Roadha Mihaaru
ސަލާމަތީ މަޖިލިސް އަނެއްކާ ބައްދަލު ކުރަނީ

ސަލާމަތީ މަޖިލިސް އަނެއްކާ ބައްދަލު ކުރަނީ

29 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ކުރަމުން ދާ ހަނގުރާމަ ފުޅާކޮށް، އިޒްރޭލުގެ އެއްގަމު ސިފައިން ގާޒާ އަށް ވަދެގަނެ ހަމަލާތައް ވަރުގަދަ ކުރަމުންދާތީ، އެމިރޭޓްސްގެ ހުށަހެޅުމަކަށް އދ.ގެ ސަލާމަތީ މަޖިލިސް މާދަމާ ބައްދަލުކުރަން ތާވަލުކޮށްފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ކުރަމުން ދާ ހަނގުރާމަ ފުޅާކޮށް، އިޒްރޭލުގެ އެއްގަމު ސިފައިން ގާޒާ އަށް ވަދެގަނެ ހަމަލާތައް ވަރުގަދަ ކުރަމުންދާތީ، އެމިރޭޓްސްގެ ހުށަހެޅުމަކަށް އދ.ގެ ސަލާމަތީ މަޖިލިސް މާދަމާ ބައްދަލުކުރަން ތާވަލުކޮށްފި އެވެ.

އެމިރޭޓްސް ސަރުކާރުގެ އެދުމަކަށް ބާއްވާ އެ ބައްދަލުވުން ފެށޭނީ އޮކްޓޫބަރު 30 ވާ ހޯމަ ދުވަހު ނިއު ޔޯކް ގަޑިން ހަވީރު 3:00ގަ އެވެ. ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ބަހުސްކުރުމަށް، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެމިރޭޓްސް އިން ހުށަހެޅީ އިއްޔެ ކަމަށް، އދ.ގައި ހުންނަވާ އެމިރޭޓްސްގެ އެމްބަސީން ބުންޏެވެ.

ގާޒާގެ މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މި ތާވަލުކުރީ، އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި މީގެ ކުރިން ހުށަހެޅި ހަތަރު ގަރާރެއް ފެއިލްކޮށްލާފައި ވަނިކޮށެވެ.

ފުރަތަމަ ގަރާރު: އޮކްޓޫބަރު 16

• ގަރާރު ހުށަހެޅީ ރަޝިޔާ

• ގަރާރަށް ލިބުނީ، ދާއިމީ މެމްބަރުންގެ ތެރެއިން ޗައިނާ އާއި ރަޝިޔާ ހިމެނޭހެން، އެންމެ ފަސް ވޯޓު

• ހަމާސް ކުށްވެރިކޮށްފައި ނެތުމުން ކަމަށް ބުނެ ގަރާރާ ދެކޮޅު ހެދީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް އަދި ޖަޕާނުން

• އެ ގަރާރު ފާސްކުރުމަށް އެހީ ވޯޓުގައި ހަ ގައުމެއް ބައިވެރިނުވޭ

ދެ ވަނަ ގަރާރު: އޮކްޓޫބަރު 18

• ގަރާރު ހުށަހެޅި ބްރެޒީލް

• ގަރާރުގައި ގޮވާލާފައިވަނީ؛ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން ހަމަލާތައް ހުއްޓައިލުމަށާއި، ގާޒާގެ އުތުރުން މީހުން ފޭބުމަށް އިޒްރޭލުން ނެރެފައިވާ އަމުރު ބާތިލުކުރަން

• ގަރާރަށް ތާއީދުކުރީ 12 ގައުމު

• އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް ގަރާރުގައި ނެތް ކަމަށް ބުނެ އެމެރިކާ އިން ވީޓޯ ކުރި

• ރަޝިޔާ އާއި އިނގިރޭސި ވިލާތް ވޯޓުގައި ބައިވެރި ނުވޭ

ތިން ވަނަ ގަރާރު: އޮކްޓޫބަރު 25

• ގަރާރު ހުށަހެޅީ: ރަޝިޔާ

• ގޮވާލާފައިވަނީ: ގާޒާގެ އުތުރުން މީހުން ފޭބުމަށް އިޒްރޭލުން ނެރެފައިވާ އަމުރު ބާތިލުކުރަން

• ތާއީދުކުރީ: ޗައިނާ، ރަޝިޔާ، އެމިރޭޓްސް، ގަބޯން

• ގަރާރު ފާސްކުރުމުގެ ވޯޓުގައި ނުވަ ގައުމު ބައިވެރި ނުވޭ

• އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް ގަރާރުގައި ނެތް ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން ވީޓޯ ކުރި

ހަތަރު ވަނަ ގަރާރު: އޮކްޓޫބަރު 25

• ގަރާރު ހުށަހެޅީ: އެމެރިކާ

• ގޮވާލާފައިވަނީ: ހަމަލާތައް ހުއްޓައިލުމުގެ ބަދަލުގައި، މެދުކަނޑައިލަން. އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ހުރިހާ ގައުމަކަށް ލިބިގެންވާ ކަމަށް. ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަންކުރުމަށް

• ތާއީދުކުރީ: ޖުމްލަ 15 މެންބަރުންގެ ތެރެއިން 10 މެމްބަރުން ތާއީދުކުރި

• ގަރާރު ފާސްކުރުމުގެ ވޯޓުގައި ބްރެޒީލް އާއި މޮޒަމްބީގް ބައިވެރި ނުވޭ

• ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކުރި އިރު، އެމިރޭޓްސް ވޯޓު ދިނީ ގަރާރާ ދެކޮޅަށް

ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުން އެ ގައުމުތަކަށް ލިބިގެންވާ ވީޓޯގެ ބާރުގައި ގާޒާގެ މައްސަލަ ދިގުދަންމަމުން ދަނިކޮށް، އދ.ގެ އާންމު މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތަކުން ވަނީ، އިޒްރޭލުގެ އުދުވާން ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފަ އެވެ. އާންމު މަޖިލީހުން ފާސްކުރާ ގަރާރަކީ އެއަށް އަމަލުކުރުން ލާޒިމުނުވާ ގަރާރެއް ނަމަވެސް، ބައިނަލްއަގުވާމީ މުޖްތަމައުގެ ވިސްނުން ހުރި ގޮތް، އެ ގަރާރުން ވަނީ އިޒްރޭލަށާއި އެމެރިކާ އަށް ފެނިފަ އެވެ.

އާންމު މަޖިލީހުގެ ގަރާރު: އޮކްޓޫބަރު 27

• ހުށަހެޅީ: އަރަބި 22 ގައުމުގެ ތާއީދާއެކު ޖޯޑްން

• ގޮވާލާފައިވަނީ: ގާޒާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް. އިންސާނީ އެހީތެރިކަމުގެ ސާމާނު ގާޒާ އަށް އެތެރެކުރުމުގެ ފުރުސަތު، އެއްވެސް ހުރަހެއް ނެތި ތަނަވަސްކޮށްދިނުމަށް. ގާޒާގެ އުތުރުން މީހުން ފޭބުމަށް އިޒްރޭލުން ނެރެފައިވާ އަމުރު ބާތިލުކުރަން. ދެ ފަރާތުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި ހުރިހާ އަސީރުން މިނިވަންކުރަން.

• ތާއީދުކުރީ: ފަރަންސޭސި ވިލާތް ހިމެނޭ ގޮތުން، ޖުމްލަ 120 ގައުމު

• ދެކޮޅު ހެދީ: އެމެރިކާ އާއި އިޒްރޭލު ހިމެނޭ ގޮތުން، ޖުމްލަ 14 ގައުމު

• ބައިވެރި ނުވަނީ: އިނގިރޭސި ވިލާތާއި ޖަރުމަނާއި ކެނެޑާ ހިމެނޭ ގޮތުން، ޖުމްލަ 45 ގައުމު.

ކެނެޑާ އިން ބުނި ގޮތުގައި ޖޯޑްންގެ ގަރާރަށް ދެކޮޅު ހެދީ އެ ގަރާރަށް ކެނެޑާ އިން ހުށަހެޅި އިސްލާހު ފާސްނުކުރުމުންނެވެ. މުޅި ގަރާރަށް ވޯޓަށް އެހުމުގެ ކުރިން، ފުރަތަމަ ވޯޓަށް އެހީ، ހަމާސް އިން ރަހީނު ކުރި ހުރިހާ އަސީރުން މިނިވަންކުރުމަށް ގޮވާލައި ހަމާސް ކުށްވެރިކޮށް ކެނެޑާ އިން ހުށަހެޅި އިބާރާތް ގަރާރަށް އިތުރު ކުރުމަށެވެ.

ކެނެޑާގެ އެ އިސްލާހަށް 88 ގައުމުން ތާއީދު ކުރި ނަމަވެސް، 55 ގައުމުން ދެކޮޅު ހަދައި 23 ގައުމު ވޯޓުގައި ބައިވެރި ނުވުމުން، ކެނެޑާގެ އެ އިސްލާހު ފާހެއް ނުވި އެވެ. އާންމު މަޖިލީހުގައި ވޯޓަށް އަހާ ގަރާރަކަށް ހުށަހަޅާ އިސްލާހެއް ފާސްވާނީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މީހަކު ޒަހަމްވެފައި.-- ފޮޓޯ: އޭއެފްފީ

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މީހަކު ޒަހަމްވެފައި.-- ފޮޓޯ: އޭއެފްފީ

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 23 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 7700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 19400 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3190 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1860 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1800 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 1000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 111 އަށް އަރައިފި އެވެ. އަދި އިތުރު 1950 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

ރޭ ދަންވަރުން ފެށިގެން ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް އިޒްރޭލު ސިފައިން ވަދެ، ފަލަސްތީނު މީހުންގެ ގެދޮރުގެ ހުރުމަތް ކަނޑައި، ފަލަސްތީނުގެ ޒުވާނުންތައް ދަނީ ހައްޔަރުކުރަމުންނެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.