Roadha Mihaaru
ރައީސްގެ ހިމާޔަތުގައި މި ހުރީ ސާބިތުވެ: ގައްސާން

ޕީޕީއެމް އޮތީ ރައީސް މުއިއްޒާ އެކު، ހިމާޔަތުގައި މި ހުރީ ސާބިތުވެ: ގައްސާން

24 ނޮވެމްބަރ 2023

ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށާއި އެ މަނިކުފާނުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށާއި އެ މަނިކުފާނުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ގައްސާންގެ ބޮޑުބޭބޭފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ޕީޕީއެމް ދޫކޮށްލައްވައި އަމިއްލަ ޕާޓީއެއް އުފައްދަވާކަން އިއުލާންކުރައްވާފައި ވަނިކޮށް މިރޭ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީ އޮތީ ރައީސް ޑރ. މުއިއްޒުއާ އެކުގައި ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާ އެކު ސާބިތުވެ ހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒުއާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން،" ގައްސާން ވިދާޅުވި އެވެ.

ޕީޕީއެމް އިން ކުރިން ބޭއްވި ރެލީއެއްގައި ގައްސާން ވާހަކަދައްކަވަނީ: ރައީސް މުއިއްޒުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ގައްސާން ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް އިން ކުރިން ބޭއްވި ރެލީއެއްގައި ގައްސާން ވާހަކަދައްކަވަނީ: ރައީސް މުއިއްޒުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ގައްސާން ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައްސާނާއި ޔާމީނާ ދެމެދު ގާތް ގުޅުމެއް އޮތެވެ. ގައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔާމީނާ ދެމެދުގައި މައްސަލަތައް އެންމެ ހޫނުވެ މައުމޫން ޖަލުގައި ހައްޔަރުކުރުމުން ވެސް ވެސް ގައްސާން ހުންނެވީ ޔާމީން ފަޅީގަ އެވެ.

ޕީޕީއެމް އަކީ މައުމޫން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ލީޑާޝިޕް ޔާމީން ނަންގަވައި، މައުމޫން އެ ޕާޓީން ވަކިކުރެއްވި އެވެ. އޭގެ ފަހުން ވެސް ގައްސާން ހުންނެވީ އެ ޕާޓީގައި، ޔާމީންއާ އެކުގަ އެވެ.

ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން އިއްޔެ ނިންމެވުމާ ގުޅިގެން މި ސަރުކާރުގެ ބައެއް އެހެން މިނިސްޓަރުން ވެސް އަންނަނީ ރައީސް މުއިއްޒަށް އޮތް ތާއީދު ހާމަކުރައްވަމުންނެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ހިދުމަތްކުރަން ފަށާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި މޫސާ ޒަމީރަށް މަގާމުގެ ލިޔުން ރައީސް ޑރ މުއިއްޒު ހަވާލުކޮއްދެއްވަނީ: އޭނާ ވެސް ވަނީ ރައީސް މުއިއްޒާއެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައި.-- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމް/ޕީއެންސީއާ އެކު އިހުލާސްތެރިކަމާ އެކު ކުރިއަށް ގޮސް، ރައީސް މުއިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބަދަހި ސަފުތަކެއްގައި ސާބިތުވެ ހުންނަވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މިއީ ދިވެހި ގައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގު. ގައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑު،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 ގައި ވިދާޅުވީ ރައީސް މުއިއްޒު، ޔާމީންގެ ފޯނު ކޯލް ނުނަންގަވާ ކަމަށާއި ލީޑާޝިޕުން ވެސް ޔާމީނާ ދުރަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ ކަމަށް ޖަމީލް ވިދާޅުވި އެވެ.