20 އޮކްޓޯބަރ 2023
އަނދަވަޅަކަށް ފަހު އަނދަވަޅަކަށް ވެއްޓެމުން ގޮސް ބޫޓާނާއި ޕާކިސްތާނުގެ ފުޓްބޯޅަ އޮތް ހާލަތަށް ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅައިލައިގެން ދިޔައީ އެވެ. ފުޓްބޯޅައިގެ ބައެއް މީހުން ބުނާގޮތުގައި ދިވެހި ފުޓްބޯޅަ މިހާ ދަށް ފެންވަރަކަށް ވެއްޓިގެން ދިޔައީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުން ވެސް ޒިންމާ އަދާ ނުކުރުމުންނެވެ.
އަނދަވަޅަކަށް ފަހު އަނދަވަޅަކަށް ވެއްޓެމުން ގޮސް ބޫޓާނާއި ޕާކިސްތާނުގެ ފުޓްބޯޅަ އޮތް ހާލަތަށް ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅައިލައިގެން ދިޔައީ އެވެ. ފުޓްބޯޅައިގެ ބައެއް މީހުން ބުނާގޮތުގައި ދިވެހި ފުޓްބޯޅަ މިހާ ދަށް ފެންވަރަކަށް ވެއްޓިގެން ދިޔައީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުން ވެސް ޒިންމާ އަދާ ނުކުރުމުންނެވެ.
ގައުމީ ޓީމުގެ ކުރިގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ކުރިން ބުނެފައި ވަނީ ރާއްޖޭގެ ފުޓްބޯޅަ މިހާލަތަށް ވެއްޓިގެން ދިއުމުގެ ޒިންމާ ކްލަބްތަކުން ވެސް ނަގަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެތައް ގޯސްތަކެއް ބައްސާމް ހެދި އިރު ވެސް ކްލަބްތަކުން އަޅާ ނުލައި ތިބީ އެފްއޭއެމުން ލިބޭ މަދު ފައިސާ ކޮޅަކަށްޓަކަ އެވެ.
ގަވާއިދުން އެ ފައިސާ ނުލިބުނަސް އެފްއޭއެމުން ދޭ ފައިސާ އަށް އެކަނި ކްލަބްތައް ބަރޯސާވާން ޖެހުނީ އެވެ. އެ ހާލަތަށް ކްލަބްތައް ދާން ޖެހުނީ ވެސް ސޮބާ ފާހަގަ ކުރާ ގޮތުން މާކެޓިން އާއި ޕްރޮމޯޝަނަލް ހަރަކާތްތަކުން ފައިސާ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލުމުގެ ހިތްވަރު ކްލަބްތަކުގެ ވެރިންގެ ކިބައިގައި ނެތުމުންނެވެ.
އެފްއޭއެމް އިސްލާހު ކުރުމާއި ބައްސާމް ޒިންމާދާރު ކުރުވުމުގައި ކްލަބްތަކަށް އޮތް ޒިންމާ އަދާ ނުކުރާކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. ހާއްސަކޮށް އެއްވަނަ ޑިވިޝަނުގައި މިއޮތް އަށް ކްލަބްގެ އިހުމާލު ބޮޑުކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ. އެފްއޭއެމް އިސްލާހު ކުރަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މި ސަރުކާރުގެ ދައުރު ފެށުނުތަނާ ކައިރީގައި ފެއްޓެވި މަސައްކަތް ހުއްޓާލެއްވީ ކްލަބްތަކުން އެގޮތް ބޭނުން ނުވުމުން ކަމަށް އޭނާ އޭރު ވިދާޅުވެފައި ވެއެވެ. އެފްއޭއެމް އަށް ލިބޭ ފައިސާގެ ބޮޑު ބައެއް ހޭދަ ކުރަނީ އެއްވަނަ ޑިވިޝަނުގެ އަށް ކްލަބަށެވެ.
ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ އޮފިޝަލުންތަކެއް ކޮންގްރެސްގައި ވޯޓް ދެނީ: އެފްއޭއެމަށް ލިބޭ ފައިސާ ބޮޑު ޕަސެންޓެއް ހޭދަ ކުރަނީ ކްލަބްތަކަށް --. ފޮޓޯ: ނިޝާން އަލީ | މިހާރު
މަހްލޫފް ވިދާޅުވާ ފަދައިން މިރޭ ވެސް ކްލަބްތައް ބޭނުން ވެއްޖެނަމަ އެފްއޭއެމް ބަދަލު ކުރެވޭނެ އެވެ. އެފްއޭއެމް އާއި ފުޓްބޯޅަ ރިފޯމް ކުރަން ގޮވާލާ "ސޭވް އެފްއޭއެމް" އިން ވެސް ބުނަނީ ފުޓްބޯޅަ ބަދަލު ކުރުމާއި އެފްއޭއެމް ރިފޯމް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ވެސް ކްލަބަތަކަށް ކަމަށެވެ.
"ކިތަންމެ ވަރަކަށް މި ވާހަކަ ދެއްކިޔަސް އެފްއޭގެ ރައީސަކަށް ހުންނެވި ބޭފުޅާ ކްލަބްތައް އަތްދަށަށްލައި ގަނެލީމަ އަޅުގަނޑުމެންނަށް ނެތް ކުރެވޭނެ ކަމެއް. ވަރަށް ސާފް އެ ނޫން އެއްވެސް ގޮތަކަށް [ކްލަބްތައް ނޫން އެހެން ބަޔަކަށް] މިކަމެއް (ހައްލެއް) ނުކުރެވޭނެ،" ޖުލައި މަހު ބޭއްވި ސޭވް އެފްއޭއެމްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮބާ ބުނެފައި ވެއެވެ.
ބައްސާމަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެ އެވެ. އޭނާގެ އިސްތިއުފާ އަށް ގޮވަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ވެސް "ބައްސާމް އައުޓް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ދެ އެވެ. ނަމަވެސް އޭނާ އަށް ޔަގީންވާ ކަމެއް އޮވެ އެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު މި އޮތް ކްލަބްތައް އޭނާގެ ގައިގައި އަތްލަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަމެވެ. އޭނާ ވިދާޅުވެފައި ވަނީ ކްލަބްތަކުން މިހާރު ވެސް އޭނާ އެ މަގާމުގައި ހުންނަން ނުފެންނަކަމަށް ބުނާ ހިސާބުން މަގާމުގައި ނުހުންނަ ވާނެ ކަމަށެވެ.
ކްލަބްތަކުގެ ތާއީދު އޭނާ އަށް އެބައޮތެވެ. އެފްއޭއެމްގެ މައުލޫމާތު އެނގޭ މީހަކު ބުނީ، އެކްސްކޯގައި ތިބި ކްލަބްތަކުގެ ވެރިންނަށް މުސާރައެއް ކަނޑައަޅައިފައި އޮންނަ ކަމަށެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވިގެން އުޅޭއިރު ވެސް އަދި ލީގު ފެންވަރު ދަށަށް ދިޔައިރު ވެސް އެ ކްލަބްތަކުގެ ވެރިން ހަމަޖެހިގެން ތިބެނީ އޭނާ ބުނި ގޮތުގައި، ބައްސާމް މެދުވެރިވެގެން މާލީ އެހެން ކަންކަން ހަމަޖެހޭތީ އެވެ.
އެކަމަކު އެފްއޭއެމުން މީގެ ކުރިން ބުނީ އެ އެސޯސިއޭޝަންގެ ރައީސް ވެސް އަދި އެކްސްކޯ މެންބަރަކު ވެސް މުސާރައެއް އަދި އިނާޔަތެއް ވެސް ނުނަންގަވާ ކަމަށެވެ. އެކަމަކު އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒް، ޕޭރޯލް ލިސްޓްގައި ހިމަނައި އޭނާ އަށް މުސާރަ ދޭކަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެދިގެން އެފްއޭއެމުން ހާމަ ކުރި މުސާރަ ޝީޓްގައި ވެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި އެކްސްކޯގެ މެމްބަރުންނާއިއެކު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ބައިވެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
އެފްއޭއެމްގެ ނައިބު ރައީސް ކަމުގައި ހުރި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް ވަނީ އިސްތިއުފާ ދީފަ އެވެ. ސޭވް އެފްއޭއެމްގެ އޮފިޝަލަކު ބުނި އިސްތިއުފާ ދިނަސް ފުޓްބޯޅަ މިހާލަތަށް ވެއްޓުމުގެ ޒިންމާ ޝާފިއު އާއި މުއާވިތު ވެސް ނަގަން ޖެހޭނެ ކަމަށެވެ.
އެފްއޭއެމްގެ ރައީސްކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ނެރުމަށް ޝާފިއު ވެސް ގެންދަނީ ތާއީދު ކުރަމުންނެވެ.
"އެފްއޭއެމްގެ ރައީސްކަމަށް ވަކި މީހަކު ނެރުމުގެ ކުރިން ފުރަތަމަ ވެސް ދިވެހި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ،" ޝާފިއު އަށް ފާޑު ކިޔަމުން ސޭވް އެފްއޭއެމްގެ އޮފިޝަލް ބުންޏެވެ.
އޭނާ އަށް ކުރިމަތި ކުރާ ފާޑު ކިޔުންތަކާ ގުޅިގެން ޝާފިއު ބުނީ މީޑިއާގައި އެކަމާ ބެހޭގޮތުން ފަހުން ވާހަކަ ދައްކާނެ ކަމަށެވެ.
ކްލަބްތަކުގެ ސީދާ ބައިވެރިވުން އޮވެގެން ކުރިއަށްދާ ދިވެހި ޕްރިމއާ ލީގު ވެސް ރަނގަޅަށް ނުހިނގަ އެވެ. ލީގުގެ ފެންވަރު އެހާ ދަށެވެ. މި އަހަރުގެ ސީޒަން ފެށީ އަށް މަސް ވަންދެން ފުޓްބޯޅަ ނުކުޅެ ތިބުމަށް ފަހު އެވެ. އެހާ ދިގު މުއްދަތަކަށް ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ތިބެން ޖެހުމުން ވެސް އެކަމާ ކްލަބްތަކުގެ ވެރިން ކަންބޮޑުވެގެން އުޅޭ މަންޒަރެއް ނުފެނުނެވެ. ދިގު މުއްދަތަކަށް ފުޓްބޯޅަ ނުކުޅެ ތިބެން ޖެހުމުން ގައުމީ ޓީމަށް އޭގެ އަސަރު ނުކޮށް ނުދާނެ ކަމަށް ފާޑުކިޔާ މީހުން އޭރު ވެސް އިންޒާރު ކުރި އެވެ. އޭގެ ހިތި ނަތީޖާ މިއޮތީ ފެންނާށެވެ. ސަރަހައްދީ ފުޓްބޯޅައިގައި ކުރިން ދުވަހަކު ރާއްޖޭގެ މަގާމު ފުރޮޅިގެން ނުދާ ހިސާބަށް އެ އޮތީ އަޑިއަޅާލައިފަ އެވެ.
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ސޯޝަލް މީޑިއާގައި ބުނީ ރަނގަޅަށް ކުރިއަށްދާ ލީގެއް ނެތި ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ނާރާނެ ކަމަށެވެ.
"ރަނގަޅަށް ހިންގާ ލީގަކާ ނުލައި އެއީ [ކާމިޔާބު ހޯދުމަކީ] ކުރެވޭނެ ކަމެއް ނޫން. އެނޫން އެހެން ގޮތަކަށް ބުނާ މިހަކު އެހެން އެ ބުނަނީ އެމީހަކަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ލިބޭތީ ކަމަށް ވެދާނެ. ކުޅުންތެރިންނާއި ކޯޗު ގޯސް ނުކުރޭ،" ނިސްތާރު އެކްސްގައި ލިޔުނެވެ.
to say 'the result is ok' means Maldives football has taken a step back! Clubs playing so few games its only natural. Without a functioning league,its just not possible.If anyone claims otherwise, maybe he/she is getting some benefit. Dont Blame players/coach
— Ali Nisthar Mohamed (@nistharrr) October 17, 2023
އަންގާރަ ދުވަހު ކުޅުނު ބަންގްލަދޭޝް އާއި ރާއްޖޭގެ މެޗު ޔެސް ޓީން ވަގުތުން ދެއްކި އިރު މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި ޓީސީގެ ކެޕްޓަން މުހައްމަދު ފައްރާހް (ފައްރަ) ބުނީ ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅުވީ އެ ގައުމުގެ ލީގު ވަރުގަދަ ކުރަން ކްލަބްތަކުން މަސައްކަތްތަކެއް ކުރުމުން ކަމަށެވެ.
"މި ވަގުތަށް ރާއްޖޭގެ ފުޓްބޯޅަ އަށް ވުރެ ބޮޑަށް ބަންގާޅުގެ ފުޓްބޯޅަ މިދަނީ ކުރިއަރަމުން. ކުރިއަރަމުންދާ ވާހަކަ ދަންނަވާއިރު އެ މީހުންގެ ފެޑެރޭޝަނާއި ކްލަބްތައް ކުރަމުންދާ މަސައްކަތް ފާހަގަ ކުރެވޭ،" ޓީވީގައި ފައްރަ ބުންޏެވެ.
"ވަރަށް ބައިވަރު އަދަދެއްގެ ފައިސާ ކްލަބްތަކަށް އިންޖެކްޓް ކުރަމުންގޮސް ވަރަށް އޮގަނައިޒްކޮށް އެފްއޭ އާއި ކްލަބްތައް ހިންގަމުން މިދަނީ."
އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި ފުޓްބޯޅަ އަށް ވަރަށް ބައިވަރު އަސަރުތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ކްލަބްތަކަށް ކުރަމުން އަންނަ ކޮންމެ އަސަރެއް ކުޅުންތެރިންނަށް ކުރާނެ. ރާއްޖެއާ އަޅާ ކިޔާއިރު މި ވަގުތަށް ބޯޅައިގައި ހުރިހާ ކަމެއް ވެސް ރަނގަޅި ބަންގްލަދޭޝްގައޭ ދަންނަވަން ޖެހޭނީ،" ފައްރަ ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ދެވަނަ ލެގް މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖޭން ކުޅުނު މެޗު: އެ މެޗުން ރާއްޖެ ބަލިވުމުން 16 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުން ރާއްޖެ އަށް ވަނީ ފުރުސަތު ގެއްލިފަ --- ފޮޓޯ: ބީއެފްއެފް
ކުރީގެ ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް، ތިން އަހަރުތެރޭ 72 މިލިއަން ރުފިޔާ ފޯރުކޮށް ދިނެވެ. އެކަމަކު އޭގެ ފަހުން ސަރުކާރު ބަދަލުވެ، މި ސަރުކާރުން އެ ފައިސާ ނުދޭން ނިންމުމުން އެފްއޭއެމް ޖާމިނު ވެގެން އެ ފައިސާ ދޭން ފެށި އެވެ.
ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ފީފާއިން 2020 ގެ ފަހުކޮޅުގައި އެއްފަހރާ ރާއްޖެ އަށް ދިން 500،000 އެމެރިކާ ޑޮލަރު އެއްކޮށް ހޭދަ ކުރީ ކްލަބްތަކަށް ފައިސާ ދިނުމަށް ކަމަށް އޯގަސްޓް މަހު ބައްސާމް ވިދާޅުވި އެވެ.
މިދިޔަ ހަތް އަހަރު ތެރޭ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބަށް ފޯރުކޮށް ދިން ފައިސާގެ އަދަދު ވެސް 90 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
ކްލަބްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ފޯރުކޮށްދީގެން ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމެއް ނުލިބުނެވެ. އެ ކްލަބްތައް އޮންނަނީ އޭގެ ކުރީ އަހަރަށް ވުރެ މާ ބޮޑަށް ވީރާނާ ވެފަ އެވެ. ލީގުގެ ފެންވަރު ރަށްރަށުގައި ބާއްވާ ކޮމިޔުނިޓީ މުބާރަތަކަށް ވުރެ ދަށެވެ.
ބައްސާމް ވިދާޅުވި ގޮތުން އެފްއޭއެމް އެހާ ބޮޑަށް އަޑިއަޅާލީ ޔާމީންގެ ސަރުކާރުން ދެމުން ގެންދިޔަ ފައިސާގެ އެހީ، މި ސަރުކާރު އައިސް ނުދޭން ނިންމުމުންނެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކަކީ ވެސް އެފްއޭއެމް އަޑިއަޅާލި ސަބަބެއްގެ ގޮތުގައި ބައްސާމް ދައްކަވަ އެވެ.
އެފްއޭއެމްގެ ފައިސާއެއް ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތު އެކި ފަރާތްތަކުން ބައްސާމްގެ މައްޗަށް ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް އޭނާ ދޮގު ކުރެ އެވެ. ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެ އެވެ. އެކަމަކު އެ އެސޯސިއޭޝަންގެ އިދާރީ އަދި ޓެކްނިކަލް މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭތާ 10 ވަރަކަށް މަސް ވެއްޖެ އެވެ. އެ އެސޯސިއޭޝަގެ ދަރަނި އޮތީ ބޮއްސުންލާފަ އެވެ. އެ ފައިސާ ނުދައްކައިގެން އެފްއޭމާ ދެކޮޅަށް ކޯޓުން ހުކުމްތަކެއް ވެސް ކޮށްފި އެވެ.
ކްލަބްތަކުގެ ވެރިންނާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް: އެފްއޭއެމް އިސްލާހު ކުރުމުގައި ކްލަބްތަކުން ޒިންމާ އަދާ ނުކުރޭ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އެފްއޭއެމްގެ ދަރަނީގެ ދަންތުރައެއްގެ ތެރެއަށް މެހިފައިވާ އިރު، ކްލަބްތަކުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކްލަބްތައް ހިންގުމަށް ބާރު އެޅުމަށް، ބައްސާމާ ބައްދަލުކޮށް ސޭވް އެފްއޭއެމުން އޭނާގެ ގާތުގައި އެދުނެވެ.
"މި ވަގުތު ކުއްލިއަކަށް އެކަން ހުއްޓައިލައިފިއްޔާ މާ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ބައްސާމް ވިދާޅުވި،" ސޭވް އެފްއޭއެމްގައި އިސްކޮށް ހަރަކާތްތެރިވާ އެ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލް ގަފޫރު ވިދާޅުވި އެވެ.
"ކްލަބްތަކަށް ފައިސާ ދެމުންދާ ކަމަށް ވެސް ވިދާޅުވި. އަދި ވިދާޅުވި ތިމަންނަމެން މިޑްލްއީސްޓް އަރަބި ގައުމުތަކުން ހޯދާ ފައިސާއޭ ކްލަބަތަކަށް ދެނީ. ފައިސާ ބަރަބަރަށް ނުދެވެނީ އެފްއޭއިން އަމިއްލަ އަށް ފައިސާ ހޯދަން ޖެހޭތީއޭ ވެސް ވިދާޅުވި."
އެފްއޭއެމުން ފައިސާ ދޭ ކަމަށް ބުނާއިރު ގިނަ ކްލަބްތަކުން ކުޅުންތެރިންނަށް ގަވާއިދުން މުސާރައެއް ނުދެ އެވެ. އެންމެ ރަނގަޅަށް ހިނގާ ކަމަށް މަޝްހޫރު ވެފައި އޮތީ މާޒިޔާ އެވެ. އެކަމަކު ފުޓްބޯޅައިގައި ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކާކަށް އެ ކްލަބުން ވެސް ބޭނުމެއް ނުވެ އެވެ. އެ ކްލަބްގެ މިހާރުގެ ކޯޗު މިލޯމިރު އާއެކު އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކްލަބްގެ ބޯޑް މެންބަރާ ސުވާލު ކުރުމުން މައުލޫއާ ނުގުޅޭ ކަމަށް ބުނެ އެ ސުވާލު އެއް ފަރްތާކޮށްލީ އެވެ.
ކްލަބްތައް ހަރުދަނާ ނުވުމުން، އޭގެ ގެއްލުން ލިބެނީ މުޅި ފުޓްބޯޅަ އަށެވެ. އެހެން ކަންކަމަށް ހަރަދު ކުރަން ހުރި ފައިސާ ވެސް ކްލަބްތައް "ރުއްސަން" ދޭން ޖެހުމުން ފުނޑުނީ މުޅި ފުޓްބޯޅަ އެވެ. ޔޫތު ފުޓްބޯޅަ އާއި ޑިވެލޮޕްމެންޓް އޮތީ ހުއްޓިފަ އެވެ. އާ ޓެކްނިކަލް ޑައިރެކްޓަރު އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ، ފުޓްބޯޅަ ޑިވެލޮޕްމެންޓްގެ ޕްލޭނެއް އޮތީ އެކުލަވައިލައިފަ އެވެ. އެކަމަކު ދަރަނިވެރިވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަނުގައި އެ ޕްލޭން ތަންފީޒު ކުރަން ފުރިހަމަ ކުރަން ޖެހޭ މަސައްކަތް ކުރުމަށް ފައިސާއެއް ނެތެވެ. މިވަރުން ވެސް ހަމަ ކްލަބްތައް އަތް އުރާލައިގެން ތިބެނީތޯ އެކި ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ފުޓްބޯޅަ ވެއްޓިފައިވާ ހާލަތާ މެދު ރައީސްގެ ކަންބޮވުން
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
އެފްއޭއެމްގައި ފައިސާއެއް ނެތް، ޒުވާން ޓީމަށް ނުފުރުނު