Roadha Mihaaru
ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި

ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި

22 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އާ ގުޅިގެން ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ދިރާގުން މި ހަރަކާތް ކެންސަލް ކުރީ ކޮވިޑް-19 ފެތުރުން ހުއްޓުވައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަގުތު އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަށް ވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއީ އެ ކުންފުންޏަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަަރަކާތެވެ. މި ހަރަކާތުގައި ދިވެހިންނާއި ބޭރުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާއިރު މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި މި ރޭސް ލަސްކުރި ފުރަތަމަ އަހަރެވެ.

އެ ކުންފުނިން ވަނީ ފާއިތުވި 13 އަހަރު ދުވުންތެރިންގެ ފަރާތުން ދެމުން އައި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ދުވުން ކުރިއަށްވުރެ ކުލަގަދަކޮށް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ދިރާގުން ވަނީ ދީފަ އެވެ.

ރޯޑް ރޭސްގެ އިތުރުން މި އަހަރު ދިރާގުން ބާއްވަން ރާވައިފައިވާ ބޮޑެތި ހަރަކާތެއް ވެސް އެ ކުންފުނިން ވަނީ ކެންސަލް ކޮށްފަ އެވެ. މީގެ ތެރޭގައި ގިނަ ބަޔަކު އެއްވާ ގިނަ ކުޅިވަރުތައް ހިމެނެ އެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ އާއި ރާއްޖޭގެ އެކި ރަށްތައް ލޮކްޑައުން ކޮށްފައިވާއިރު މި ދަނޑިވަޅު ދިރާގުގެ ކަސްޓަމަރުންނާއި ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.