Roadha Mihaaru
ޔާމީން ނެތި ޕީޕީއެމް ސެނެޓް މާދަމާރޭ ބައްދަލުވަނީ

ޔާމީން ވަކިވުމަށް ފަހު ޕީޕީއެމް ސެނެޓްގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ

24 ނޮވެމްބަރ 2023

ޕީޕީއެމްގެ ރައީސަކަށް ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ފަހު ބާއްވާ ސެނެޓްގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމްގެ ރައީސަކަށް ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ފަހު ބާއްވާ ސެނެޓްގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާދަމާ ރޭ 9:00 ގައި މި ބައްދަލުވުން ބާއްވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީން ތައްޔާރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމައިފަ އެވެ. އެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން 70 އަށް ވުރެ ގިނަ ގޮނޑި ނަގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވެ އެވެ.

އިންތިހާބަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ އަަހަރުގެ ޖެނުއަރީ 20 ގައި ބާއްވަން އެ ކޯލިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ޕްރައިމަރީ އަށް ހުޅުވާލާނީ އަންނަ ޑިސެމްބަރު 20 އިން އެ މަހުގެ ނިޔަލަށް ކަމަށް އެ ކޯލިޝަނުން ބުނެފައިވެ އެވެ.

ޔާމީން ވަނީ އިއްޔެ އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވައިފަ އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 ގައި ވިދާޅުވީ އެއީ ޔާމީނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ. ޑރ. މުއިއްޒު، ޔާމީންގެ ފޯނު ކޯލް ނުނަންގަވާ ކަމަށާއި ލީޑާޝިޕުން ވެސް ޔާމީނާ ދުރަށް ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޔާމީންގެ ފިކުރު އޮތް ޕާޓީއަކަށް މަޖިލިސް ހޯދައިދޭން ރާއްޖޭގެ އެތައް ބަޔަކު ބޭނުންވެ އެވެ.