Roadha Mihaaru
މައިކު ބިންދާލުމުން ޖާބިރުގެ ސުލޫކީ މައްސަލަ ބަލަނީ

މައިކު ބިންދާލި މައްސަލައިގައި ޖާބިރުގެ ސުލޫކީ މައްސަލަ ބަލަނީ، މައިކު ހަދަން 5،100ރ.

05 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޖާބިރު އިއްޔެ ޖަލްސާ އަށް ވަޑައިގެންނެވި ގޮތަށް އަޑުގަދަކުރައްވަން ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100 ރުފިޔާ ހަރަދު ވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.

މެންބަރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ޖާބިރު އިއްޔެ އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަން އިއްވެވި އެވެ. ނަން އިއްވުމުގެ ކުރިން ރިޔާސަތުން ދެ ފަހަރަށް އޭނާ އަށް ނަސޭހަތް ދެއްވުމުން ޖާބިރު ބިންމަތީގައި އިށީނދެވަޑައިގަތެވެ. އަސްލަމް ތިން ވަނަ ފަހަރަށް ނަސޭހަތް ދެއްވުމަށް ފަހު، ޖާބިރުގެ ނަން އިއްވައި މަޖިލިސް ދޫކުރައްވަން އެންގެވި އެވެ.