Roadha Mihaaru
މަޖިލިސް އިންތިހާބަށް އީސީން ގިނަ އަދަދެއްގެ ވަޒީފާ

މަޖިލިސް އިންތިހާބަށް އީސީން 100 އަށް ވުރެ ގިނަ ވަގުތީ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

22 ޖެނުއަރީ 2024

އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނަ އަދަދެއްގެ ވަގުތީ ވަޒީފާތަކަށް އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނަ އަދަދެއްގެ ވަގުތީ ވަޒީފާތަކަށް އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، މަޖިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 90 ޓްރޭނަރުން ބޭނުންވާ ކަމަށެވެ.

ތަމްރީނުކުރުމުގައި ޓްރޭނަރުން މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800ރ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1،000ރ. ދޭނެ ކަމަށް އިއުލާނުގައި ވެ އެވެ. ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1،400ރ. ގެ އެލަވަންސެއް ވެސް ދޭނެ ކަމަށް އީސީން ބުންޏެވެ.

ޓްރޭނަރުންނަށް ވުމަށް ޝައުގުވެރިވާ މީހުން މި މަހު 31 ގެ ކުރިން ފޯމު ހުށަހަޅަން އީސީގެ އިއުލާނުގައި ބުންޏެވެ.

މަޖިލިސް އިންތިހާބާ ގުޅިގެން އެ ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އީސީން އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި؛

އޮފިސަރުންގެ ގޮތުގައި 30 މީހުން.

ސީނިއާ އޮފިސަރުންގެ ގޮތުގައި 10 މީހުން.

ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަ މީހުން.

މަސައްކަތު މީހުންގެ ގޮތުގައި ހަތަރު މީހުން.

އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 29 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އަންނަ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މަޖިލިސް އިންތިހާބަށް އީސީން މިހާރު ތައްޔާރުވަމުން އަންނައިރު، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ.