Roadha Mihaaru
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ

ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ

20 ނޮވެމްބަރ 2023

ސަރުކާރުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަމުން އަންނަ ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަމުން އަންނަ ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ

މިއަދު ބޭއްވި ބަޖެޓު ކޮމިޓީގައި ޝަފީގު ވިދާޅުވީ، މިވަގުތު ސަރުކާރުން ހިންގާ ޕީއެސްއައިޕީގެ 1،780 ޕްރޮޖެކްޓާއި އަލަށް ފަށާ 300 ޕްރޮޖެކްޓް އޮތް އިރު އެ ޕްރޮޖެކްޓްތައް ރިވިއުކޮށް އެންމެ މުހިއްމު ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ

"އޭގެ ތެރެއިން ހާލަތަށް ބަލާފައި އެންމެ މުހިއްމު ޕްރޮޖެކްޓްތައް ގެންދާނީ. ކޮންމެ ޕްރޮޖެކްޓަކީ މުހިއްމު ޕްރޮޖެކްޓަކަށް ވެގެން މިހާރު ވެސް އެ ކުރިއަށް ގެންދަނީ. އެކަމަކު މިހާލަތުގައި އެބަ މަޖުބޫރުވޭ ވަރަށް ބޮޑަށް ވިސްނާފައި ރިވިއުކޮށްފައި ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތައް ނޫން ޕްރޮޖެކްޓްތައް ޓައިމްލައިނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ

ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން ފިނޭންސް މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން ފިނޭންސް މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަފީގު ވިދާޅުވީ، މިހާރު ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން މިހާލަތުގައި ހިންގަން ރަނގަޅު ޕްރޮޖެކްޓެއްގެ ގޮތުގައި ނުފެންނަ ނަމަ އަލުން އެ ޕްރޮޖެކްޓެއް ރީޝެޑިއުލް ކުރަން ވެސް ޖެހިދާނެ ކަމަށެވެ.

"ހަރަދު ކުޑަކުރެވޭނެ ހުރިހާ އޭންގަލަކުން މިނިސްޓްރީގައި މިދަނީ މަޝްވަރާ ކުރަމުން ސްޓޭކްހޯލްޑާސްއާ ވެސް ވާހަކަ ދެކެވެމުން. ހަރަދު ކުޑަ ކުރުމަކީ މައިގަނޑު އަމާޒަކީ އެއީ. ލަފާކުރެވިފައި ހުރި އާމްދަނީ ނުލިބިއްޖެ ހާލަތެއްގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ހަރަދު ކުޑަކޮށްގެން ކަންކަން ރޭވުން،" އޭނާ ވިދާޅުވި އެވެ

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައެޅީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށެވެ. އެއާޕޯޓު ފަދަ ޕްރޮޖެކްޓްތަކަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުތަކަށް ވަނީ 1.6 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.

އާ ސަރުކާރުން ފައިނޭންސިން ހޯދުމަށް އެންމެ ބޮޑަށް ފޯކަސް ކުރަނީ މެދު އިރުމަތީގެ ގައުމުތަކަށް ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ކަނޑައެޅި އާމްދަނީ ނުލިބެއްޖި ނަމަ، ޕްރޮޖެކްޓްތައް ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ