Roadha Mihaaru
ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކޮށްފި

މަޖިލިސް އިންތިހާބުގައި ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކޮށްފި

17 އެޕްރީލް 2024

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އެ ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އެ ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް މިއަދު ވިދާޅުވީ، މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން އިއްޔެ ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށް ގެންދަން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި އަދި އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރި މެމްބަރު ހަސަން ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމީ މައިގަނޑު ދެ ކަމަކަށް ބެލުމަށް ފަހު އެވެ. އެއީ މިހާރު މޫސުން އޮތް ގޮތަށް ބަލައި ވޯޓުލާ ދުވަހު ބޯކޮށް ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި އެ ދުވަހު ވަރަށް ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެ ކަމަށް ބަލައިފަ އެވެ.

އެހެންވެ، ހަވީރު ވަގުތަށް ވޯޓުލާ ގަޑި ދަންމާލުމުގެ ގޮތުން ވޯޓުލާ ވަގުތު އިތުރު ކުރީ ކަމަށް ހަސަން ވިދާޅުވި އެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެ އެވެ. އެއީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

މި އަހަރު މަޖިލީހުގެ 93 ދާއިރާއަކަށް ޖުމްލަ 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުން ހިމެނެ އެވެ.

އެ އިންތިހާބަށް ތައްޔާރުވުމަށް އީސީ އިން މިހާރު ވަނީ ވޯޓު ފޮށިތައް ވެސް ރަށްރަށަށް ފޮނުވަން ފަށައިފަ އެވެ.