Roadha Mihaaru
މެސީގެ ހެޓްރިކުން އާޖެންޓީނާ ކުއާޓާ އަށް

މެސީ ހެޓްރިކް ހަދައި އާޖެންޓީނާ ކުއާޓާ އަށް ގެންގޮސްދީފި

11 ޖޫން 2016

ޗިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 11) - ދެ ވަނަ ހާފުގައި ކުޅެން އަރައި 18 މިނެޓުގެ ތެރޭ ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު ޕެނަމާ 5-0 އިން ބަލިކޮށް އާޖެންޓީނާ ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޗިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 11) - ދެ ވަނަ ހާފުގައި ކުޅެން އަރައި 18 މިނެޓުގެ ތެރޭ ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު ޕެނަމާ 5-0 އިން ބަލިކޮށް އާޖެންޓީނާ ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާޖެންޓީނާ ގްރޫޕް ޑީ އިން ކުއާޓާ ފައިނަލަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ. ކުއާޓާގެ ޖާގައަކަށް ދެން ވާދަކުރަނީ ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތް ޗިލީ އާއި ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޕެނަމާ އެވެ. ރޭ ޗިލީ އަތުން 2-1 އިން ބަލިވި ބޮލީވިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އާޖެންޓީނާ ކުރީގައި އޮތީ 1-0 އިންނެވެ. މި ލަނޑު ހަތް ވަނަ މިނެޓުގައި ޖެހީ ނިކޮލަސް އޮޓަމެންޑީ އެވެ. ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޕެނަމާގެ އަނިމަލް ގޮޑޯއީ އަށް ރަތްކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރީ އެކަކު މަދުކޮށެވެ.

ދެ ވަނަ ހާފުގައި، 61 ވަނަ މިނެޓުގައި މެސީ ކުޅެން އެރުމާ އެކު މަންޒަރު ބަދަލުވި އެވެ. އޭނާ ހެޓްރިކް ހެދީ 67، 78 އަދި 87 ވަނަ މިނެޓުގައި ޖެހި ލަނޑުތަކާ އެކު އެވެ. ދެ ވަނަ ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކުރިއިރު ތިން ވަނަ ލަނޑު ޖެހީ ޕެނަމާ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިންނެވެ. އާޖެންޓީނާގެ ފަހު ލަނޑު ފަހު ހާފުގައި ޖެހީ ސާޖިއޯ އަގުއޭރޯ އެވެ.

"ކުޅެން ފެށުމާ އެކު ބުރަކަށްޓަށް ކޮންމެވެސް ވަރަކަށް ތަދުވާން ފެށި. އެކަމަކު ފަހުން ރަނގަޅުވި،" އަނިޔާއަކަށް ފަހު ފިޓްވަމުން އަންނަ މެސީ ބުންޏެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި 1916 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮޕަ އެމެރިކާ މުބާރާތުގެ މި ފަހަރުގެ އެޑިޝަނަކީ އެ މުބާރާތަށް 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ހާއްސަ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގައި ދެކުނު އެމެރިކާ ގައުމުތަކުގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާގެ ގައުމުތައް ވެސް ވަނީ ބައިވެރިވެފަ އެވެ.