Roadha Mihaaru
ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީދޭން ބިލެއް

ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް އިންޝުއަރެންސް ސްކީމެއް އުފައްދަނީ

20 ނޮވެމްބަރ 2023

ވަޒީފާ ގެއްލޭ މީހުން އާ ވަޒީފާއެއް ހޯދުމަށް ހޭދަވާ މުއްދަތުގައި ސަރުކާރުން މާލީ އިނާޔަތެއް ދިނުމަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވަޒީފާ ގެއްލޭ މީހުން އާ ވަޒީފާއެއް ހޯދުމަށް ހޭދަވާ މުއްދަތުގައި ސަރުކާރުން މާލީ އިނާޔަތެއް ދިނުމަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މި ބިލަކީ ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލެކެވެ. މިއަދު ފުރަތަމަ ކިޔުން އިއްވި ބިލު ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

މި ބިލުގައި ވަނީ، މި ސްކީމް ހިންގުމަށްޓަކައި އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ފަންޑެއް އުފައްދައި، ފަންޑު ހިންގުމާއި ފަންޑުން އިންވެސްޓުމެންޓް ދޭނެ ގޮތް ބަޔާން ކޮށްފަ އެވެ. މި ފަންޑު ބަލަހައްޓާނީ މޯލްޑިވްސް ފެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުންނެވެ.

ވަޒީފާ ނެތް ހާލަތުގައި ދޭ އެހީގެ ގޮތުގައި "ޖޮބް ސާޗް" އެލަވަންސެއް ދޭން ވަނީ ހިމަނައިފަ އެވެ.

މި ބިލު ގާނޫނަކަށް ވުމާ އެކު ރާއްޖޭގައި ވަޒީފާ އަދާ ކުރާ ޕަބްލިކް އަދި ޕްރައިވެޓު ސެކްޓާ ހިމެނޭހެން، ހުރިހާ މުވައްޒަފުން މި ސްކީމްގައި ރެޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ފަންޑުން އެހީ ލިބޭނެ ކަމަށް ބުނެފައިވަނީ ދައުލަތުގެ ވަޒީފާއެއްގައި ތިން މަސް ވެފައިވާ އަދި އެހެނިހެން ވަޒީފާތަކުގައި ހަ މަސް ދުވަސް ވެފައިވާ މުވައްޒަފުންނަށެވެ. ކޮންމެ މުވައްޒަފަކު ވެސް ވަޒީފާއަދާ ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ސްކީމްގައި ރެޖިސްޓާ ކުރަން ޖެހޭނެ އެވެ.

ބިލުގައިވާ ގޮތުން މި ސްކީމް ހިންގާނީ ވަޒީފާ އަދާކުރާ ފަރާތްތައް އިންޝުއަރެންސް ސްކީމްގައި ހިމަނައިގެން ވަޒީފާ ދޭ ފަރާތާއި އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެ ފައިސާ އިންވެސްޓުކޮށްގެންނެވެ.

ވަޒީފާ ދޭ ފަރާތުންނާއި އަދާކުރާ ފަރާތުން ވެސް ޕެންޝަނަށް ބަލާ ފައިސާގެ 0.75 ޕަސެންޓު މި ފަންޑަށް ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މި ފައިސާ ދައްކަން ޖެހޭނީ ޕެންޝަނަށް ދައްކާ ފައިސާއާ އެކުގަ އެވެ.

"ޖޮބް ސާޗް" އެލަވަަންސްގެ ގޮތުގައި ދިނުމަށް ބިލުގައި ހިމަނާފައިވަނީ ވަޒީފާ ގެއްލުނު އިރު ލިބެމުން ދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ 70 ޕަސެންޓެވެ. އެންމެ ކުޑަ އަދަދަކަށް 3،000 ރުފިޔާ އަދި އެންމެ ބޮޑު އަދަދަކަށް 10،000 ރުފިޔާ ދިނުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. މި އެލެވަންސް އެންމެ ގިނަވެގެން ލިބޭނީ ޖެހިޖެހިގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

މި މާލީ އެހީ އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ވަކިކުރާ ފަރާތްތަކާއި ނާގާބިލްކަމުގެ ސަބަބުން ވަކި ކުރާ ފަރާތްތަކުގެ އިތުރުން ރިޓަޔާ ވާ ފަރާތްތަކަށް ނުލިބޭނެ އެވެ.

އެމްޕްލޯއިމެންޓް ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ބޯޑެއް އެކުލަވާލަން ޖެހެ އެވެ. އެ ބޯޑުގައި ހިމެނޭނީ ޗެއާޕާސަނެއްގެ އިތުރުން ޕެންޝަން އޮފީހުގެ ސީއީއޯ އާއި އެ އޮފީހުގެ ބޯޑު މެންބަރަކާއި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފެއްގެ އިތުރުން ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރާ ދެ މެންބަރުންނެވެ.

މީގެ އިތުރުން ބިލުގައި ވަނީ، ވަޒީފާ ގެއްލޭ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވުމަށް "ރީއެމްޕްލޯއިމެންޓް ޕްލޭސްމެންޓު" ޕްރޮގްރާމެއް ރާވައި ހިންގުމަށް ނެޝަނަލް ޖޮބް ސެންޓަރާ ހަވާލުކޮށްފަ އެވެ.