Roadha Mihaaru
"ސިޔާސީ ވިޔަސް ފެންނަން ނުޖެހޭ ތާކުން ނުފެންނާނެ"

ސިޔާސީ ވިޔަސް ފެންނަން ނުޖެހޭ ތާކުން ނުފެންނާނެ: އެޑިއުކޭޝަން މިިނިސްޓަރު

22 ނޮވެމްބަރ 2023

އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރީތި ގޮތެއް ނޫން ކަމަށާއި ސިޔާސީ ވިޔަސް ދަރިވަރުންނާއި ބެލެނިވެރިންނަށް ފެންނަން ނުޖެހޭ ތާކުން ނުފެންނާނެ ކަމަށާއި ދައްކަން ނުޖެހޭ ވާހަކައެއް ވެސް ނުދައްކަވާނެ ކަމަށް އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރީތި ގޮތެއް ނޫން ކަމަށާއި ސިޔާސީ ވިޔަސް ދަރިވަރުންނާއި ބެލެނިވެރިންނަށް ފެންނަން ނުޖެހޭ ތާކުން ނުފެންނާނެ ކަމަށާއި ދައްކަން ނުޖެހޭ ވާހަކައެއް ވެސް ނުދައްކަވާނެ ކަމަށް އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ޝަފީއު ދެއްވި ފުރަތަމަ އެކްސްކްލޫސިވް އިންޓަވިއުގައި، އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ސިޔާސީ ކަންކަމުގައި އުޅުއްވުމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރަކީ ލައްކައެއްހާ ދަރިވަރުންނާއި 10،000 އަށްވުރެ ޓީޗަރުން އަދި ބެލެނިވެރިންނަށް ނަމޫނާ ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ.

އެހެންވެ، އެ މަގާމުގައި ހުންނަވައިގެން ސިޔާސީ ކަންކަމުގައި ބައިވެރިވާން ބޭނުންވާ ނަމަ އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށް ޝަފީއު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު އަލީއަށް ވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވި އެއް ކަމަކީ، އެތައް ދަރިވަރުންނަށް ނަމޫނާ ދައްކަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކު އެމްޑީޕީގެ އެކި ހަރަކާތްތަކާއި އިބޫގެ ކެމްޕެއިންގައި ފާޅުކަން ބޮޑު ގޮތެއްގައި އިސްސަފުގައި އުޅުއްވުމެވެ.

އޭނާ ވަނީ ރިޔާސީ ކެމްޕެއިންގައި ކެމްޕެއިންގައި ފުވައްމުލަކުގެ ކޯޑިނޭޓަރުކަން ކުރައްވައި، ކެމްޕެއިނަށް އެކި ރަށްރަށަށް ވަޑައިގެންފަ އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ.

އަޅުގަނޑު ގެންގުޅޭނެ ސިޔާސަތަކީ، އަޅުގަނޑު ސިޔާސީ ވާނެއޭ، އެކަމަކު އަޅުގަނޑު ދަރިވަރުންނަށް، ބެލެނިވެރިންނަށް، ޓީޗަރުންނަށް، ޕްރިންސިޕަލުންނަށް ނުފެންނަންޖެހޭ ތަނަކުން ނުފެންނާނެއޭ އަދި އަޅުގަނޑު ދައްކަންނުޖެހޭ ވާހަކައެއް އަޅުގަނޑު ނުދައްކާނަމޭ. އަޅުގަނޑު އެންމެ ބޮޑު އަމާނާތަކަށް އޮތީ ސިސްޓަމަށް ދެއްތޯ.-- ޝަފީއު ވިދާޅުވި އެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ސިޔާސީ ނުވާ މިންވަރަށް އައިޝަތު އަލީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު "މިހާރު"އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު "މިހާރު"އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝަފީއު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އޭރު މިނިސްޓަރަކަށް ހުންނެވި ޑރ. އައިޝަތު ޝިހާމް އަކީ ވެސް ސިޔާސީ ވެސް ބޭފުޅެއް ކަމަށާއި އެކަމަކު، ދެން ތިބި އެންމެންނަށް އޭނާ ނަމޫނާ ދެއްކެވި ކަމަށެވެ.

"އަޅުގަނޑު ގެންގުޅޭނެ ސިޔާސަތަކީ، އަޅުގަނޑު ސިޔާސީ ވާނެއޭ، އެކަމަކު އަޅުގަނޑު ދަރިވަރުންނަށް، ބެލެނިވެރިންނަށް، ޓީޗަރުންނަށް، ޕްރިންސިޕަލުންނަށް ނުފެންނަންޖެހޭ ތަނަކުން ނުފެންނާނެއޭ އަދި އަޅުގަނޑު ދައްކަންނުޖެހޭ ވާހަކައެއް އަޅުގަނޑު ނުދައްކާނަމޭ. އަޅުގަނޑު އެންމެ ބޮޑު އަމާނާތަކަށް އޮތީ ސިސްޓަމަށް ދެއްތޯ،" ޝަފީއު ވިދާޅުވި އެވެ.

"އެހެންވީމަ، އެ ސިސްޓަމްގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ގަދަރު ކުޑަވެދާނެ ފަދަ ކަމެއް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެކަމެއް. އެފަދަ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފަރާތުން ނުފެންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ހަރަކާތްތަކަކީ ސިޔާސީ ކަންކަމެއް ނޫން ކަމަށެވެ. ނަމަވެސް، ޕާޓީގެ ހަރަކާތްތައް ހުންނާނެ ކަމަށާއި އެކަންކަމުގައި ބައިވެރިވާނަމަ ވެސް ބައިވެރިވާން ޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން އެއްވެސް މީހަކަށް ނުބަލާ މިންވަރަށް އެޑިއުކޭޝަން މިނިސްޓަރަށް ބަލާނެ. އެޑިއުކޭޝަން މިނިސްޓަރަކީ ކުދިން އެންމެ ބޮޑަށް ބަލާނެ މީހެއް. އެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މިންވަރަށް އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން."