Roadha Mihaaru
މަންޑޭގެ އަމުރު ބާތިލްކުރާ މައްސަލަ ބަލައެއް ނުގަތް

މަންޑޭގެ މުދާތައް ހިފެހެއްޓި އަމުރު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް

04 ޑިސެމްބަރ 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހެއްޓި އަމުރު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހެއްޓި އަމުރު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެެއްގެ ދަށުންނެވެ. އެ އަމުރު ނެރުނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށެވެ. އަމުރުގައިވާ ގޮތުން ތަހުގީގު ނިމެން ދެން ހިފެހެއްޓީ ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.

އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސްގެ އިތުރުން، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ. އެ އަމުރު ބާތިލްކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ.

އެ އަމުރު ބާތިލްކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް މިދިޔަ މަހުގެ 24 ދުވަހު ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އިއްޔެ އެ ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ކޯޓުން ބުނެފައި ވަނީ އަމުރު ގޯސްވާ ގާނޫނީ ސަބަބެއް ދެއްކިފައިނުވާތީ އެވެ.

މަންޑޭގެ އެޕާޓްމެންޓުން ހިފެހެއްޓި އަގުބޮޑު މުދާ

- ލަގްޒަރީ އަތްދަބަސްތަކުގެ އަގު 90،000 ޑޮލަރު އަރާ. އޭގެ ތެރޭގައި 40،000 ޑޮލަރާއި 50،000 ޑޮލަރަށް ގަތް ދަބަސް އެބަހުރި

- 10،000 ޑޮލަރާއި 15،000 ޑޮލަރަށް ގަނެފައިވާ ގަހަނާ

- 200 އަށް ވުރެ ގިނަ ނުކަނޑާހުރި ބްރޭންޑެޑް ސެންޓުފުޅި

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި މަންޑޭ މައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ އެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު އެބަތިބި ކަމަށާއި އަދި ސައްހަ ނޫން ލިޔުން އުފެއްދުމުގެ ދައުވާ އާއި އޮޅުވާލުމުގެ ދައުވާގެ އިތުރުން ޓެކުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާތައް ވެސް މައްޗަށް ކުރުމަށް ވިސްނަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ގިނަ ދައުވާތަކެއް އެ މައްސަލާގައި ކުރަނީ ގިނަ ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާތީ ކަމަށެވެ. އެގޮތުން 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށާއި އެހެންވެ، ކޮންމެ މީހެއްގެ ބައި ވަކިން ދައުވާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުއްޓަސް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ހަންބޯ ކޮމްޕެނީގެ 95 ޕަސެންޓް ހިއްސާ ޝިއުން ޖިން އަށް އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ. ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކްއާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖެއިން ހަވާލުވި ކުންފުންޏެވެ.