Roadha Mihaaru
ދިރާގުގެ ދުވުމުގެ ހަރަކާތުގެ ކުދިންނަށް ތަމްރީނު ދެނީ

ދިރާގު ރޯޑް ރޭސް- ހާއްސަ 'ރަނިން ކްލިނިކް' އެއް ސާއިދު ސްޕޯޓްސްއާ އެކު ބާއްވަނީ

19 އޮކްޓޯބަރ 2023

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގެ ކޯޗިން ޕާޓްނަރެއް ކަމަށްވާ ސާއިދު ސްޕޯޓްސް ގުޅިގެން ކުޑަކުދިންނަށް ހާއްސަ "ރަނިން ކްލިނިކް" އެއް ބާއްވަން ދިރާގުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގެ ކޯޗިން ޕާޓްނަރެއް ކަމަށްވާ ސާއިދު ސްޕޯޓްސް ގުޅިގެން ކުޑަކުދިންނަށް ހާއްސަ "ރަނިން ކްލިނިކް" އެއް ބާއްވަން ދިރާގުން ނިންމައިފި އެވެ.

އުމުރުން 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް ކުދިންނަށް ހާއްސަ ފަސް ކިލޯ މީޓަރުގެ ކެޓަގަރީގެ ކުދިންގެ "ރަނިން ކްލިނިކް" ކުރިއަށް ގެންދާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:30 އިން 5:45 އަށް މާލޭގެ ރަނިން ޓްރެކްގަ އެވެ.

ދިރާގުން ވަނީ އެ ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން ރަޖިސްޓަރީ ވުމަށް ގޫގުލް ފޯމު ލިންކެއް ހަދައިފަ އެވެ.

ދިރާގުގެ ވެބްސައިޓްގައިވާ http://bit.ly/3QjGxuB މި ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

ސާއިދު ސްޕޯޓްސް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ހަސަން ސާއިދުގެ ފަރާތުން "ރަނިން ކްލިނިކް" އަށް ކޯޗިންގެ އިރުޝާދު ދޭނެ ކަަމށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 ގެ މެޑިކަލް ޕާޓްނަރު، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއް ވެސް އޮންނާނެ ކަމަށެވެ. ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސްތައް އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ކުދިންނަށް ކިޔައި ދެއްވާނެ ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި އަހަރު ބާއްވަނީ މި މަހުގެ 27 ގަ އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުން ފަށާ ދުވުމުގައި 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަން އަށް ދުވުމުގެ ފުރުސަތު ވެސް ދުވުންތެރިންނަށް ލިބޭނެ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރަށް ވެސް ދުވުން އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްފައިވާ ދުވުމެކެވެ.