Roadha Mihaaru
ގޮންޖެހުން ބޮޑު، އެކަމަކު ބަނގުރޫޓުވިޔަ ނުދޭނަން

ދަރަނީގެ ގޮންޖެހުން ވަރަށް ބޮޑު، އެކަމަކު ގައުމު ސަލާމަތް ވާނެ: ޝަފީގު

16 އެޕްރީލް 2024

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ މާލީ ސްޓެބިލިޓީއާ މެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. މާލީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތީގައި އޮތްކަން ހިސާބުތައް ބަލައިލުމުން ވަރަށް ސާފެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ މާލީ ސްޓެބިލިޓީއާ މެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. މާލީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތީގައި އޮތްކަން ހިސާބުތައް ބަލައިލުމުން ވަރަށް ސާފެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ރާއްޖޭގެ ދަރަނީގެ މައްސަލަ އާއި ކުރީ ސަރުކާރުން ހަމައެއް ލަމައެއް ނެތި ހަރަދުތައް ކޮށްފައި ހުރުމެވެ.

މަގާމާ ހަވާލުވެ، އޮންލައިން މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު "މިހާރު" އަށް ދެއްވަމުން ވެސް އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވީ، އެކަންކަމެވެ. އިގްތިސާދީ ބޮޑެތި މަޝްރޫއުތައް މިހާރު ވެސް ހިންގާ އިރު ދައުލަތަށް ވަންނަ އާމްދަނީން ގައުމުގެ ކަންކަން ހަމަޖެއްސޭކަށް ނެތެވެ. ރައްޔިތުންގެ "އެކްސްޕެކްޓޭޝަން"ތަކާ އެކު، މަޝްރޫއުތައް ހުއްޓާލެވޭކަށް ވެސް ނެތެވެ. އެހެންވެ، ހޯދަން ޖެހެނީ، ޕްރޮޖެކްޓްތައް ނުހުއްޓައި، ހަރަދުތައް ކުޑަ ކުރެވޭނެ ގޮތްތަކެކެވެ.

ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޝަފީގު

ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޝަފީގު

މިނިސްޓަރު ޝަފީގު އެންމެ ބޮޑަށް އިސްކަން ދެއްވަނީ، ދަރަނި ނަގަން ޖެހޭ ހާލަތްތަކުގައި ވެސް ދައުލަތަކަށް ސަސްޓެއިން ކުރެވޭނެ ނުވަތަ ދެމެހެއްޓެނިވި ގޮތަކަށް ކުޑަ އިންޓްރެސްޓް ރޭޓުތަކުގައި ދަރަނި ހޯދުމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކަށް އުޅެނީ ހަރަދު ބޮޑުވުމުގެ މައްސަލަ، އިސްރާފު ގިނަ ވުމުގެ މައްސަލަ، ނަގާފައި ހުރި ދަރަނި އަދާ ކުރުމުގެ ގޮންޖެހުންތައް. މި ކަންބޮޑުވުންތަކާ އެކު އަޅުގަނޑުމެން މިބަލަނީ ރަނގަޅަށް މިކަންކަން މެނޭޖްކޮށް ރައްޔިތުން އެދޭ ކަހަލަ ހެޔޮ ބަދަލެއް ގެންނަން،" ޝަފީގު ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރަން ހާއްސަ އިސްކަމެއް

ލިބޭ އާމްދަނީގެ އިތުރުން ސަރުކާރަށް މި އަހަރުގެ ބަޖެޓަށް 18 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވެ އެވެ. މިދިޔަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރި އިރު ވެސް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށްވާ އަދަދަށް، އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތައް ހުއްޓެވެ. މިނިސްޓަރު ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތައް އެހާ ގިނަވެ، ސަރުކާރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މި ހާލަތުގައި އެންމެ ބޮޑު އިސްކަން ދެއްވާނީ، ހަރަދު ކުޑަ ކުރެވޭނެ ގޮތްތައް ބަލައިގެން ބަޖެޓު މެނޭޖް ކުރުމަށް ކަމަށެވެ.

"ޑޮމެސްޓިކް މާކެޓު ވެސް އޮތީ ވަރަށް ބޮޑަށް ސްކުއީޒް ކުރެވިފައި. ހަމައެގޮތަށް އިންޓަނޭޝަނަލީ ބޭރު ފަރާތްތަކުން [ލޯނު] ނަގަން ބަލާ އިރު ރާއްޖޭގެ އިކޮނޮމިކް އިންޑިކޭޓާސްތައް ހުރީކީއެއް އެ ފަރާތްތަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ދެވޭ ވަރަށްވުރެ ގޯސްކޮށް،" އޭނާ ވިދާޅުވި އެވެ.

ޝަފީގު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ދަރަނި ދެއްކުމަށް ކުރިއާލާ ޕްލޭނެއް ރާވައި އެކަމަށް  ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޝަފީގު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ދަރަނި ދެއްކުމަށް ކުރިއާލާ ޕްލޭނެއް ރާވައި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިކަން ހައްލު ކުރަން، މިހާރުން މިހާރަށް ވެސް ހަރަދުތައް ހަމަޖެއްސުމުގައި ރަނގަޅު ގޮތްތައް ބަލައިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ނަތީޖާއަކީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ ސާޕްލަސްއެއްގަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަަސް ނިންމާލީ ބަޖެޓުގެ އޯވަރޯލް ބެލެންސް ވެސް ސާޕްލަސްގަ އެވެ.

ޝަފީގު ވިދާޅުވީ، 2026 ގައި ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އިރު މިހާރުން ފެށިގެން ވެސް ނަގާ ދަރަންޏަކީ އެ މުއްދަތުގައި އަނބުރާ ދައްކަން ނުޖެހޭނެ ދަރަންޏަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި 2026 އައުމުގެ ކުރިން އެއަށް ތައްޔާރުވެ، ބޮޑު އަދަދުގެ ޕޭމެންޓްތައް ސެޓުލްކުރަން ތައްޔާރުވާން. ކުރީބައިގައި ސުކޫކު ރީފައިނޭންސް ކުރުމުގެ ބައެއް ވެސް ގެންދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ދަރަނި ހަމަޔަކަށް އެޅުވުމުގެ އިތުރުން އެކި ދާއިރާތަކުން ހަރަދު ކުޑަ ކުރުމަށްޓަކައި އެސްއޯއީތައް ރީފޯމު ކުރުމާއި ސަބްސިޑީ ދޭ އުސޫލު ބަދަކޮށް، އާސަންދައިން ވަމުންދާ އިސްރާފު ކުޑަ ކުރުމަށް ވެސް ފިޔަވަޅުތައް އަޅަން އަންނަނީ ތައްޔާރުވަމުންނެވެ.

ބަނގުރޫޓެއް ނުވާނެ، އެކަމަކު ފިޔަވަޅު އަޅަން މަޖުބޫރު

ޝަފީގު ވިދާޅުވީ، ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވެ، އިގްތިސާދީ ހަރަކާތްތައް ބާރަށް ކުރިއަށްދާ ކަމަށާއި އެހެންވެ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓު ނުވެ ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެހާ ފަސޭހަ ކަމެއް ނޫން، އެކަމަކު [ފިޔަވަޅުތައް އަޅަން] މަޖުބޫރު. ހަރަދު ކުޑަ ކުރަން އެބަޖެހޭ. ކުޑަކުރެވުނީމަ ޑެފިސިޓް ކުޑަކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަ ކުރުމަށް ކުރަން ޖެހޭ އެއް ކަމަކީ، ވަކިވަކި ދާއިރާތަކުން ހަރަދުތައް ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހަރަދު ކުޑަ ކުރާ އިރު ހަރަދު ކުޑަ ކުރެވޭނީ ކޮން ދިމަދިމާލަކުންތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަފީގު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން. ހަރަދު ކުޑަ ކުރަން ޕްލޭން ކުރަނީ އިގްތިސާދަށް ލޮޅުން ނާރާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޝަފީގު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން. ހަރަދު ކުޑަ ކުރަން ޕްލޭން ކުރަނީ އިގްތިސާދަށް ލޮޅުން ނާރާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެކަން ކުރަން ސަރުކާރުން ނިންމާފައިވަނީ ގިނަ ބަޔަކަށް އެންމެ ފައިދާވާ ގޮތަކަށް ކަމަށް ޝަފީގު ވިދާޅުވި އެވެ. އެގޮތުން ސަރުކާރަށް މުހިއްމު ޕްރޮޖެކްޓްތަކަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މުހިއްމު މަޝްރޫއުތައް ވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދަށް ލޮޅުން ނާރާނެ ގޮތަށް، ކުރިއަށް ވުރެ ބާރަށް އިގްތިސާދު ކުރިއަށް ގެންދިއުމަށް އިސްކަން ދޭނަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންކަން ރާވައި އިންތިޒާމުތައް ހަމަޖައްސާނީ ބަނގުރޫޓު ނުވާނެ ގޮތްތަކަށް."

ޝަފީގު ވިދާޅުވީ، އެކަމަށް އާންމުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.

މާލީ ހާލަތު ރަނގަޅު ކުރުމަކީ އެއް ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. ޝަފީގުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ދަރަނީގެ މައްސަލަ ހަމަ މަގަށް އަޅުވައި، ހަރަދު ކުރުމުގައި ވަކި ޕްލޭނެއްގެ ތެރެއިން ބުރަބޮޑު ނުވާނެ ފަދަ ގޮތަކަށް ކަންކަން ރޭވުމެވެ. އެކަން ކުރަން ނިންމާފައިވަނީ އިޖްތިމާއީ ހަމަޖެހުން ނުގެއްލޭނެ ފަދަ ގޮތަކަށް ބަލައިގެންނެވެ. އެކަން ކުރުމަށް އުންމީދީ ޕްލޭންތައް ފިނޭންސް މިނިސްޓްރީން ރާވައި، އަމަލީ ފިޔަވަޅުތައް އެޅޭނެ ކަމާ މެދު އޭނާގެ ފުރިހަމަ ޔަގީންކަން އެބަ އޮތެވެ.