Roadha Mihaaru
އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާކުރެވޭނެ: މައުމޫން

ފަލަސްތީނަށް އިންސާފު ހޯދަން އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ: މައުމޫން ހަމީދު

04 ނޮވެމްބަރ 2023

ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް، ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް، ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންވެ، ފަލިސްތީނަށް އެހީވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގެ އިސްނަގަންދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންދާ ބޮޑެތި ގެއްލުންތަކާއި ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް." ބާ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ވަކީލް މައުމޫންގެ ޕޯސްޓްގައިވެ އެވެ.

ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ބުނީ ކުށްކުރީ ކޮންތަނެއްގައި ކަމުގައި ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގައި ވެސް ދައުވާ ކުރެވޭނެ ކަމަށް ވެ އެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން އިޒްރޭލުން މިދިޔަ މަހުން ފެށިގެން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި 10،000 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 4،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ.