Roadha Mihaaru
ޗާގޮސް މައްސަލަ އަވަހަށް ދިރާސާކޮށް ނިމޭނެ: ރައީސް

ޗާގޮސް މައްސަލަ އަވަހަށް ދިރާސާކޮށް ނިމޭނެ: ރައީސް

06 ޑިސެމްބަރ 2023

ޗާގޮސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމި ނިންމުން އިސްތިއުނާފަށް ހުށަހަޅަން ކުރަން ޖެހޭ ދިރާސާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޗާގޮސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމި ނިންމުން އިސްތިއުނާފަށް ހުށަހަޅަން ކުރަން ޖެހޭ ދިރާސާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޓްރައިބިއުނަލުން ވަނީ، ޗާގޮސް ރަށްތަކުގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅައިފަ އެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބައިކޮށްފަ އެވެ. މިގޮތަށް ބަހާލުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ކަމަށް ބަލައި އެ ބައި ހޯދުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އަދި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ މިހާތަނަށް އެ މައްސަލަ ކެބިނެޓާ ހަމައަށް ނާންނަ ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހާއި ފޮރިން މިނިސްޓްރީގައި މައްސަލަ ދިރާސާކުރުމުގެ އިދާރީ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.

"އެ ދިރާސާކޮށް ވަރަށް އަވަހަށް އިރާދަކުރެވިއްޔާ އެ މައުލޫމާތުތައް އެކުލަވާލައި ޕޭޕަރެއް ގެނެވި އެ މައުލޫމާތު މީޑިއާއަށް ވެސް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

އެކަމަކު އެގޮތަށް ދިމާވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އޭރު ވަރަށް ބޮޑަށް އަމާޒުކުރި އެވެ.

މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޮސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޮސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ.

ނަމަވެސް 2019 މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފަ އެވެ.

މޮރިޝަސް އަށް ޗާގޮސް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކޮށް އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު މޮރިޝަސްގެ ސަރުކާރާ އެކު މަޝްވަރާތައް ވެސް ފެށި އެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިފެންސްގެ މަގާމުގައި ހުންނެވި ގްރާންޓް ޝަޕްސް އެކުލަވާލަމުން އަންނަ އާ ޕްލޭންގެ ދަށުން ޗާގޮސް މޮރިޝަސްއާ ހަވާލެއް ނުކުރާނެ އެވެ.