Roadha Mihaaru

މި ގޭތެރެއިން ގަރުނެއް ފަހަތަށް!

14 ނޮވެމްބަރ 2021

މި ރަށަށް އަންނަ ވަރަށް ގިނަ މެހުމާނުން މި ގެއަށް އައިސް ފޮޓޯ ނަގައި ހަދަ އެވެ. ބައެއް ކަލަންޑަރުތަކުގައި ވެސް މި ގޭގެ ފޮޓޯ ހުރެ އެވެ. މަޝްހޫރު ބައެއް ފަންނާނުން ވެސް މި ރަށަށް އައިސް، މި ގެއަށް ވަދެފައި ނޫނީ ނުދެ އެވެ.

މި ރަށަށް އަންނަ ވަރަށް ގިނަ މެހުމާނުން މި ގެއަށް އައިސް ފޮޓޯ ނަގައި ހަދަ އެވެ. ބައެއް ކަލަންޑަރުތަކުގައި ވެސް މި ގޭގެ ފޮޓޯ ހުރެ އެވެ. މަޝްހޫރު ބައެއް ފަންނާނުން ވެސް މި ރަށަށް އައިސް، މި ގެއަށް ވަދެފައި ނޫނީ ނުދެ އެވެ.

ހދ. ކުޅުދުއްފުށީ އުތުރު އަވަށުގައި ހުންނަ "ތަރިޖެހިގޭ"ގައި އޮތީ ކޮން ހާއްސަ ކަމެއް ހެއްޔެވެ؟

މިއީ، ބެލެވޭ ގޮތުގައި 100 އަށް ވުރެ ގިނަ އަހަރުވެފައިވާ ގެއެކެވެ. މިކަހަލަ ގެއެއް، މިކަހަލަ ޒަމާނެއްގައި މުޅި ރާއްޖެ އިން ވެސް ފެންނާނީ ވަރަށް މަދުންނެވެ. ގެ މިހާރު ވެސް އެހުރީ އިހުގައި ހުރި ގޮތަށް ބަދަލެއް ނުގެނެސް އެވެ. އެކަން އެގޮތަށް ދެމެހެއްޓީ، ކޮންމެހެން އެ ގެ ޒަމާނީ ކުރެވޭނެ ގޮތެއް ވެސް ނެތިގެނެއް ނޫނެވެ. ގަސްތުގައި ބަދަލެއް ނުގެނައީ އެވެ.

ޕްރެޒެންޓަރު މަރިޔަމް ވަހީދާ، ކުޅުދުފުއްޓަށް ކުރި ދަތުރެއްގައި އަލިބެއާ އެކު "ތަރިޖެހި" ގޭގައި ނަގާފައިވާ ފޮޓޯއެއް--

މި ގެ ހަދާފައި ހުރީ އެންމެ އިހުގައި ގެތައް ހުންނަ ގޮތަށް، ރުއް ލަކުޑި އާއި ބަނބުކެޔޮ ގަހުގެ ލަކުޑި ބޭނުންކޮށްގެންނެވެ. ގެއަށް ގެނައި ހަމައެކަނި ބަދަލަކީ ފުރާޅުގައި އޮތް ފަންގިގަނޑު ނަަގައި ޓިނު ޖެހުން އެކަންޏެވެ.

މި ގޭގައި ދިރިއުޅެނީ އުމުރުން 66 އަހަރުގެ އަލީ މުހައްމަދު އެކަންޏެވެ. މިއީ އޭނާގެ މައިންބަފައިންގެ ގެ އެވެ. އެކަނިމާއެކަނި އުޅެން ޖެހުމާ އެކު، މި ގެއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ. އޭނާ ބުނާ ގޮތުން، އޭނާގެ މައިންބަފައިންގެ ހަނދާންތައް ދިރިހުރުން މާ މުހިންމެވެ.

އަލިބެ "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ/ މިހާރު

އަލިބެ "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ/ މިހާރު

ގޭގެ އޮޅިގަނޑު ހުރަސްކޮށްލާއިރު، ގޭތެރޭގައި ގެއަށް އަންނަ މީހުން އިށީގެންދެ ހެދުމަށް ފަތްޖެހި އެނދަކާއި ޖޯލި ފަތި ބަހައްޓާފައި ހުރެ އެވެ. ގޭތެރޭގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް، ޔަގީންވާ ކަމަކީ އެއިން ކޮންމެ އެއްޗެއް ވެސް އެއީ ރައްކާތެރިކަމާއި ސާފުތާހިރު ކަމާ އެކު ބަލަހައްޓަމުން އަންނަ އެއްޗެއް ކަމެވެ.

އެ ގޭތެރެއަށް ވަދެވޭ ކޮންމެ މީހަކަށް ވެސް ހީވާނީ ގަރުނެއް ފަހަތަށް ދެވޭހެންނެވެ. މި ގޭގެ އެތެރެއެކޭ އެއްގޮތަށް، ބޭރު ވެސް ހުރީ ހަމައެހެންނެވެ. ގޭތެރޭގައި ގެންގުޅޭ ހިފާއި ގެންގުޅޭ ސާމާނުން ފެށިގެން ނިދަން އޮތް އެނދާއި އެތަނުގެ ތެރެގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އެއީ އެތައް ޒަމާނެއް ކުރީގެ އެއްޗިއްސެވެ.

އަލީ ކިޔައިދިން ގޮތުގައި މީގެ 19 އަހަރުކުރިން އޭނާގެ ބައްޕަ ވަނީ މަރުވެފަ އެވެ. އެކަމަކު އެ ގެއިން ފެނިގެން އެ ދަނީ އޭނާގެ ބައްޕަގެ މަސައްކަތެވެ. މުޅި އުމުރު އޭނާ އާއި ބައްޕަ ވެސް މަސައްކަތް ކުރީ ވަޑިއެއްގެ ގޮތުގަ އެވެ.

އިހުގެ ގެތައް ހުންނަ ގޮތަށް ގޭގެ އޮޅިގަނޑު އުސްކޮށް މިގޭގައި ހުރިއިރު ބުނެވޭ ގޮތުގައި މިއީ ގޭގެއަށް ޖިންނި އެއްޗެހި ވަނަ ނުދިނުމަށް އޭރު ހަދާފައި ހުންނަ ގޮތެކެވެ.

"ބޭބެއަކަށް ނޭނގެ އެއީ ތެދެއް ކަމެއް. މިއީ ބައްޕަ އިރުއްސުރެ ވެސް މިތަން ހުންނަ ގޮތް."

ގޭ ތެރެއަށް ބަލާއިރު މުޅި ގޭ ހަދާފައި އޮތީ ލަކުޑިންނެވެ. ދޮރުތަކާއި މުޅި ގޭގެ ފާރުތައް ވެސް ލަކުޑިންނެވެ.

ގޭގެ އެތެރޭގައި އައްޓެއް ހުރިއިރު އެތަނަކީ އޭރު ގޭގެެ އެންމެން ކެއުމާއި ފާތިހާ ކިއުމުގެ ކަންކަން ކުރިއަށް ގެންދަން ހަދާފައި ހުންނަ ތަނެއް ކަމަށް އަލީ ބުންޏެވެ. މި އައްޓާ ދިމާލުން ލަކުޑިން ހަދާފައިވާ ފާރުގައި ތަރިއެއް ރަމްޒުކޮށްދޭ ގޮތަށް ކުޑަ ދޮރެއް ވެސް ހުއްޓަސް މިއީ ގެއަަށް ތަރިޖެހިގެ ކިޔާތީ ތަރިއެއްހެން ބައްޓަން ކުރި ދޮރެއް ކަމެއް ނޭނގެ އެވެ.

އަލިބެ "ތަރިޖެހި" ގޭގައި. -- ފޮޓޯ/މިހާރު

އަލިބެ "ތަރިޖެހި" ގޭގައި. -- ފޮޓޯ/މިހާރު

އެ އަށިގަނޑުގެ މަތީގައި ކުޑަ ލަކުޑި އަލަމާރިއެއް ހުރިއިރު އަލީ ބުނި ގޮތުގައި އޭގައި ހުރީ އޭނާގެ ބައްޕަގެ އަންނައުނު ކޮޅަކާއި ބައްޕަ ކިޔަން ގެންގުޅުނު ފޮތްތަކެކެވެ. ބައްޕަ މަރުވީއްސުރެ އެ އެއްޗެހި ހުރީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

އައްޓާ ދިމާލުން ދެން ބަހައްޓާފައި ހުރީ "ދިމާ އެނދު" އެވެ. މިއީ އޭރު އެ ގެއެއްގެ އެންމެ ބޮޑު މީހާ ނިދާ އެނދު ކަމަށް އަލީ ކިޔައިދެ އެވެ. އެތަނުގައި ކުރިން އޭނާގެ ބައްޕަ ނިދި ނަމަވެސް މިހާރު އެތަނުގައި ނިދަނީ އޭނާ އެވެ. އެ އެނދު މަތީގައި ވައި ޖެއްސުމަށް ފެންފޯއް ފާއެއް އޮތެވެ.

"މިއީ އޮޑިއެއް ބަންނަން ރަށަކަށް ކުރި ދަތުރެއްގައި ބައްޕަ ގެނައި އެއްޗެއް. މިހާރު މިއޮތީ ވަރަށް ބޮޑަށް ވީދިފައި.."

ދިމާ އެނދު ކައިރީ ދެން ލަކުނޑި މޭޒެއް ބަހައްޓާފައި ހުރިއިރު އެތަނުގައި ހުރީ އޭނާ ގެންގުޅޭ ރޭޑިއޯ އެވެ. ހަބަރާއި މޫސުން އަޑު އެހުމަށެވެ. ސީލިންގެއްގެ ބަދަލުގައި މި ގޭގެ މަތީގައި ހުރީ ރުއް ލަކުޑި އަތުރާލައިފަ އެވެ. އެތަނުގައި އެލުވާލާފައި އިން ކުޑަކުޑަ ދޯންޏަކުން ވެސް ފެނިގެންދަނީ އޭނާގެ ބައްޕައަކީ އޮޑި ދޯނިފަހަރު ބަންނަން ވަރަށް މޮޅު މީހެއް ކަމެވެ.

ގޭގެ މަތީގައި ހަރުކޮށްފައިވާ އޮޑިއެއް. -- ފޮޓޯ/މިހާރު

ގޭގެ މަތީގައި ހަރުކޮށްފައިވާ އޮޑިއެއް. -- ފޮޓޯ/މިހާރު

އެތަނުން ގޭގެ އެތެރެއަށް ވަދެގެން ދިއުމަށް ހުރި ދޮރުން ވަންނައިރު ފެންނަނީ އެއް ފަޅިއެއްގައި "އުތުރު އެނދު" ހުރި ތަނެވެ. އަލީ ބުނީ މިއީ ގޭގެ އަންހެން މީހާ ނިދާ އެނދު ކަމަށެވެ. އެތަނުގެ އެއް ފަޅީގައި ރީތިވާ އެއްޗެހި ބެހެއްޓުމަށް ތަންކޮޅެއް ހަދާފައި ހުރިއިރު ގޭގައި އެންމެ ކުރިއްސުރެ ބަހައްޓާފައި ހުރި ލޯގަނޑުތައް ވެސް ހުރި ގޮތަށް ހުއްޓެވެ.

ގޭގެ މަތީގައި ލަކުޑިން އަތުރާލާފައި ހުރި ބަޔަށް އެރުމަށް ގޭގެ ތެރެއިން ހަރުގަނޑެއް ވެސް ހުއްޓެވެ. އެއީ ގޭގައި ގެންގުޅޭ މުދާ ރައްކާކުރަން ކުރީގައި ހަދާފައި އޮންނަ ގޮތެކެވެ. އެތަނުގައި އަލީގެ މަންމަ ގެންގުޅު ތެއްޔާއި ތައްޓާއި ޖޯޑު އަދި އޭރުގެ މަލާފަތާއި އޭނާގެ މަންމަ ލިބާސް ހަދަން ގެންގުޅުނު ގަތާ ފައި އަދި އެކި ސާމާނުތައް ހުއްޓެވެ. އޭނާގެ ބައްޕަ ވަޑާމަށް ގެންގުޅުނު ސާމާނު ވެސް އެތަނުގައި ހުއްޓެވެ. ގޭގެ އެންމެ އެތެއަށްވާ ތަންކޮޅުގެ ތެރޭގައި ވެސް އޮތީ ހުސް ވަޑާން ސާމާނެވެ.

ގޭގައި މި ސާމާނުތައް ރައްކާކޮށްފައި ހުރި ގޮތުން އެނގެނީ އަލީގެ ހިތުގައި އޭނާގެ މައިންބަަފައިންނަށް އޮތް ލޯތްބައި ގަދަރެވެ. ފަހުރުވެރިކަމާ އެކު އެހަނދާންތައް އާކުރަމުން ދިޔަ ގޮތުން ފެނުނީ މަންމަ އާއި ބައްޕައަށް އޮތް ހިފެހެއްޓުމެއް ނެތް ލޯތްބެވެ.

ހދ. ކުޅުދުއްފުށީ ތަރިޖެހިގޭގެ އެތެރެ: -- ފޮޓޯ/މިހާރު

ހދ. ކުޅުދުއްފުށީ ތަރިޖެހިގޭގެ އެތެރެ: -- ފޮޓޯ/މިހާރު

މިއީ އެންމެ އިހުގެ ގޮތަށް ހުރި ގެއެއް ކަމުން، އެތަނުން ނިކުމެގެންދާން ދެން އޮތީ ބޮޑު ގިފިއްޔެކެވެ. އެތަނުގައި ހުރީ ވަޅެއް އެކަންޏެވެ. ފާހާނާ ކުރަނީ ވެސް ވަޅުކޮނެގެންނެވެ.

އުމުރުން 20 އަހަރުގައި އަލީ ކައިވެންޏެއް ކުރި ނަމަވެސް އެ ކައިވެނި މާ ދުވަސްތަކަކަށް ދެމިގެނެއް ނުދިޔަ އެވެ. އޭނާގެ ދެވަނަ ކައިވެންޏަށް ވެސް ވީ ހަމަ އެހެންނެވެ.

"ދެ މީހުންނާ އިނިން. އެކަމަކު ކުއްޖެއް ނެތް. އެ މީހުންނާ މަށާ ނުވެގެން ވަކިވާން ޖެހުނީ. ވަރަށް ކައިރި ކައިރީ ދެ މީހުންނާ އިނީ. އެ މީހުން ވަރިކުރަން ބުނީމަ ވަރިކުރީ،" މިއިން އެއްވެސް ކައިވެންޏަކަށް ދަރިއަކު ނުލިބޭ ކަމަށް އަލީ ބުންޏެވެ.

މީގެ 15 އަހަރުކުރިން އޭނާގެ މަންމަ ވެސް މަރުވިއިރު އެކަނިމާ އެކަނި އެ ގޭގައި އުޅެމުން އަންނަނީ ހިތްހަމަޖެހިގެންނެވެ. އޭނާގެ އެއް ބަނޑު ތިން މީހުން ގެ އަޅައިގެން އެހެން ގެތަކަށް ބަދަލުވިތާ ވެސް އެތައް އަހަރެކެވެ.

"ބޭބެއަކަށް މިގޭ ގޯހެއް ނޫން."

ކުރިން އޮޑި ދޯނި ބަނުމުގައި އުޅުނަސް އޭނާ އެ މަސައްކަތް ހުއްޓާލިތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ. އެހެންވެ ހެނދުނު ހެނދުނާ ހޭލާ ގޮތަށް ކުރާނެ ކަމެއް ވެސް ނޯވެ އެވެ. އެކަނި އުޅުމަކީ ފޫހި ކަމެއް ނަމަވެސް އެ ނޫން ގޮތެއް ނެތް ކަމަށް ބުންޏެވެ.

އަލީ މުހައްމަދު ތަރިޖެހިގޭގެ އެތެރޭގައި: މި ގޭތެރެއިން ފެންނަނީ އިހުގެ ދިރިއުޅުން. -- ފޮޓޯ/ މިހާރު

އަލީ މުހައްމަދު ތަރިޖެހިގޭގެ އެތެރޭގައި: މި ގޭތެރެއިން ފެންނަނީ އިހުގެ ދިރިއުޅުން. -- ފޮޓޯ/ މިހާރު

"ގޭގަ ގިނައިން އުޅެނީ. ދެން ރަށު ތެރެއަށް، އަތިރި މައްޗަށް ވެސް ނިކުމެލަން،" އޭނާ ބުންޏެވެ.

ހިތްގައިމު ކުޑަކުޑަ ރީތި ގެއެކެވެ. އެގޭގެެ ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކޮންމެވެސް ހަނދާންތަކެކެވެ. އަލަށް އެ ގެއަށް ވަންނަ މީހަކަށް، ތާރީހީ ނުވަތަ ދުވަސްތަކެއް ވެފައިވާ ތަނެއްގެ ގޮތުގައި ސިފަ ވިޔަސް، އަލީ އަށް އެއީ ވަރަށް ގިނަ ހަނދާންތަކެކެވެ. ވަރަށް ފަޚުރުވެރި މާޒީއެކެވެ.