Roadha Mihaaru
ޓެރަރިސްޓުންނަކީ ހަމާސްއެއް ނޫން، އިޒްރޭލު: އުރުދުޣާން

ޓެރަރިސްޓުންނަކީ ހަމާސްއެއް ނޫން، އިޒްރޭލު: އުރުދުޣާން

26 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހުޅަނގުގެ ހުރިހާ ގައުމުތަކުން ބުންޏަސް، ހަގީގީ ޓެރަރިސްޓު ޖަމާއަތަކީ، ފަލަސްތީނުގެ އާންމުން ގަތުލުކުރަމުން ދާ އިޒްރޭލު ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހުޅަނގުގެ ހުރިހާ ގައުމުތަކުން ބުންޏަސް، ހަގީގީ ޓެރަރިސްޓު ޖަމާއަތަކީ، ފަލަސްތީނުގެ އާންމުން ގަތުލުކުރަމުން ދާ އިޒްރޭލު ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ، ވެރިކަން ކުރާ އަދާލަތު ޕާޓީގެ މެމްބަރުންނާ އެކުގައި ބޭއްވި ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ ހުޅަނގުގެ ހުރިހާ ގައުމުތަކަށް ވެސް ހަމާސް ފެންނަނީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. އެ ގޮތަށް އެ ގައުމުތަކުން ބުނަނީ އެ ގައުމުތައް އިޒްރޭލަށް ދަރާފައި އޮތުމުން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

"އަހަރެން އިޒްރޭލަށް ފާޅުގައި މި ބުނަނީ، އަހަރެމެން އިޒްރޭލަށް ދަރާފައި އޮތް އެއްޗެއް ނޯންނާނެ. އެހެންވީމާ، ކަލޭމެންނަކީ ޓެރަރިސްޓް ޖަމާއަތަކަށް ވެދާނެޔޭ. ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން. ހަމާސްއަކީ އެމީހުންގެ މާދަރީ ވަޒަނާއި އެ ވަޒަނުގެ ރައްޔިތުންގެ ދިފާއުގައި ޖިހާދުކުރާ މުޖާހިދުންތަކެއް އަދި މިނިވަންކަމަށް މަސައްކަތްކުރާ ބަތަލުންތަކެއް،" އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން މިހާރު އެ ގެންގުޅޭ ހަރުކަށި ގޮތް ދޫނުކުރާ ސިޔާސަތު ދަމަހައްޓައިގެން އިޒްރޭލަށް އެއް ކަމެއް ވެސް ހާސިލެއް ނުވާނެ އެވެ.

"ކަލޭމެންގެ ކައިރިއަށް އެމެރިކާ ވެސް އެހެން ގައުމުތައް ވެސް އަދި ހުޅަނގުގެ ހުރިހާ ގައުމުތައް ވެސް ގެނެވިދާނެ. އެކަމަކު ވެސް ކަލޭމެންނަށް އާޚިރުގައި ހާސިލުވާނެ އެއް ކަމެއް ވެސް ނެތް. އެމެރިކާ އަށް ވެސް އެންމެ ފަހުން ކުރިމަތިވާނީ ނާކާމިޔާބީ. އެހެނީ އެމެރިކާ ވެސް މަސައްކަތް ކުރަނީ މުޅި ދުނިޔޭގެ އަދުލު އިންސާފަކަށް ނޫން."

އުރުދުޣާން ވިދާޅުވީ އެންމެންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަކީ އެމެރިކާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ، ވެރިކަން ކުރާ ޖުސްޓިސް އެންޑް ޑިވެލޮޕްމަންޓު ޕާޓީގެ މެމްބަރުންނާ އެކުގައި ބޭއްވި ބައްދަލުވުމަށް އުރުދުޣާން ވަޑައިގަންނަވަނީ. --ފޮޓޯ: އޭއެފްޕީ

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ، ވެރިކަން ކުރާ ޖުސްޓިސް އެންޑް ޑިވެލޮޕްމަންޓު ޕާޓީގެ މެމްބަރުންނާ އެކުގައި ބޭއްވި ބައްދަލުވުމަށް އުރުދުޣާން ވަޑައިގަންނަވަނީ. --ފޮޓޯ: އޭއެފްޕީ

"ކުރަން އޮތް ހަމައެކަނި ކަމަކީ އަދުލު އިންސާފު ގާއިމުކުރުން. އެއީ ހަމައެކަނި އިޒްރޭލުން ކުރަންޖެހޭނެ ކަމެއް ނޫން. އެއީ އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ބަދަލުގައި އެކަންކަމަށް ތާއީދުކޮށް ހިތްވަރުދޭ ކޮންމެ ގައުމަކާއި ކޮންމެ މުޖްތަމައު އެއް އަދި ކޮންމެ ފަރުދަކު ވެސް ކުރަންޖެހިފައިވާ ކަމެއް،" އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނާއި އާންމުން، އެއްވެސް ރަހުމެއް ނެތި މަރަމުން ދާއިރު، އެތަން ނުފެންނަ ކަމަށް ހަދައިގެން ހުޅަނގުގެ ގައުމުތައް ތިބުމަކީ އާ ކަމެއް ނޫނެވެ. ވަކި ބަޔަކަށް ލާއިންސާނީ ހަމަލާތައް ދޭއިރު، ލޯ މެރުމަކީ ނުވަތަ ބަހަނާއެއް ދައްކައިގެން އެކަމުން ރެކެން އުޅުމަކީ، އެ ގައުމުތަކުގެ ލޭއޮހުރުވުމުގެ ތާރީހުގެ ތެރެއިން ވާރުތަވެފައިވާ ސިފައެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

"ކުށެއް ނެތް އާންމުން ގާޒާގައި މަރުވަމުން ދާހާ ހިނދަކު، އެ ސަރަހައްދަށް ފޮނުވާ މަނަވަރުތަކަކުން ނުވަތަ އަސްކަރީ މަތިންދާބޯޓުތަކަކުން، ނުވަތަ ކުޅޭ ސިޔާސީ ޑްރާމާއަކުން ސުލްހައެއް ނުހޯދޭނެ. އިޒްރޭލުން ރައްކާތެރިކަން ހޯދަންވީ، ދިހަ ހާސް ކިލޯމީޓަރު ދުރުގައި އޮތް ގައުމުތަކަކުން ނޫން. އިޒްރޭލުން ރައްކާތެރިކަން ހޯދަންވީ، ކައިރީގައި ހުރި އަވައްޓެރި ގައުމުތަކުން، ހާއްސަކޮށް ތުރުކީ ވިލާތުން،" އިޒްރޭލުގެ ހިމާޔަތަށް ކަމަށް ބުނެ މެދުއިރުމައްޗަށް އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވާތީ އެކަމަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާގެ އާންމުން މަރަމުން ދާއިރު، އެކަން ހުއްޓުވުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާ ކޮންމެ ފަހަރަކު އެމެރިކާ އިން އެކަން ވީޓޯ ކުރާތީ، އެކަމަށް ވެސް އުރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އެންމެ ފަސް ގައުމަށް ވުރެ ދުނިޔެ މާ ބޮޑު. އދ. މަޖިލިސް، ޚާއްސަކޮށް ސަލާމަތީ މަޖިލިސް އެބަޖެހޭ ވަރަށް އަވަސް ގޮތަކުން އިސްލާހުކުރަން. ބައިނަލްއަގުވާމީ ކަންކަމުގައި ކޮންމެ ބަޔަކު ވެސް ހަމަހަމަކަމާއި އިންސާފުވެރި ގޮތެއްގައި ބައިވެރިކުރެވޭ ކަމުގެ އިހްސާސް ކުރެވޭ ފަދަ ގޮތަކަށް، އދ. މަޖިލީހުގެ އެންމެހައި ހަރަކާތްތަކާއި ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އަލުން ބައްޓަންކުރަން އެބަޖެހޭ."

އުރުދުޣާން ވިދާޅުވީ ދާއިމީ ސުލްހައަކަށް މަސައްކަތް ކުރުމުގެ ޒިންމާ ނަގަން ތުރުކީ އެއްގޮތަކަށް ވެސް ލަދު ނުގަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ އިޒްރޭލު ފަލަސްތީނުގެ ދާއިމީ ސުލްހައަށް މަސައްކަތް ކުރުމަށް ޖާމިނުވާނެ ފަރާތެއް ކަމަށެވެ.

ދާއިމީ ސުލްހައަކަށް މަސައްކަތް ކުރުމުގައި ފަލަސްތީނުގެ ފަރާތުން ޖާމިނުވާނެ ގައުމެއްގެ ގޮތުގައި ތުރުކީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އުރުދުޣާން ދެއްވި އެވެ. އެހެންކަމުން ތުރުކީގެ އެ އިސްނެގުމާއެކު، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ހެޔޮ ނިޔަތުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ސުލްހައިގެ ދޮރު ހުޅުވައިލުމަށް އޭނާ ގޮވައިލެއްވި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 20 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 6500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 17500 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.