Roadha Mihaaru
ރަށްރަށް ފަޅުވުމާއި އާބާދުވުން، އާދަޔާޚިލާފު ގޮތަކަށް!

ރަށްރަށް ފަޅުވުމާއި އާބާދުވުމާ ގުޅިފައި ހުރި ވާހަކަތައް، މިއީ ތެދެއް ބާ؟

11 ފެބުރުއަރީ 2017

ރަށެއްގައި ފިތުނަ ފަސާދަ ބޮޑުވެގެން ގޮސް، އެ ރަށަކުން މީހުން ފައިބައިގެން ރަށް ފަޅުވެދާނެ ބާ އެވެ؟

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރަށެއްގައި ފިތުނަ ފަސާދަ ބޮޑުވެގެން ގޮސް، އެ ރަށަކުން މީހުން ފައިބައިގެން ރަށް ފަޅުވެދާނެ ބާ އެވެ؟

މިއީ މިހާރުގެ ޒުވާނުންނަށް ވިސްނައިގަންނަން ފަސޭހަ ކަމަކަށް ނުވިޔަސް، ރާއްޖޭގައި މީހުން އުޅުނު ބޮޑެތި ބައެއް ރަށްރަށް މި ސަބަބާ ހުރެ ފަޅުވެފައިވާ ކަމަށް ތާރީޚީ ލިއުންތަކުން އެނގެ އެވެ. ބުނެވޭ ގޮތުގައި ނ. ކުރެދިވަރާއި ރ. ކޮތާފަރަކީ އޭގެ މިސާލެކެވެ.

މިއީ މުޅިން ހަގީގަތެއް ކަމަށް ސާބިތުކަމާ އެކު ބުނަން ނޭނގުނު ނަމަވެސްް، ތާރީޚީ ބައެއް ލިޔުންތަކާއި މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވެ، ރާއްޖޭގެ މަޝްހޫރު ތާރީޚީ އިލްމުވެރިޔާ މަރުހޫމް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ "ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު"ގައި ވާ ގޮތުން ކުރެދިވަރު ފަޅުވީ އެ ރަށުގައި އުފެދުނު ބޮޑު ފިތުނަވެރިކަމެއްގައި، ވާދަވެރި ދެ ފަރާތުން ހެދި ސިހުރު ހާހޫރައިގެ ސަބަބުން ކަމަށް ބެލެވެ އެވެ. ސިހުރު ހަދާފައިވާ ތަކެތި އެ ރަށުގެ އެކި ތަންތަނުގައި ވަޅުލުމުން، އެތަންތަން ގިރައި "ކަނޑަށް" ވީ ކަމަށް ބުނެ އެވެ.

ކުރިން މީހުން އުޅުނު އެކަމަކު މިހާރު ފަޅުވެފައިވާ ކުރެދިވަރު: މިހާރު މިރަށް ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން-- ފޮޓޯ/ އައިލެންޑްސް 360

ކުރިން މީހުން އުޅުނު އެކަމަކު މިހާރު ފަޅުވެފައިވާ ކުރެދިވަރު: މިހާރު މިރަށް ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން-- ފޮޓޯ/ އައިލެންޑްސް 360

ކުރެދިވަރުގެ ހުކުރު މިސްކިތާއި ގަބުރުސްތާނުން ބޮޑު ބައެއް ގިރައި، ފެން ލޮނުވުމުގެ ސަބަބުން އެރަށު މީހުން ނ. ބޮމަސްދު އަށް ބަދަލުވީ 1943 ގަ އެވެ. އެކަމަކު ބޮމަސްދޫ ވެސް ގިރަން ފެށީ އެވެ.

ބުނެވޭ ގޮތުގައި އޭރު ކުރެދިވަރުގައި ތިބީ، ނ. އަތޮޅުގައި އެންމެ ގަދަޔަށް ސިހުރު ހަދާ އުޅުނު މީހުންނެވެ.

"އެކުޅިވަރު މީހުން ދާ ކޮންމެ ރަށަކުން، މީހުން ފައިބައިގެން ދާން ޖެހެނީ ރަށް ގިރާތީ އެވެ،" ލުުތުފީ އޭނާގެ ފޮތުގައި ލިޔުއްވާފައިވެ އެވެ.

ބޮމަސްދޫ މީހުން ފަހުން ބަދަލުކުރީ ށ. ފަރުކޮޅުފުނަދޫ (މިހާރުގެ ފުނަދޫ) އަށެވެ.

ކުރެދިވަރު ގިރަމުން ދިޔަ ވެލިގަނޑުން ރަށުގެ ދެކުނު ކޮޅުގައި ފިނޮޅެއް އުފެދި، އެ ފިނޮޅު ރަށާ އެކުވެ، ކުރީގެ ކުރެދިވަރުގެ ބޮޑު ރަށެއް އަލުން ވަނީ އުފެދިފަ އެވެ. ކުރެދިވަރުގައި މިހާރު އަންނަނީ ރިސޯޓެއް ހަދަމުންނެވެ.

ކުރެދިވަރު މީހުން ބަދަލުވި ބޮމަސްދޫ: މި ރަށް މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައި

ކުރެދިވަރު މީހުން ބަދަލުވި ބޮމަސްދޫ: މި ރަށް މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައި

ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވައި، އެ ރަށްރަށް އުފެދިފައިވާ ގޮތާއި ރަށުގެ ތާރީޚީ މައުލޫމާތުތައް ހޯއްދަވައިގެން ލުތުފީ ލިޔުއްވި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ރ. ކޮތާފަރަކީ ވެސް ކުރިން މީހުން އުޅުނު އެކަމަކު ފަޅުވި ރަށެކެވެ.

ގަބުރުސްތާނުގެ ގާތަށް މިހާރު ހަލާކުވެފައި ހުރި ނަމަވެސް، ބައެއް ގާތަކުގެ ލިޔުންތަކުން އެނގޭ ގޮތުގައި 1732 ވަނަ އަހަރު ވެސް އެ ރަށުގައި މީހުން ދިރިއުޅުނެވެ. ރަށުގައި ފިތުނަވެރިކަން ބޮޑުވެގެން މީހުން ފައިބައިގެން ދިޔަ ކަމަށް ވަނީ ޅ. ހުރުވަޅި (އެންމެ ފަހުން ހުޅުވި ހުރަވަޅި ރިސޯޓު) އަށެވެ. އެކަމަކު އެ ރަށުގައި ވެސް އެ ފިތުނަވެރިކަން ބޮޑުވެގެން، ބައެއް މީހުން ޅ. ހިންވަރަށް ބަދަލުވި އިރު، އަނެއް ބައި މީހުން ވަޒަންވެރިވީ އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް ނައިފަރުގައި ކަމަށް ވާހަކަ ދެކެވެ އެވެ.

އެ ރަށުން ފޭބި މީހުންގެ ތެރެއިން ބައެއް ހދ. ކުރިނބީއަށް ގޮސް އެ ރަށުގައި އާބާދުވި ކަމަށް ވެސް ލުތުފީ ވިދާޅުވެ އެވެ.

"އާދެ! ފިތުނައަކީ ތަނެއް ނެތިކޮށްލާ ފަދަ ކަމެކެވެ،" މި ރަށްތަކާ ގުޅޭ ގޮތުން ލުތުފީ ލިއުއްވި އެވެ.

ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ

މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 198 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ.

މިހާރު ފަޅުވެފައިވާ ހދ. ކޭލަކުނު: މި ރަށް ފަޅުވީ ކުރި ގަދަ ވިއްސާރައެއްގެ ސަބަބުން ކަމަށް ބުނެ އުޅޭ- ފޮޓޯ/ ބްލޫޕީސް މޯލްޑިވްސް

މިހާރު ފަޅުވެފައިވާ ހދ. ކޭލަކުނު: މި ރަށް ފަޅުވީ ކުރި ގަދަ ވިއްސާރައެއްގެ ސަބަބުން ކަމަށް ބުނެ އުޅޭ- ފޮޓޯ/ ބްލޫޕީސް މޯލްޑިވްސް

ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ "މާ ވިއްސާރަގަނޑެއް" ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ގޮސް އާބާދުވީ އެވެ.

ލުތުފީގެ ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި މި ވިއްސާރައިގައި ށ. އަތޮޅުގެ 17 ރަށެއް ފަޅުވި އެވެ. އޭގެ ތެރޭން އަށް ރަށެއް ފަހުން އާބާދުވީ ކަމަށް އެ ފޮތުގައި ވެ އެވެ.

ކުރިން ގިނަ ބަޔަކު ދިރިއުޅުނު ކޭލަކުނު މި ވިއްސާރައިގައި އެއްކޮށް "ފުނޑުފުނޑު"ވި އިރު މިހާރު އެ އަތޮޅުގައި ވެރިކަން ކުރާ ހދ. ކުޅުފުއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ، ރަށް ފަޅުވި އެވެ.

ކުޅުދުއްފުށި އަލުން އާބާދުވުމާ ގުޅޭ ގޮތުން ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލުތުފީ ލިޔުއްވާފައިވާ ގޮތުގައި އެ ރަށުގައި އަލުން މީހުން ދިރިއުޅެން ފެށީ ގަދަ ވިއްސާރައިގެ ހާދިސާއަށް އަހަރެއް ފަހުން 1820 ގަ އެވެ.

ލުތުފީ ވިދާޅުވީ އެ ވިއްސާރައިގައި ކުޅުދުއްފުށިން ބަޔަކު މަރުވި އިރު ގިނަ ބަޔަކު ރަށުން ފައިބައިގެން ދިޔައީ އެވެ. ގަދަ ވައިގެ ސަބަބުން ގެތައް ބުރައިގެން ދިޔައިރު ރުއްގަސް ވެއްޓުމުގެ ސަބަބުން ގިނަ ގެތަކެއް ހަލާކުވެ، ގޭގެޔާއި ރުއްގަހު ދަށުވެ ވެސް ބަޔަކު މަރުވި އެވެ.

"ވިއްސާރައިގެ އަސަރު މައިތިރިވިއިރު، ރަށުގައި ތިބީ ހަ ކައިވެނީގެ މީހުންނެވެ. މި މީހުންގެ އަދަދެއް ކަނޑައަޅައި އެނގޭ ކަމަކަށް ނުވެ އެވެ،" ލުތުފީ ލިޔުއްވާފައި ވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ވިއްސާރަ ކުރިމަތިވި އިރު ކުޅުދުއްފުށީގެ ކަތީބަކަށް ހުރީ މުއައްލިމް އިސްމާއީލްގެ އަބޫބަކުރެވެ. ވިއްސާރައިގައި އޭނާއަށް ވީ ގޮތެއް ނޭނގެ އެވެ. އަބޫބަކުރުގެ ފިރިހެން ދަރި، ކާސިމް (ކާސިންކަލޭގެ) މި ހާދިސާގައި ސަލާމަތްވި ނަމަވެސް އޭނާގެ އަންހެނުންނާއި އަށް ދަރިން ތިބި ގެ ވެއްޓި، އެ އެންމެން މަރުވީ ކަމަށް ވެސް ބުނެ އުޅޭ ކަމަށް ލުތުފީ ލިޔުއްވަ އެވެ.

ގަދަ ވިއްސާރައެއްގައި ހަލާކުވެ އަދި ފަހުން ފަޅުވި ކަމަށް ބުނާ ހދ. ކޭލަކުނު-- ފޮޓޯ/ ބްލޫޕީސް މޯލްޑިވްސް

ގަދަ ވިއްސާރައެއްގައި ހަލާކުވެ އަދި ފަހުން ފަޅުވި ކަމަށް ބުނާ ހދ. ކޭލަކުނު-- ފޮޓޯ/ ބްލޫޕީސް މޯލްޑިވްސް

ވިއްސާރައިގެ ޚަބަރު މާލެއަށް ލިބުމުން ބަނޑޭރިބޭކަލުން އެ ރަށަށް ވަޑައިގެން ރަށުގައި ތިބި މަދު މީސްކޮޅު ރަށުން ބޭލުމަށް ގަސްދުކުރެއްވި އެވެ. އެކަމަކު އޭރު ރަށުގެ އިސް މީހަކަށް ހުރި ކާސިންކަލޭގެ ކުރި އާދޭހަށް އެކަން ހުއްޓަވާލެއްވީ ކަމަށް ވެ އެވެ.

ކުޅުދުއްދުށީގައި މީހުން އާލާނުވާތީ އޭނާ ނ. ބަނޑައިދިއްދޫ (މިހާރު ފަޅުރަށެއް)ގައި ދިރިއުޅޭ "ކަނބޯރަނި" ކިޔާ މީހަކު އެ ރަށަކަށް ގެންގޮސް ފަންޑިތަ ހެއްދުވި ކަމަށް ބުނެ އުޅޭ ކަމަށް ވެސް ލުތުފީގެ ފޮތުގައި ވެ އެވެ. އަދި އޭގެ ފަހުން އެ ރަށުގައި މީހުން އާބާދުވި ކަމަށާއި މިއަދާ ހަމައަށް އައިއިރު ވެސް އެ އާއިލާގެ ދަރިކޮޅު ދެމިއޮތް ކަމަށް ވެ އެވެ.

ކޭލަކުނު ތަޅާލި ވިއްސާރައިގައި ފަޅުވި ރަށްތަކުގެ ތެރޭގައި ވައިކަރަމުރާދު އާއި ކުޑަމުރައިދޫ ހިމެނެ އެވެ.

ރާއްޖޭގެ އުތުރުން ގިނަ ރަށްތަކެއް ފަޅުވި ގޮތާ މި ހާދިސާއާ ގުޅުން ހުރި ކަމަށް ތާރީޚު ހެކި ދެ އެވެ.

ހަތް ފަހަރު މަތިން ފުވައްމުލަކު ފަޅުވި؟

ލުތުފީ ވިދާޅުވެފައިވާ ގޮތުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޏ. ފުވައްމުލަކު ފަޅުވި އެވެ. މިހާރު އެ ރަށް އެ އޮތީ ހަތް ވަނަ ފަހަރަށް ފަޅުވުމަށް ފަހު އާބާދުވީ ގޮތަށް ކަމަށް ވެ އެވެ.

އެކަމަކު ފުވައްމުލަކުގެ ބައެއް ދުވަސްވީ މީހުންނާ ހަވާލާދީ، އެ ރަށު ސަމާ، ފާރޫގު އަހުމަދު، ފަތްތޫރައިގެ އަދަދަކަށް ލިޔުއްވާފައިވާ ގޮތުގައި ފުވައްމުލަކު ފަޅުވީ ތިން ފަހަރު އެވެ.

އެންމެ ފުރަތަމަ އެ ރަށް ފަޅުވީ ގަދަ ރޯގާއެއްގައި މާ ގިނައިން މީހުން މަރުވާން ފެށުމުން، އެ ރަށް ދޫކޮށް އައްޑު އާއި ހުވަދު އަތޮޅަށް މީހުން ބަދަލުވުމުން ކަމަށް އޭނާ ލިޔުއްވަ އެވެ. އެ ފަހަރު "އައްޔަނުދައިތަ"އޭ ކިޔާ މުސްކުޅި އަންހެނަކު ފުރަން އަތިރި މައްޗަށް ދިޔައިރު އެންމެ ފަހަށް ތިބި މީހުންނައިގެން ދޯނި ފުރީ އެވެ. އެންމެ ފަހު ދޯނިން އޭނާގެ ފިރިމީހާ ވެސް ދިޔުމުން، އެ ރަށުގައި ދެން ދިރިއުޅުނީ އެ ދައިތަ އެކަނި ކަމަށް ވެ އެވެ. އެކަމަކު އޭގެ ފަހުން ރަށް އާބާދުވި ގޮތެއް ނޭނގެ އެވެ.

ފުވައްމުލަކު ބަންޑާރަކިޅި: މި ރަށް ވެސް އެކި ފަހަރު މަތިން ފަޅުވެފައިވާ ކަމަށް ތާރީހީ އިލްމުވެރިން ވިދާޅުވޭ-- ފޮޓޯ/އެޓޯލް ސެއިލާ

ފުވައްމުލަކު ބަންޑާރަކިޅި: މި ރަށް ވެސް އެކި ފަހަރު މަތިން ފަޅުވެފައިވާ ކަމަށް ތާރީހީ އިލްމުވެރިން ވިދާޅުވޭ-- ފޮޓޯ/އެޓޯލް ސެއިލާ

ދެވަނަ ފަހަރަށް ރަށް ފަޅުވީ ވެސް އެފަދަ ރޯގާއެއްގައި މީހުން މަރުވާން ފެށުމުން، އައްޑު އާއި ހުވަދު އަތޮޅަށް ބަދަލުވުމުން ކަމަށް ބުނެ އުޅެ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ފުވައްމުލަކު ފަޅުވި ޚަބަރު، ލ. ގަމު "ފާނުދޮންއަބާކިރު" ކިޔާ މީހަކަށް ލިބުމުން އޭނާގެ ދޯންޏެއްގައި ގަމު މީހުން ގޮވައިގެން އެ ރަށަށް ގޮސް ވަޒަންވެރިވީ ކަމަށް ވެ އެވެ.

އެ ރަށުގައި އޭރު އާބާދުވި މީހުން ބިނާކުރި ކަމަށް ބުނާ ހަތަރު މިސްކިތެއް، ވަރަށް ފަހަކާ ޖެހެންދެން ވެސް ފުވައްމުލަކުގައި ހުއްޓެވެ. ދޫޑިގަމު އެދުރުކަލޭގެފާނަކީ، ފާނުދޮންއަބާކިރުގެ ދަރިއެއް ކަމަށް ފާރޫގު ލިޔުއްވަ އެވެ.

އޭނާ ލިއުއްވި ގޮތުގައި ތިން ވަނަ ފަހަރަށް ފުވައްމުލަކުން މީހުން ފޭބީ "މާހުން" ކިޔާ ހުމެއްގައި ގިނަ އަދަދަކަށް މީހުން މަރުވާން ފެށުމުންނެވެ. އެ ބައްޔަށް ތާއޫން ބައްޔޭ ވެސް ކިޔައި އުޅެ އެވެ.

ފާރޫގު ވިދާޅުވީ އެ ފަހަރު ރަށުގެ މީހުން ދިޔައީ ސ. މީދުއަށް ކަމަށާއި ދޯނީގައި ދަތުރުކޮށް އެ ރަށަށް ލެފި އިރު، މަދު ދޯންޏެއްގައި ތިބި ދެތިން މީހަކު ފިޔަވައި އެންމެން ތިބީ ބަލީގައި މަރުވެފައި ކަމަށް ބުނެ އުޅޭ ކަމަށެވެ. އެ މީހުން މީދޫގެ އަތިރިމަތީ ސަރަހައްދެއްގައި ވަޅުލި އިރު އެތަނަށް މުލަކު ކަށްބިމޭ ވެސް ކިޔާ އުޅޭ ކަމަށް ފާރޫގު ވިދާޅުވެ އެވެ.

އެންމެ ފަހުން އެ ރަށުގައި މީހުން އާބާދުވީ އޭރު މާލޭގައި ހުރި ފުވައްމުލަކުގެ މޮޅު ފަންޑިތަވެރިޔަކު މީދުއަށް ގޮސް، އެ ރަށުގައި ތިބި ފުވައްމުލަކު މީހުން އެ ރަށަށް ގެންގޮސްގެންނެވެ. އެމީހުން އެ ރަށަށް އެރީ ގަދަޔަށް ފަންޑިތަ ކިޔެވުމަށް ފަހު ކަމަށް ވެ އެވެ.

"ކޮންމެއަކަސް، ފަންޑިތަ ނިންމަވާފައި މޫނުފާކުމުދިންކަލޭގެ (ފަންޑިތަވެރިޔާ) ބުނުއްވި ކަމަށް ވަނީ ދެން މުލައް (ފުވައްމުލަށް) ފަޅުނުވާނެ ކަމަށާއި ފަޅުވެއްޖެ ނަމަ އަލުން ދިރިއުޅޭނެ ދުވަހެއް ނުފެންނާނެ ކަމަށެވެ،" ފާރޫގުގެ މަޒުމޫނުގައިވެ އެވެ.

ކުޑަފަރީގައި ފުރަތަމަ އުޅުނީ އަޅު މީހުން

ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރުގައި ލުތުފީ ލިޔުއްވާފައިވާ ގޮތުގައި 1435ގެ ކުރިން ނ. ކުޑަފަރީއަކީ ފަޅުރަށެކެވެ. އެ ރަށުގެ އެންމެ ފުރަތަމަ ވަޒަންވެރީންނަކީ އައްސުލްތާނުލް ހާއްޖު ހަސަން 3، ހައްޖަށް ވަޑައިގަން ރާއްޖެ ގެނައި "70 ބަބުރުން" ކަމަށް އޭނާ ވިދާޅުވެ އެވެ.

ކުޑަފަރީގެ ބައެއް މީހުންގެ ދޫދޫމަތިން ދެމިގެން އައި ވާހަކަތަކަށް ހަވާލާ ދެއްވާ ލުތުފީ ވިދާޅުވީ ރާއްޖެ ގެނައި އަޅުންނާއި ދިވެހިން އަރައިރުންވާތީ، ހާއްޖު ހަސަން ބޭނުންފުޅުވީ އެ މީހުން ބޭނުން ރަށެއް އުތުރުން ދެއްވައި، އެ ރަށުގައި އެ މީހުން ވަޒަންވެރިކުރުވާށެވެ. އެގޮތުގެ މަތިން އަޅު މީހުން ހިޔާރުކުރީ ކުޑަފަރީ އެވެ. މީގެ އިތުރުން އެ މީހުންގެ ކެއިންބުއިމަށް ބޭނުންވާ އެއްޗެހި ހޯދަން ނ. މާކަލައިދު އާއި ހދ، ކޭލަކުނުން ހިންނަ އަކާއި ހދ. ކުބުނރުދޫ ގޮއިފާލައްބަ ދެއްވި ކަމަށް ވެސް ވެ އެވެ.

ކުޑަފަރީ ބަޔަކު އެ ރަށުގައި މޫދަށް އެރެން އުޅެނިކޮށް، މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަޅު މީހުން ކަމަށް ވޭ-- ފޮޓޯ/ ނޫނު އަތޮޅު ކައުންސިލްގެ އިދާރާ

ކުޑަފަރީ ބަޔަކު އެ ރަށުގައި މޫދަށް އެރެން އުޅެނިކޮށް، މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަޅު މީހުން ކަމަށް ވޭ-- ފޮޓޯ/ ނޫނު އަތޮޅު ކައުންސިލްގެ އިދާރާ

"ކޭލަކުނު ތަޅާލި ވިއްސާރަ"އާ ގުޅިގެން ވެސް އެ ރަށުގެ ބަޔަކު ވެސް ކުޑަފަރީގައި ވަޒަންވެރިވި ކަމަށް ވެ އެވެ. އަދި އެ ރަށަށް މަލާބާރީން އެކި ފަހަރު މަތިން އަރައި ރަށް ލޫޓުވާލި ކަމަށް ވެސް ލުތުފީ ލިޔުއްވާފައިވެ އެވެ.

މި ނޫނަސް ތަފާތު ގޮތްގޮތަށް ރާއްޖޭގެ ރަށްރަށުގައި މީހުން އާބާދުވެ، ފަޅުވެފައިވެ އެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައެއް ރަށްރަށް ފަޅުވި އެވެ. އެކި ސަބަބުތަކާ ހުރެ ރަށުން ފައިބައިގެން ދިޔަ މީހުން ފަހުން އެ ރަށެއްގައި ވަޒަންވެރި ވެސް ވެ އެވެ.

“ކޮންމެ ރަށަކާއި އެރަށެއްގައި ދިރިއުޅޭ ބައެއްގެ ފަހަތުގައި ވާހަކައެއް ވާނެ އެވެ. އެއީ އެރަށަކަށް ނުވަތަ އެބަޔަކަށް ދިމާވަމުން ދިޔަ ގޮތްތަކުގެ ވާހަކަ އެވެ. އެފަދަ ވާހަކަތަކަކީ ތެދު ހަގީގަތެވެ. ނޫން ނަމަ ތެދާއި ދޮގެވެ. ކޮންމެ ގޮތެއްގައި ވެސް މާޒީވެ ގޮސް، މިއަދު އެކަމެއްގެ ހަގީގަތް ރަނގަޅަށް އެނގެން ނެތް ފޯކްލޯރެކެވެ،” ލުތުފީ ލިޔުއްވި އެވެ.