Roadha Mihaaru
ޖާބިރު މަޖިލީހުގައި އަޑުގަދަކުރާތީ ނަން އިއްވައިފި

މިނިސްޓަރު ސައީދާ މެދު ހިތްހަމަނުޖެހި، ހަޅޭއްލަވާތީ ޖާބިރުގެ ނަން އިއްވައިފި

12 ޑިސެމްބަރ 2023

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރެއްވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރެއްވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފި އެވެ.

މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސައީދަށް މެމްބަރަކު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަން ވަޑައިގެން ވަޒީރުންނަށް ހާއްސަ ގޮނޑިކޮޅުގައި އިންނަވަނިކޮށް ސައީދާ ދެކޮޅަށް ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވީ އެވެ.

ޖާބިރު ވަނީ އެ މޭޒު ކައިރީގައި ހުންނަވައިގެން ސައީދާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އަޑުގަދަކޮށް، ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި ރިޔާސަތުން ޖަލްސާ ފައްޓަވައި ސުވާލު ކުރުން ކުރިއަށް ގެންދެވުމުން ވެސް ޖާބިރު ގެންދެވީ އެކަމަށް ހުރަސް އަޅުއްވަމުންނެވެ.

އެ މައްސަލާގައި ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ތަކުރާރުކޮށް ނަސޭހަތް ދެއްވުމުން ވެސް ޖާބިރު ގެންދެވީ މަޖިލީހުގައި ސައީދު ދެއްވާ ޖަވާބުތައް މެންބަރުންނަށް އަޑު ނީވޭ ވަރަށް އަޑުގަދަ ކުރައްވަމުންނެވެ.

ރިޔާސަތުން ޖާބިރަށް ސުވާލު ކުރަން ފުރުސަތު ދެއްވުމުން އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި ހިޔާނާތްތަކާއި އެމްއެމްޕީއާރުސީގެ މައްސަލައާ ސައީދާ ގުޅުވައި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ނަމަވެސް އެއީ ސުވާލެއް ގޮތުގައި ރިޔާސަތުން ބަލައެއް ނުގަތެވެ. އެ މައްސަލާގައި ޖާބިރު އަނެއްކާވެސް އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވި އެވެ.

ނަން އިއްވުމާ ގުޅިގެން ޖާބިރު ވަނީ ސައީދު ކުރިމަތީގައި ބިންމަތީ އިށީނދެވަޑައިގެން އަޑުގަދަ ކުރައްވައިފަ އެވެ. އެހެންވެ ރިޔާސަތުން ނިންމީ ޖާބިރު މަޖިލިހުގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިޔަށް ގެންދިޔުމަށެވެ. އެހެންވެ، ފަހުން އޭނާ ވަނީ މަޖިލިސް ދޫކުރައްވައި އަމިއްލަ އަށް ބޭރަށް ވަޑައިގެންފަ އެވެ.