރާ އެހެން ސުވާލުތައް ކުރެވޭ ގޮތް ހަދަނީ

13 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިނިސްޓަރަކާ ކުރެއްވުމަށް ސުވާލެއް ފޮނުވުމުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދޭން ޖެހޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ރަސްމީކޮށް ހުށަހަޅާ ސުވާލުތަކުގެ ބޭރުން ވެސް މެމްބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިނިސްޓަރަކާ ކުރެއްވުމަށް ސުވާލެއް ފޮނުވުމުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދޭން ޖެހޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ރަސްމީކޮށް ހުށަހަޅާ ސުވާލުތަކުގެ ބޭރުން ވެސް މެމްބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) އެ ގޮތަށް ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލިހުގެ ގާނޫނުގެ ތެރެއަށް ފައްތައިގެން ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މެމްބަރުންނަށް ދެއްވަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން މެންބަރަކު މިނިސްޓަރަކަށް ސުވާލެއް ފޮނުވުމުން އެކަމަށް ނޯޓިސް ފޮނުވައި 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބު ދޭން ޖެހޭނެ އެވެ.

ނަމަވެސް މޯޑުގެ އިސްލާހުގައި ވަނީ އެ މުއްދަތު ރަސްމީ ބަންދު ނޫން ތިން ދުވަހަށް ކުރުކޮށްފަ އެވެ.

އެ ގާނޫނުގެ 16 ވަނަ މާއްދާ އިސްލާހު ކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ މާއްދާގައި ބުނާ ގޮތުން، މެންބަރުންނަށް އިތުރު ސުވާލެއް ކުރެވޭނީ ނޯޓިސް ދީގެން މިނިސްޓަރާ ކުރި ސުވާލުން ނުވަތަ އެ ސުވާލަށް އެ މިނިސްޓަރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް އެކަންޏެވެ.

އެހެން ސުވާލަކަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ ކަމަށް އެ ގާނޫނުގައި މިހާރު ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

މޯޑު ހުށަހެޅުއްވި އާ އިސްލާހުގައި ބުނާ ގޮތުން އެ މިނިސްޓަރެއްގެ އިހުތިސާސްގައި ހިމެނޭ އެހެނިހެން މަސައްކަތާ ގުޅުން ހުރި ސުވާލުތައް ވެސް މެންބަރުންނަށް ކުރެވޭނެ އެވެ.

މި އިސްލާހު ހުށަހަޅާފައި ވަނީ އިއްޔެގެ ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާޒިރުކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ފޮނުއްވި ސުވާލު ފިޔަވައި އެހެން އެއްވެސް ސުވާލެއް މިނިސްޓަރާ ކުރައްވަން މަޖިލީހުގެ ރައީސް އަސްލަމް ފުރުސަތު ނުދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެހެނިހެން ސުވާލުތައް ކުރަން މެންބަރުންނަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ، އެއީ ގާނޫނުގައި ލިޔެފައި އޮތް ގޮތް ކަމަށާއި ކަމާ ނުގުޅޭ ސުވާލުކުރަން ބޭނުން ނަމަ ގާނޫނު އިސްލާހު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވި އެވެ. އެ ބައްދަލުވުމުގައި ވެސް ގިނަ މެންބަރުން ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނު އިސްލާހު ކުރަން މަޝަވަރާ ކުރައްވައިފަ އެވެ.