Roadha Mihaaru
ޓޮޓެންހަމް އެއްވަނައިގައި މަގާމު ދަމަހައްޓައިފި

ޓޮޓެންހަމް އެއްވަނައިގައި މަގާމު ދަމަހައްޓައިފި

24 އޮކްޓޯބަރ 2023

ލަންޑަން (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 އިން ފުލަމް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ލީގު އެއްވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.

ލަންޑަން (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 އިން ފުލަމް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ލީގު އެއްވަނައިގައި މަގާމު ދަމަހައްޓައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިން ގޯލު ޖެހީ ސޮން ހެއުން މިން އެވެ. އަދި ދެވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ޖޭމްސް މެޑިސަން އެވެ.

މިދިޔަ ސީޒަންގައި ތަފާތު ތިން ކޯޗުން އިރުޝާދުދިން ޓޮޓެންހަމާ މި ސީޒަންގައި ހަވާލުވި ކޯޗު އަންގޭ ޕޮސްޓެކޮގްލޫ އާއެކު އެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑާ އެއްވަރުވި ނަމަވެސް، އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ މެޗަށް ފަހު އެއްވަރުވީ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެވެ. މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ވެސް ޓޮޓެންހަމުން ކާމިޔާބު ކުރި އެވެ.

ނަމަވެސް އިނގިރޭސި ލީގް ކަޕްގައި ޓޮޓެންހަމް ވަނީ ޕެނަލްޓީ ޖަހައިގެން ފުލަމް އަތުން ބަލިވެފަ އެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ.-- ފޮޓޯ: އޭއެފްޕީ

ރޭގެ ނަތީޖާއާއެކު ޓޮޓެންހަމް ލީގު އެއްވަނައިގައި އޮތީ މިހާތަނަށް މެޗަކުން ބަލިނުވެ، ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. އަދި ކޯޗު ޕޮސްޓެކޮގްލޫ ވެފައި ވަނީ ޕްރިމިއާ ލީގު ތާރީހުގައި ވެސް ކޯޗެއްގެ ގޮތުގައި ފުރަތަމަ ނުވަ މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދި ކޯޗުގެ ޝަރަފް ހޯދައިފަ އެވެ.

"ހަގީގަތަށް ބުނާނަމަ މެޗުގެ ދެވަނަ ހާފުގައި އަހަރެމެންގެ ފަރާތުން ފެނުނީ މި އަހަރުގެ ވެސް އެންމެ ދަށް ކުޅުން. މި ލިބުނީ މުހިއްމު މޮޅެއް، އެކަމު ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި،" މިދިޔަ ދެ ސީޒަންގައި ސްކޮޓްލެންޑުގެ ސެލްޓިކަށް ލީގު ކާމިޔާބު ކޮށްދިން ކޯޗު ޕޮސްޓެކޮގްލޫ ބުންޏެވެ.

"މި ބުނާ އެއްޗެއް ގޯސްކޮށް ނުނަގާތި، އުފާ ކުރަންވީ އެންމެން ވެސް. އަހަރެން ބައެއް ފަހަރު ރުންކުރު ވެދާނެ، އެއީ އަހަރެންގެ ހުންނަ ގޮތް. އަހަރެމެން މި ބޭނުންވާ ފަދަ ޓީމަކަށް މި ޓީމު ހަދަން ބޭނުން ނަމަ ލިބޭ ފިލާވަޅުތަކުން އިބުރަތް ހާސިލް ކޮށްގެން ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭނެ. ނަތީޖާތަކާ ގުޅިގެން އެއްގޮތަކަށް ވެސް ފޯކަސް ގެއްލުވާލައިގެން ނުވާނެ."

ލީގު ތާވަލްގައި ޓޮޓެންހަމާ އެންމެ ގާތުގައި އޮތީ 21 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އާއި އާސެނަލް އެވެ. ސިޓީން ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން ބަލިކުރިއިރު، 10 ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ކުޅެ އާސެނަލް ވަނީ 2-2 އިން އެއްވަރު ކޮށްފަ އެވެ. ހަތަރުވަނައިގައި އޮތީ 20 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. ލިވަޕޫލް ވަނީ އެ ދުވަހުގެ ހަވީރު 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ.

ފަސްވަނައިގައި އޮތް އެސްޓަން ވިލާ ވަނީ އާދިއްތަ ދުވަހުގެ ރޭ 4-1 އިން ވެސްތް ހޭމް ޔުނައިޓެޑް ބަލިކޮށް 19 ޕޮއިންޓް ހަމަކޮށްފަ އެވެ.