Roadha Mihaaru
އެސޯސިއޭޝަން ކަޕްގެ ޖާގަ އާބަންކޯ އާއި ސިޓީ އަަށް

އެސޯސިއޭޝަން ކަޕްގެ ޖާގަ އާބަންކޯ އާއި ސިޓީ ސްޕޯޓްސް އަަށް

13 ޑިސެމްބަރ 2023

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުން ކްލަބް އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުން ކްލަބް އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

އާބަންކޯ އާއި ސިޓީ ސްޕޯޓްސް ފައިނަލް ބުރުން ޖާގަ ހޯދީ އިއްޔެ ކުޅުނު ޕްރިލިމިނަރީ ބުރުގެ ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ސޯޝަލް ސެންޓާރުގެ އިންޑޯ ކޯޓުގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި ސިޓީ ސްޕޯޓްސް ބައްދަލުކުރީ އައްޑޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ސިޓީ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-22، 25-13، 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީގެ މުހައްމަދު ރިމާޒް އެވެ.

އާބަންކޯ އިން ވަނީ ރޭ އެސްޕިރޭޝަން ފޯ އޯލް އިނީޝީއޭޓިވް (އާއި) އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިންގެ މޮޅު ކުޅުމާ އެކު އާބަންކޯ އިން ސެޓްތައް ގެންދިޔައީ 25-14، 25-15، 25-17 އިންނެވެ.

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޕްރިލިމިނަރީ ބުރު ކުރިއަށް ގެންދިޔައީ 15 ޓީމާ އެކު އެވެ. އޭގެ ތެރޭން އާބަންކޯ އާއި ސިޓީ ސްޕޯޓްސް ފައިނަލް ބުރުން ޖާގަ ހޯދާފައި ވާއިރު، ފައިނަލް ބުރުގައި ދެ ޓީމު ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނުނު، ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަދި ކްލަބް ވެމްކޯ އާއި ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީއާ އެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.