Roadha Mihaaru
ވިލިނގިލި ރޭޕް: 3 މީހުންނަށް ދައުވާ ކޮށްފި

ވިލިނގިލީ ރޭޕް: ތުހުމަތުވާ ތިން މީހުންނަށް ދައުވާ ކޮށްފި

09 ނޮވެމްބަރ 2023

ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ ތިން މީހުންނަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ ތިން މީހުންނަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އުމުރުން 22 އަހަރުގެ އަންހެނަކަށް ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެން މީހާގެ ނުރުހުމުގައި އޭނާ ހިފަހައްޓައި، ތިން މީހުން ވެގެން އޭނާ ރޭޕްކުރި މައްސަލަ ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ.

އެ މައްސަލާގައި ދައުވާ ކުރަނީ ލ. ގަން މަތިމަރަދޫ، ދަނބުރުއްދޮށުގޭ، އިބްރާހީމް ރިޒާ 30، އާއި، ވިލިނގިލި ކެޔޮވިނަ އަހުމަދު ޝާލް 20، އާއި ހަމަ އެ ރަށު މަލަސް މުހައްމަދު މާއިލް މިހާދު 23، ގެ މައްޗަށެވެ.

ޕީޖީން ބުނީ އެ ތިން މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި، ހެކިބަސް ދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި، ޑީއެންއޭ ރިޕޯޓުތައް ހިމެނެ އެވެ.

އެ މައްސަލާގައި އިބްރާހީމް ރިޒާ އާއި އަހުމަދު ޝާލް އާއި މުހައްމަދު މާއިލް މިހާދުގެ މައްޗަށް ކުރަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ރޭޕްގެ ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށް ސާބިތުވެއްޖެނަމަ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން ރޭޕްގެ ތުހުމަތަށް އިބްރާހީމް ރިޒާ ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ނަގައި ޓެސްޓު ކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ. ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތު ވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.