Roadha Mihaaru
މަޖިލިސް އިންތިހާބު އޭޕްރީލް 21 އަށް ފަސްކޮށްފި

މަޖިލިސް އިންތިހާބު އޭޕްރީލް 21 އަށް އީސީން ފަސްކޮށްފި

29 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަން ކޮމިޝަނުން މިރޭ ނިންމައިފަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަން ކޮމިޝަނުން މިރޭ ނިންމައިފަ އެވެ.

ކޮމިޝަނުން އެގޮތަށް ނިންމީ މާޗް މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު އިލެކްޝަން ކޮމިޝަނުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގަ އެވެ.

ބިލް ފާސްކުރުމާ އެކު ގާނޫނު އޮތް ގޮތުން ދެން ރޯދަ މަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭނެ އެވެ. އިސްލާހުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުންނެެވެ.

އޭޕްރީލް 21 ވަނަ ދުވަހަކީ އެގޮތުން އިންތިހާބު ބޭއްވެން އޮތް އެންމެ އަވަސް ތާރީހެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އިންތިހާބު ފަސްކުރަން ނިންމިއިރު، މާޗް17ގައި އިންތިހާބު ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. ވޯޓާސް ލިސްޓް އާންމު ކުރުމާއި ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަމްރީނުތައް ވެސް އަންނަ ހަފުތާގެ މެދެއްހާތާ އަތޮޅުތަކުގެ ނިމޭނެ. އެހެން ގޮސް އިންތިހާބު ބޭއްވުން ފިޔަވައި އެހެން ހުރިހާ ކަމެއް މި ނިމެނީ،" ހަބީބު ވިދާޅުވި އެވެ.

ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ފުރަތަމަ ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި ރައީސް ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވެ، ފަސް ކަމެއް ފާހަގަކުރެއްވުމަށް ފަހު އެވެ. ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބެ އެވެ.

އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ. ދެވަނަ ފަހަރަށް މަޖިލީހުން ބިލް އިއްޔެ ފާސްކޮށްފައިވާ އިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ބުނަނީ ބިލް ވަގުތުން ތަސްދީގު ކުރަން ރައީސަށް ލާޒިމް ކަމަށެވެ.

އެކަމަކު ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެފައިވަނީ އަބަދުވެސް ގަބޫލުކުރާ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. ނަމަވެސް، އަބަދު ބާރުތަކުގެ މެދުގައި އަރައިރުން އޮތުމަކީ މަސްލަހަތު ހުރި ގޮތް ނޫން ކަމަށާއި ބިލް ތަސްދީގު ކުރުމާ މެދު ގާނޫނީ ލަފާ ރައީސަށް ދެއްވާނީ ގައުމީ އަދި ރައްޔިތުންގެ މަސްލަހަތުގައި ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ބިލް ތަސްދީގު ކުރެއްވީ ބަންޑާރަ ނައިބު އުޝާމް ދެއްވި ގާނޫނީ ލަފާގެ މަތިންނެވެ.