Roadha Mihaaru
ރަނަރަފް ޕޮލިހަށް ފުރަތަމަ މެޗު ކާމިޔާބު

ރަނަރަފް ޕޮލިހަށް ފުރަތަމަ މެޗު ކާމިޔާބު

10 ޑިސެމްބަރ 2023

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަނުގެ ކުޅުން ފެށިގެން ކުރިއަށް ދާއިރު، އެންމެ ފަހު ދެ ފަހަރު ވެސް ފައިނަލްގައި ކުޅުނު ޕޮލިސް ކްލަބު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަނުގެ ކުޅުން ފެށިގެން ކުރިއަށް ދާއިރު، އެންމެ ފަހު ދެ ފަހަރު ވެސް ފައިނަލްގައި ކުޅުނު ޕޮލިސް ކްލަބު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި އިއްޔެ ފެށި މުބާރާތުގެ ގުރޫޕް ސްޓޭޖު ފެށީ ޕޮލިސް އާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ބައްދަލުކުރި މެޗުންނެވެ. ސީދާ ތިން ސެޓުން ޕޮލިހުން މެޗު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ އަންޗަނާ ޗަންގްކަމްގެ މޮޅު ކުޅުމާއެކު އެވެ. އެޓީމުން ސެޓްތައް ގެންދިޔައީ 25-17، 25-15، 25-11 އިންނެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރާ 12 ޓީމު ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. އެންމެ ފަހު ދެ ފަހަރުގެ ޗެމްޕިއަން ކްލަބް ވެމްކޯ ހިމެނެނީ ގުރޫޕް ތިނެއްގަ އެވެ. އެޓީމުގެ ފުރަތަމަ މެޗުގައި މާދަމާ މެންދުރު 12:15 ގައި ލޮރެންޒޯ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު، ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. އަދި ގުރޫޕްތަކުން ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް ވެސް ކުއާޓާގެ ފުރުސަތު ލިބޭނެ އެވެ.

• ގުރޫޕް 1: ޕޮލިސް ކްލަބް، ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް، ހިންމަފުށި ވިކްޓޯރިއަަސް އެސްސީ، ވޮލީބޯލް އެކަޑަމީ

• ގުރޫޕް 2: ޔޫތު ނިއު ޖެނެރޭޝަން، އަލްމާ ސްޕޯޓްސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ހުޅުމާލެ ފްރެންޑްސް އެސްސީ

• ގުރޫޕް 3: ކްލަބް ވެމްކޯ، ލޮރެންޒޯ ސްޕޯޓްސް ކްލަބް، އަސްދިގާ ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް ހޯކްސް

އިއްޔެ ކުޅުނު ދެވަނަ މެޗު ހިންމަފުށި ވިކްޓޯރިއަަސް ކާމިޔާބުކުރީ 25-12، 25-21، 25-9 އިންނެވެ. ގުރޫޕް 2 ގައި ހިމެނޭ އަލްމާ ސްޕޯޓްސް ކްލަބް ވަނީ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި 25-9، 25-18، 25-12 އިން ސެޓްތައް ގެންގޮސްގެން ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފަ އެވެ. އަދި ރޭ ކުޅެވުނު މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ 25-7، 25-10، 25-8 އިން ހުޅުމާލެ ފްރެންޑްސް ބަލިކޮށްފަ އެވެ.

ފިރިހެން ޑިވިޝަން ޕްރިލިމިނަރީގެ ކުއާޓާ މިއަދު

ފިރިހެން ޑިވިޝަނުގެ ޕްރިލިމިނަރީ ބުރުގެ ގުރޫޕް ސްޓޭޖުގެ މެޗްތައް ހުކުރު ދުވަހު ވަނީ ނިމިފަ އެވެ.

ހަތަރު ގުރޫޕުން ވެސް އެންމެ ރަނގަޅު ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވުނުއިރު، ކުއާޓާގެ މެޗުތައް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުއާޓާ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ތިން ޓީމެއް ވަނީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ގުރޫޕް 1 ގެ އެއްވަނަ ހޯދި ކްލަބް ހާފް ލައިން ލިންކޭޖް އާއި ގުރޫޕް 2 ގެ އެއްވަނަ ހޯދި ކްލަބް އާބަންކޯ އަދި ގުރޫޕް 3 ގެ އެއްވަނަ ހޯދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި މެންދުރު 12:15 ގައި ބައްދަލުކުރާނީ ކްލަބް ހާފް ލައިން ލިންކޭޖް އާއި އައްޑޫ ސްޕޯޓްސް ކްލަބެވެ. ރަންވެލި ސްޕޯޓްސް ކްލަބާއި ކްލަބް އާބަންކޯ ބައްދަލުކުރާނީ މެންދުރު 2:15 ގަ އެވެ. ހަވީރު 4:15 ގައި ގުޑީސް ސްޕޯޓްސް ކްލަބާއި ސިޓީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު މިރޭ 8:15 ގައި ބައްދަލުކުރާނީ އެސްޕިރޭޝަން ފޯ އޯލް އިނީޝީއޭޓިވް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ.