Roadha Mihaaru
އުތުރުތިލަފަޅަށް މި ސަރުކާރުގެ ޕްލޭނެއް އަދި ނެތް

ކުރީގެ ސަރުކާރުން ގޯތި ދޭން ނިންމި އުތުރުތިލަފަޅަށް މި ސަރުކާރުގެ ޕްލޭނެއް އަދި ނެތް

04 ޑިސެމްބަރ 2023

އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދީގެން އެ ތަން ތަރައްގީ ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ގޮތަށް މި ސަރުކާރުން އެ މަސައްކަތް ކުރުމަށް އަދި ޕްލޭނެއް ނެތް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓް ދީގެން އެ ތަން ތަރައްގީ ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ގޮތަށް މި ސަރުކާރުން އެ މަސައްކަތް ކުރުމަށް އަދި ޕްލޭނެއް ނެތް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރު އަދި ދަފްތަރުގައި ޖެހުނުތާ 20 އަހަރު ވެފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގެ މަޝްރޫއެއް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެ ވަނަ ބުރުގެ ވޯޓުގެ ކުރިން އޭރުގެ ސަރުކާރުން އިއުލާންކުރެއްވި އެވެ.

އެކަމަށް އެދި ހުށަހެޅި މީހުންނަށް ގޯތި ދޭން އެ ސަރުކާރުން އިއުލާން ކުރީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުންނެވެ. ސިފައިންނަަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން ބިން ހިއްކައިގެން ގޯތި ދޭނެ ގޮތުގެ ކުރެހުން ވެސް އާންމުކުރި އެވެ. އެކަމަށް ހުޅުވައިލުމުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވެ އެވެ.

ނަމަވެސް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭނުގައި އުތުރު ތިލަފަޅާ ގުޅޭ ގޮތުން މިހާތަނަށް ވަކި ޕްލޭނެއް ހަދާފައެއް ނެތެވެ.

"އިންތިހާބުގެ ވަކި ހިސާބަކުން ކުއްލިއަކަށް އައި ކަމެއް އެއީ. އެހެންވީމާ މިހާރުގެ ސަރުކާރުން އަދި ސީދާ ޕްލޭނެއް ހަދާފައި އޮތް ކަމެއް ނޫން އެއީ. އެހެން ނަމަވެސް، އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު [އަލީ ހައިދަރު] ބައްލަވާނެ އެއީ ކޮން ގޮތަކަށްތޯ އެތަން އެންމެ ރަނގަޅަށް ބޭނުން ކުރެވޭނީ،" މުއްތޮލިބު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމި ގޮތުގެ ކުރެހުމެއް

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމި ގޮތުގެ ކުރެހުމެއް

މިނިސްޓަރު ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރާ ނަމަ އެއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށާއި އެތަން ގުޅުމަށް ވެސް ވަރަށް ބޮޑު މަޝްރޫއެއް ހިންގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، މުއްތޮލިބު ވިދާޅުވީ މި ވަގުތަށް ހަރަދު ކުރަން މުހިންމީ ހިއްކަމުންދާ ގުޅީފަޅާއި ގިރާވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެކަމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

"ވިސްނާލަން ޖެހޭނެ ތިލަފުއްޓާއި ގިރާވަރާ ދެމެދު އަޅާ ބްރިޖަށް ވުރެ ބޮޑު ބްރިޖެއް އަދި އަޅަންޖެހޭނެ އުތުރު ތިލަފަޅާ ހަމައަށް ގުޅާލަންޏާ. އެހެންވީމާ އެ ހުރިހާ ކަމަކަށް ވެސް ބަލާފައި ދައުލަތުން ބަޔަކަށް ބިން ދޭން ޖެހޭނީ. އަނެއްހެން ލޯންޗް ދަތުރަކުން ވެސް ވަރަށް ދުރު އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މި ވަގުތު އަޅުގަނޑަށް މައުލޫމާތު ލިބިފައެއް ނެތް ކުރީ ސަރުކާރުން އިއުލާން ކުރި ގޮތަށް އުތުރު ތިލަފަޅު މަޝްރޫއު ކުރިއަށް ދާނެ ކަމަކަށް."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އުތުރު ތިލަފަޅުން ދިވެހިންނަށް ގޯތި ދޫކުރުމަށް 251 ހެކްޓަރުގެ ބިމެއް ހިއްކާނެ ކަމަށާއި ގުޅީފަޅުން ބްރިޖަކުން އެ ތަން ގުޅާލާނެ ކަމަށެވެ. އެ ސަރުކާރުން ނިންމި ގޮތުން އެ ތަނުން 5،000 އަށް ވުރެ ގޯތި ދެވޭނެ އެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން ސަރުކާރުން ނިންމާފައިވާ ތަނެކެވެ. އަދި އެތަނުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފަ އެވެ.

އިންފްރާސްޓްރަކްޗާ މުއްތަލިބް ވިދާޅުވީ، ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވުނަސް އެ ތަނުގެ ޝޯ ޕްރޮޓެކްޝަން ފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށެވެ. ގިރާވަރާއި ގުޅީފަޅާ ގުޅުވުމަށް ވެސް މާލެ-ވިލިމާލެއާ ދެމެދު އަޅާ ބްރިޖަށް ވުރެ ދިގު ބްރިޖެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ޕްލޭން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން އެކަމާ ގުޅޭ ޕްލޭނެއް ވެސް ހަދާފައި ނެތެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"އަދި ބަޔަކަށް ބިންތަކެއް ދީފައި އޮތް ނަމަވެސް ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގު ހެދުމާއި އަދި ގިރާވަރަށް ގެންނަން ޖެހޭ ބްރިޖް ކަނެކްޝަން އަކީ ވެސް ކުރަންޖެހޭ މަސައްކަތްތަކެއް. ހަރަދު ވެސް ބޮޑު ކަންތައްތަކެއް. އެހެން ނަމަވެސް، އެ ކަންތައްތައް ރައްޔިތުން އާބާދުވާން ބިންތަކެއް ދީފައި ހުރި ތަންތަނަށްވާތީ ކުރަން ޖެހޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.

"ސަތޭކަ ދުވަހުގެ ޕްލޭންގައި އެ މަސައްކަތްތައް ނެތް ނަމަވެސް، ހަމަ އިސްކަން ދީގެން އެ އަށް ބޭނުންވާ ފަންޑިން ހޯދައިގެން އެއަށް މަސައްކަތް ކުރާނެ ކަންތައްތައް އެއީ."

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން، މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އޭރުން މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ.

"ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނިފައި މިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން. ޕްލޭނިން ސްޓޭޖްގައި އަދި އޮތީ. ފަންޑު ހޯދާނެ ގޮތާއި އެފަދަ ޕްލޭނިން ސްޓޭޖްގައި ރައީސް އޮފީސް ތެރޭ އެ މަސައްކަތްތައް އެބަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއީ މާލެ އަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް "ޓޯޓަލް ސޮލިއުޝަން" އެކެވެ. އެ ތަނުން ގޯއްޗާއި ފްލެޓް ވެސް ދޫކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.