Roadha Mihaaru
އަދީބާއި ޒިޔަތަށް ލުއިދިނުމަކީ ދިން ހިތްވަރެއް: ޓީއެމް

އަދީބާއި ޒިޔަތަށް ލުއި ދިނުމަކީ ހިޔާނާތްތެރިވާން ދިން ހިތްވަރެއް: ޓްރާންސްޕޭރެންސީ

14 ނޮވެމްބަރ 2023

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް، ބަންދުން ދޫކޮށްލުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކަން ކުށްވެރިކޮށް ފާޑުކިޔައިިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް، ބަންދުން ދޫކޮށްލުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކަން ކުށްވެރިކޮށް ފާޑުކިޔައިިފި އެވެ.

މި ފަހުން ހިނގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލައިގައި ހިމެނޭ އަދީބާއި ޒިޔަތުގެ ޖަލު ހުކުމްތައް ލުއިކޮށް، މިނިވަންކުރުމުން އެކަން ކުށްވެރިކޮށް ރޭ ނެރުނު ބަޔާނުގައި ޓްރާންސްޕޭރެންސީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ދިން ލުޔަކީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އިތުރުން، ސިޔާސީ މަގާމުތަކާއި ނުފޫޒުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ މީހުންނަށް ދެވޭ ހިމާޔަތް ރަމްޒުކޮށްދޭ ނިންމުމެއް ކަމަށެވެ.

ނޮވެމްބަރު، 2018 ގައި އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނެ ކަމުގެ ވައުދާ އެކު ކަމަށް ވިޔަސް މި ފަސް އަހަރުގެ ތެރޭގައި ފެނިފައިވަނީ ކޮރަޕްޝަން ފަހިވުމާ އެކު ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލުވާ މީހުން ހިމާޔަތްކުރާތަން ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ކުރީގެ އިއްޒަތްތެރިންނާ އެކު 281 މީހުން ހިމެނޭކަމަށް ދައުލަތުން ބުންޏަސް، އެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވެފައިވަނީ އެންމެ ތިން މީހަކަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އޭގެ ތެރެއިން ބައެއް ޝަރީއަތްތައް އަދި ވެސް ކުރިއަށް ދެ އެވެ.

ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން، ރައީސް ވަނީ ވެރިކަމުގެ ހުވާކުރެއްވުމާ އެކު އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. ޓްރާންސްޕޭރެންސީން ބުނީ ފައިސާ ގެއްލުނު ގޮތުގެ ތަފްސީލް ރިޕޯޓު އެ ކޮމިޝަނުން އާއްމުކޮށްފައި ނުވާއިރު، ރަށްތައް ހޯދަން ނުވަތަ އިންސާފުވެރި އެކުއިޒިޝަން ވެލިއުއެއް ހޯދުމުގެ މަސައްކަތް ވެސް ކޮށްފައިނުވާ ކަމަށެވެ.

"މި ބޮޑު ކޮރަޕްޝަން ހިންގަން މަގުފަހިކޮށްދީ ހިމާޔަތްކުރި ގާނޫނުތަކާއި ގަވާއިދުތަކާއި އަމަލުތަކުގެ ތެރޭގައި ހުރި ނިޒާމީ މައިގަނޑު ފަރަގުތައް ހައްލުކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވޭ." ޓްރާންސްޕޭރެންސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި އޭގެ ފަހުން ކުރި ތަހުގީގުން ވެސް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަކީ އަދީބާއި ޒިޔަތު ރާވައިގެން ހިންގި ކަމެއްކަން އެނގޭއިރު، އެ ދެ ބޭފުޅުންނަށް ދިން ލުޔަކީ ޓްރާންސްޕޭރެންސިން ބުނިގޮތުގައި އަދުލުވެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.