Roadha Mihaaru
ފާމިކްސް ކުންފުނީގެ ދިޔާ ބޭސް ވިއްކުން މަނާކޮށްފި

ކެމިކަލް ހުރުމުން ފާމިކްސް ކުންފުނީގެ ދިޔާ ބޭސް މަނާކޮށްފި

30 ނޮވެމްބަރ 2023

ކެމިކަލް ހުރުމުން، ފާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ދިޔާ ބޭސް ވިއްކުން، އެމްއެފްޑީއޭއިން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެމިކަލް ހުރުމުން، ފާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ދިޔާ ބޭސް ވިއްކުން، އެމްއެފްޑީއޭއިން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.

އެއާއެކު، ރާއްޖޭގައި ވިއްކާ ފާމިކްސްގެ ދެ ބޭހަކުން ކެމިކަލް ފެނުމުން އެ ދެ ބޭސް ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފައިވެ އެވެ.

ރާއްޖޭގައި ބޭނުންކުރަން، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީސްގެ ބޭސް. މި ބޭސްތައް ވިއްކުން ވަނީ މަނާކޮށްފައި.

ރާއްޖޭގައި ބޭނުންކުރަން، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީސްގެ ބޭސް. މި ބޭސްތައް ވިއްކުން ވަނީ މަނާކޮށްފައި.

އެ ކުންފުނީގެ ދިޔާ ބޭސްތަކުގައި އެ ކެމިކަލްތައް ހުރިކަމަށް ވެސް، ބޭރުގެ އެހެން ގައުމުތަކުން އާއްމުކޮށް އަންގާފައިވާ ކަމަށް ބުންޏެވެ.

"[ފާމިކްސް] ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މި ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." އެލާޓުގައިވެ އެވެ.

އެކަމާ ގުޅިގެން، ރާއްޖެއިން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީސްގެ ހަ ބޭހެއް ފާމަސީތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލަން އަންގާފައިވެ އެވެ.