Roadha Mihaaru
ހުޅުމާލެ އެކްސިޑެންޓް: އަނިޔާވި ފިރިމީހާ މަރުވެއްޖެ

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެމަފިރިންގެ ތެރެއިން ފިރިމިހާ މަރުވެއްޖެ

28 ނޮވެމްބަރ 2023

ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފަރުވާދެމުން އައި ފިރިމީހާ ރޭ މަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފަރުވާދެމުން އައި ފިރިމީހާ ރޭ މަރުވެއްޖެ އެވެ.

އުމުރުން 59 އަހަރުގެ އެ މީހާއަށް ފަރުވާދެމުން އައީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެކްސިޑެންޓުގައި ދެމަފިރިންގެ ވެސް ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގެ ވަށައިގެން އޮންނަ މަގުގައި ކާރަކުން ތިން ސައިކަލުގައި ޖެހި ހިނގި އެ އެކްސިންޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އަދި އެ ތަނުން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެއީ މިއަދު މަރުވި ފިރިހެން މީހާގެ އިތުރުން އޭނާގެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ފިރިހެން މީހާ މަރުވީ އޭނާ އަށް ފަރުވާދެމުން އަންނަނިކޮށް ރޭ މެންދަމު ކަމަށެވެ. އަދި އަންހެން މީހާ އަށް މިހާރު ވެސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.ެ

ފުލުހުން ކުރިން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނު ތެރޭގަ އެވެ. ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މި ހަފުތާގައި ވަނީ ހަތް ދުވަސް ދީފަ އެވެ.