Roadha Mihaaru
އިޒްރޭލު މީހުން އެތެރެވުން މަނާކުރާ ޕެޓިޝަން ފާސްކޮށްފި

އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން އެދި ހުށަހެޅި ޕެޓިޝަން ކޮމިޓީން ފާސްކޮށްފި

22 ނޮވެމްބަރ 2023

އިޒްރޭލު މީހުން އެއްވެސް ސިފައެއްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިޒްރޭލު މީހުން އެއްވެސް ސިފައެއްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.

"ރައިޓްސް މޫވްމަންޓު" ނަމަކަށް ކިޔާ ޖަމާއަތަކުން މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޕެޓިޝަނުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ޕެޓިޝަނުގައި މައިގަނޑު ކަމަކަށް ހުށަހަޅާފައި އޮތީ އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށެވެ.

ޕެޓިޝަން ކޮމިޓީން މި ޕެޓިޝަން ދިރާސާކުރަން ބޭއްްވި ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ މި މައްސަލައިގައި މަޖިލީހުގެ ބައެއް އިތުރު ކޮމިޓީތައް ވެސް ކުރިއަށް ދާތީ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅައިފަ އެވެ.

"މަޖިލީހަށް މި މައްސަލައިގައި މެންބަރަކު ގަރާރެއް ހުށަހަޅުއްވައިގެން، މަޖިލީހުގެ ހުރިހާ މެންބަރުން އެއަށް ވެސް ބަހުސް ކުރައްވާފައި، ހާރިޖީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައި،" ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވި އެވެ.

ހާރިޖީ ކޮމިޓީއާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވުމަށް ގާސިމް ހުށަހެޅުއްވި އެވެ.

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މަޖިލިސް

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މަޖިލިސް

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކޮމިޓީން ބެލުމަށްފަހު ހާރިޖީ ކޮމިޓީއަށް ފޮނުވުން ކަމަށާއި މި މައްސަލައިގައި ގޮތް ނިންމަން އެންމެ ރަނގަޅުވާނީ ވެސް އެ ކޮމިޓީން ކަމަށެވެ.

ނަމަވެސް، ކޮމިޓީގެ ތިއްބެވި ޑިމޮކްރެޓްސްގެ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މައްސަލައެއްގައި އެ ކޮމިޓީއަށް ވެސް ގޮތް ނިންމޭނެ އެވެ.

ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅޭ ގިނަ މައްސަލަތަކުގައި އެހެން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހުރިއިރު، ވަކިވަކި ކޮމިޓީއަށް ބަލަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މި މައްސަލައާ މެދު ޕެޓިޝަން ކޮމިޓީން ގޮތް ނިންމަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާރިޖީ ކޮމިޓީއަށް މައްސަލަ ފޮނުވަން އެއްވެސް މެންބަރަކު ތާއީދު ނުކުރައްވާތީ އެ ހުށަހެޅުމަށް ވޯޓަށް ވެސް ނާހަ އެވެ.

މި ބަހުސަށް ފަހު، އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ޕެޓިޝަން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.