Roadha Mihaaru
ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން: އދ

ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން: ގުޓަރޭސް

25 އޮކްޓޯބަރ 2023

އަގްސާ ތޫފާންގެ ނަމުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަކީ، އެއްވެސް ކަމަކާ ނުލައި ދިން ހަމަލާއެއް ނޫން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަގްސާ ތޫފާންގެ ނަމުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަކީ، އެއްވެސް ކަމަކާ ނުލައި ދިން ހަމަލާއެއް ނޫން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގާޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި އާންމުކޮށް ހުޅުވާލައިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި ގުޓަރޭސް ވިދާޅުވި ގޮތުގައި ހަމާސް އިން އެ ހަމަލާ ދިން އިރު، އިޒްރޭލުގެ އަޅުވެތިކަމުގެ ސަބަބުން ނޭވާ ނުލެވި ފަލަސްތީނު އޮންނަތާ 56 އަހަރު ވެއްޖެ އެވެ.

"(އެ އަހަރުތަކުގައި) ފަލަސްތީނުގެ ރައްޔިތުންނަށް ފެންނަމުން ދިޔައީ، އެމީހުންގެ ބިންތައް ޔަހޫދީ އާބާދީތަކުން ކައި ހުސްކުރަމުން ދިޔަ މަންޒަރު. އެމީހުން އުޅެމުން އެދަނީ އަނިޔާވެރިކަމުގެ ވަބާއެއްގެ ތެރޭގައި. ފަލަސްތީނުގެ ރައްޔިތުން އެތިބީ އެމީހުންގެ ގެދޮރުން ނެރެލައި ވިއްސިވިހާލިކޮށްލާފައި. އެމީހުންގެ ގޯތިގެދޮރު އެވަނީ ސުންނާފަތިކޮށްފައި. އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ކުރަމުން އެމީހުން ކުރަމުން ދިޔަ އުންމީދު އެވަނީ ބިލާހަކަށްވެފައި،" އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.

"ގަސްދުގައި މަދަނީން މެރުމާއި، އެމީހުން ރަހީނުކުރުމާއި އަނިޔާކޮށް ޒަޚަމްކުރުމަކީ ނުވަތަ މަދަނީ އަމާޒުތަކަށް ރޮކެޓް ހަމަލާތައް ދިނުމަކީ، އެއްވެސް ހަމައަކުން ރަނގަޅުކަމުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރަން ޖެހިފައިވާ ވޭނާއި ކެކުޅުންތަކަކީ، ހަމާސް ޖަމާއަތުން ދިން ހަމަލާ ރަނގަޅުކުރެވޭނެ ސަބަބެއް ނޫނެވެ. ހަމަ އެފަދައިން، ހަމާސް އިން އެ ދިން ހަމަލާތަކަކީ، ފަލަސްތީނުގެ އެންމެހައި ރައްޔިތުންނަށް އެކަމުގެ އަދަބު ދޭންޖެހޭނެ ހުއްޖަތެއް ނޫން ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.

އިޒްރޭލުން ދިން ހަމަލާއެއްގައި އިމާރާތެއް ބިމާހަމަވެފައި.

އިޒްރޭލުން ދިން ހަމަލާއެއްގައި އިމާރާތެއް ބިމާހަމަވެފައި.

ގުޓަރޭސް ވިދާޅުވި ގޮތުގައި ހަނގުރާމައަކީ ވެސް ވަކި ހަމަތަކަކާއި ގަވާއިދުތަކެއް އޮންނަ ކަމެކެވެ. އެހެން ކަމުން ކޮންމެ ބަޔަކު އަސްކަރީ ހަރަކާތެއް ހިންގި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެބަޔަކު ހިފަހައްޓަންޖެހޭ ހަމަތައް ނަގަހައްޓައި އިހްތިރާމް ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ގާޒާ އަށް އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ 600000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް، ގާޒާގައި ހުރި އދ.ގެ ތަފާތު ޚިދުމަތް ދޭ އޮފީސްތަކުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އދ.އާ ގުޅުން ހުރި އިދާރާތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި އދ.ގެ 35 މުވައްޒަފަކު މަރުވެފައިވާ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ހޮސްޕިޓަލުތަކާއި އދ.ގެ އިދާރާތަކަކީ ވެސް ބައިނަލްއަގުވާމީ ގާނޫނުތަކުން ހިމާޔަތް ލިބިގެންވާ ތަންތަން ކަމަށެވެ.

"އަސްކަރީ ކޮންމެ ކުރިމަތިލުމެއްގައި ވެސް އެންމެ މުހިންމު ކަމަކީ މަދަނީން ހިމާޔަތް ކުރުން. މަދަނީން ހިމާޔަތްކުރުމަކީ އިންސާނީ އައްޑަނައެއްގެ ގޮތުގައި އެމީހުންގެ ބޭނުންހިފުމެއް ނޫން. ގާޒާގެ ދެކުނުގައި ހަކަތައިގެ ބާވަތެއް، ފެނެއް، ބޭހެއް، ކާބޯތަކެއްޗެއް އަދި އަމުދުން ރައްކާތެރިކަމެއް ލިބޭނެ ހިޔާވަހިކަމެއް ނެތް އިރު، ގާޒާގެ އުތުރުގައި އުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ދެކުނަށް ދާން އަމުރުކުރުމަށް ފަހު، ދެކުނަށް ބޮން އަޅަމުން ދިއުމަކީ، މަދަނީން ހިމާޔަތް ކުރުމެއް ނޫން."

އޭނާ ވިދާޅުވީ ގާޒާގައި މިހާރު ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ކަނޑައެޅިގެން ފާޅުގައި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް އަރައިގަންނަމުންދާ ކަމީ ހިތާމަހުރި ކަމެކެވެ.

"އަހަރެން ވަރަށް ސާފު ބަހުން މިބުނަނީ؛ އަސްކަރީ ކުރިމަތިލުމެއްގައި ޝާމިލުވާ އެއްވެސް ބަޔަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ މަތީގައިވާ ބައެއް ނޫން."

ގާޒާގެ ރައްޔިތުން އިންސާނީ ބޮޑު ކާރިސާތަކެއްގެ ތެރޭގައި ތިބި އިރު، ގުޓަރޭސް ވިދާޅުވި ގޮތުގައި، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގާޒާ އިން ތެލުގެ ބާވަތްތައް ހުސްވަމުން ދިއުމެވެ. ތެލުގެ ބާވަތްތައް ނުލިބޭ ނަމަ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ސާމާނު ނުފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަލުގެ ބާވަތްތައް ނެތި ހޮސްޕިޓަލުތަކުގައި ކަރަންޓެއް ނުހުންނާނެ، އަދި ބޯން ބޭނުންވާ ފެން ސާފެއް ނުކުރެވޭނެ، އަދި ބޯފެން ޕަމްޕެއް ވެސް ނުކުރެވޭނެ."

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 6050 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އޮކްޓޫބަރު 24، 2023 ގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގައި މަރުވި 700 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 19 ދުވަސް ވެގެން ދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 16000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.