Roadha Mihaaru
ދިރާގު ރޯޑްރޭހަށް ބާކީ ދިހަ ދުވަސް

ދިރާގު ރޯޑްރޭހަށް ބާކީ ދިހަ ދުވަސް

17 އޮކްޓޯބަރ 2023

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް 10 ދުވަހަށް ވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް 10 ދުވަހަށް ވެއްޖެ އެވެ.

މި ރޭހަކީ މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މި އަހަރުގެ މި ދުވުމުގައި 4،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނީ މި އަހަރުގެ ދުވުމުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންގައި ދުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން "ފައިވް ކޭ" އަދި "ޓެން ކޭ"ގެ ދުވުން އޮންނާނެކަމަށް ބުންޏެވެ.

ދުވުމުގެ ބައިވެރިން ރޭހަށް ތައްޔާރުކުރުމަށް ދިރާގުން ކަނޑައެޅި ކޯޗިން ޕާޓްނަރުން ކަމަށްވާ އެލީޓް ރަނާސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އަދި ވެލްނެސް ޕާޓްނަރު ދަ ވެލްނެސް ކްލަބް އިން ދަނީ ދުވުންތެރިންނަށް ހާއްސަ ތަމްރީނާއި އިރުޝާދު ދެމުންނެވެ.

މި ދުވުމަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ ދުވުމެކެވެ. އަދި މި ދުވުމަކީ ވާލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް އިން ވާލްޑް ރަނިން ކަލަންޑަރުގައި ހިމަނާފައިވާ ދުވުމެކެވެ.

މި ދުވުން މި އަހަރު ވެސް ހާއްސަކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށެވެ.

މި އަހަރުގެ މި ދުވުމުގެ ޕާޓްނަރުންގެ ތެރޭގައި ޔުނިސެފް މޯލްޑިވްސް، އާބަންކޯ، ޕޮލިސް، ޓްރީޓޮޕް ހޮސްޕިޓަލް އަދި ރެޑް ކްރެސެންޓް ހިމެނެ އެވެ.