18 އޮކްޓޯބަރ 2023
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ގާނޫނު އަސާސީއަށް 15 އަހަރުވީއިރު ކޮޅެއްގައި ނުޖެހުނު ބޮޑު މައްސަލަ އެކެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ހުޅުވިފައި އޮތް ދޮރު ބަންދު ކުރުމުގެ ވާހަކަ ދެކެވުނަސް އެކަމަށް އަމަލީ ސިފައެއް މިހާތަނަކަށް ނާދެ އެވެ. ކޮންމެ ބަޔަކަށް ވެސް އެކަން މައްސަލައަކަށް ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެންޖެހޭ ހިސާބުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ގާނޫނު އަސާސީއަށް 15 އަހަރުވީއިރު ކޮޅެއްގައި ނުޖެހުނު ބޮޑު މައްސަލަ އެކެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ހުޅުވިފައި އޮތް ދޮރު ބަންދު ކުރުމުގެ ވާހަކަ ދެކެވުނަސް އެކަމަށް އަމަލީ ސިފައެއް މިހާތަނަކަށް ނާދެ އެވެ. ކޮންމެ ބަޔަކަށް ވެސް އެކަން މައްސަލައަކަށް ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެންޖެހޭ ހިސާބުންނެވެ.
ޖޭއެސްސީ ބަދަލު ކުރުމުގެ ވައުދާއެކު އައި މި ސަރުކާރުން ވެސް، ޖޭއެސްސީ ބަދަލު ކުރުމުގެ މަސައްކަތް ފަށައިގަތީ ވެރިކަމުގެ ދައުރު ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށެވެ. ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ގެނައުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ވެސް، އެ ބިލާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބެގެން ނުވާނެ ކަމަށް ގިނަ ބަޔަކަށް އެއްބަސްވެވުނަސް، ބަދަލު ގެންނަންވީ ގޮތާ މެދު ހިޔާލު ތަފާތުވުން ބޮޑެވެ.
ޖޭއެސްސީއާ މެދު ކުރިން އޮތް އެންމެ ބޮޑު ޝަކުވާއަކީ އެ ކޮމިޝަންގެ އަގުލަބިއްޔަތު ސިޔާސީ ބޭފުޅުންގެ އަތުގައި އޮތުމެވެ. އެ ކޮމިޝަންގައި މިހާރު ޖުމްލަ 10 މެމްބަރުން ތިއްބަވާ އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން 6 މެމްބަރުންނަކީ ސީދާ ގޮތުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އައްޔަން ކުރާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ރައީސްގެ މެމްބަރާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.
ނަމަވެސް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްގައި ހުށަހަޅާފައިވަނީ އެ ކޮމިޝަންގެ މެމްބަރުންގެ އަދަދު 7 އަށް ތިރިކޮށް، ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުންނާއި ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކު އިންނަވާ ގޮތަށެވެ. މާނައަކީ މިގޮތަށް ފާސްކޮށްފިނަމަ ސިޔާސީ ގިނަ މަގާމުތައް ޖޭއެސްސީގައި އޭރުން ނުތިބޭނެ އެވެ. ނަމަވެސް މި ހުށަހެޅުން ވެސް މަޖިލީހުގެ ގިނަ މެމްބަރުންނަކަށް ކަމަކު ނުދިޔަ އެވެ.
ރައީސާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު
ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށްވީ ފަނޑިޔާރުންނާ މެދު ފާރަވެރިވާ ކޮމިޝަނެއްގައި ފަނޑިޔާރުން ތިބޭ ގޮތަށް އޮތުމެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުން ތިބެގެން ޖޭއެސްސީގެ މަސައްކަތްތައް ރަނގަޅަކަށް ނުހިނގާނެ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ހާލަތު އޮތްގޮތުންނާ ވެސް އެކު، ފަނޑިޔާރު ގެތަކުގައި ތިއްބެވި ފަނޑިޔާރުންނަށް އެ ބޭފުޅުން ކުރާ މަސައްކަތަށް ފާރަވެރިވެވިދާނެ ކަމަކަށް." ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަންގައި ތިބެން ޖެހޭނީ ރިޓަޔާޑް ފަނޑިޔާރުންނާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރުންނެވެ. އަދި ދައުލަތުގެ އަނެއް ދެ ބާރުގެ ތެރެއިން ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކު ވެސް ކޮމިޝަންގައި އިންނަވައިގެން ނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ދައުލަތް ތަމްސީލުވާކަށް ނުޖެހޭ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދައުލަތުގެ މަގާމުގައި ތިއްބެވި ބޭފުޅުން އެ ކޮމިޝަންގައި ތިއްބަވައިގެނެއް. ދައުލަތަކީ ރައްޔިތުން ވެސް މެ. އެހެންވީމަ ރައްޔިތުން ތިބީމާ ދައުލަތް އެ ތަމްސީލު ކުރެވެނީ." ހަސަން ވިދާޅުވި އެވެ.
ނަމަވެސް އަނެއް ބައި ބޭފުޅުން ދެކޭ ގޮތުގައި ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމުގެ ބަދަލުގައި ޔުނިވާސިޓީތަކުގައި ގާނޫނު ކިޔަވައިދޭ ލެކްޗަރައިންގެ ތެރެއިން ބަޔަކާއި އެހެން ފަންނީ ދާއިރާތަކުގެ ތެރެއިން ބަޔަކު ޖޭއެސްސީގައި ބޭތިއްބުމެވެ.
"އެހެންވީމަ މައްސަލަ މި ނިކުންނަނީ. އެ މީހުންނަށް ކިޔަވައިިދޭ ލެކްޗަރައަކު ފޮނުވައިދޭށޭ ފަނޑިޔާރުން މި އައްޔަންކުރާ ކޮމެޓީއަށް." ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އަނެއް ބައި ބޭފުޅުން ދެކޭ ގޮތުގައި ޖޭއެސްސީގައި އެކުލެވެންވީ ޝަރުއީ ދާއިރާ އާއި ފަނޑިޔާރުން ތަމްސީލު ކުރެވޭ ގޮތަށެވެ. އެހެންވެ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަން އެކުލަވާލުމުގެ ބާރު ދޭންވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުމެއް ނޯންނާނެ ގޮތަށް ހަމައެކަނި ސުޕްރީމް ކޯޓަށެވެ.
"މިއީ ދިވެހިރާއްޖެއަށް ދިމާވެގެން މި އުޅޭ މައްސަލައަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ފަނޑިޔާރު ގެއަށް އެ ބާރު ދޭންވީ މުތުގަލަށް. ފަނޑިޔާރު ގެއިން އެކަންކަން ކުރަންވީ. ފަނޑިޔާރު ގޭގެ ތެރޭގައި ހިނގާ ކަންކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އެތަންތަން މޮނީޓާ ކުރާނެ ގޮތާއި އޯވަ ސީ ކުރެވޭނެ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަންވީ." ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވި އެވެ.
މާނައަކީ ޖޭއެސްސީ އެކުލެވިފައި އޮންނަންވީ ގޮތުގެ ރަނގަޅު ފޯމިއުލާއަކީ ކޮބައިކަމެއް އެއްވެސް ބަޔަކަށް ނުދެއްކެ އެވެ. އެހެންވެ، މިހާ ހިޔާލު ތަފާތުވުން ބޮޑު ބިލެއްގެ މަސައްކަތް މަޖިލީހުގެ ދައުރު އަންނަ އަހަރުގެ ކުރީކޮޅު ނިމުމުގެ ކުރިން ނިންމޭނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ ރައީސް --- ފޮޓޯ/މިހާރު
ޖޭއެސްސީގެ ގެ ކުރީގެ މެމްބަރަކު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން އެކަނި ތިއްބަވާ ގޮތަށް ޖޭއެސްސީ ބަދަލު ކުރުމަކީ ނުބައި ނަތީޖާތަކެއް ނިކުންނާނެ ކަމެކެވެ. އޭގެ ސަބަބުން ފަނޑިޔާރުންގެ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ފާރަވެރިނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރުން އަމިއްލައަށް ފަނޑިޔާރުން ރެގިއުލޭޓްކުރާ ގޮތަށް ޖޭއެސްސީ ބަދަލު ކުރުމަކީ ހަދާނެ އެންމެ ބޮޑު ގޯސް. ރާއްޖޭގައި އަމިއްލައަށް ރެގިއުލޭޓްކުރާ އެހެން ދާއިރާތައް ހުއްޓަސް، އެތަންތަނާ ވަރަށް ތަފާތު މަސައްކަތެއް ކުރާ ބައެއް ފަނޑިޔާރުންނަކީ." އޭނާ ވިދާޅުވި އެވެ.
އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގައި މަޖިލީހުގެ މެމްބަރަކު ހުންނަވާކަށް ނުޖެހެ އެވެ. ނަމަވެސް ބަންޑާރަ ނައިބު ޖޭއެސްސީގައި އިންނެވުމަކީ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބަންޑާރަ ނައިބަކީ ދައުލަތުގެ ގާނޫނީ ކަންކަމާއި ބެހޭ އިސް ފަރާތަށްވުމުގެ އިތުރުން ޝަރުއީ ދާއިރާގެ އިދާރާ ހިންގުމާއި ކުރިއެރުމަށްޓަކައި ވެސް ދައުލަތުގެ އެހެން ބާރުތަކުގެ ބައިވެރިވުން ޖޭއެސްސީގައި އޮތުން މުހިންމު ވާތީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޓަޔާޑް ފަނޑިޔާރުންނާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިން ޖޭއެސްސީއަށް އައްޔަން ކުރުމަކީ ވެސް ރާއްޖޭގެ ކަންކަން އޮތްގޮތަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫނެވެ.
"ރިޓަޔާޑް ފަނޑިޔާރުންނަށް ބަލާއިރު 90 ޕަސެންޓަކީ ސިއްހީ ހާލަތު ހުރިގޮތުން ރިޓަޔާވެފައި ތިއްބެވި ބޭފުޅުން. އެހެންވީމަ މިވަރުގެ ކަމަކަށް ދޭންޖެހޭ ވަގުތެއް އެ ބޭފުޅުންނަކަށް ނުދެވިދާނެ. ދެން ތިއްބެވީ ސުލޫކީ ކޮންމެވެސް މައްސަލައެއް އައިމަ ރިޓަޔާވެ ވަޑައިގަތް ބޭފުޅުން." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން އެއްކޮށް އެއްފަރާތް ކުރުމަށްފަހު ތައުލީމީ ދާއިރާގެ ތެރެއިން ބޭފުޅުން ޖޭއެސްސީއަށް އައްޔަންކުރާ ގޮތަށް ހަދައިފިނަމަ، ތައުލީމީ ދާއިރާގެ ތެރެއިން ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.
"ޔުނިވާސިޓީއެއްގެ ލެކްޗަރާއެއް ނުވަތަ ފެކަލްޓީއެއްގެ ޑީންއަކު ޖޭއެސްސީއަށް އައްޔަންކުރާ ގޮތަށް ހަދައިފިއްޔާ ވާނެ ގޮތަކީ އެ މަގާމަށް ޔުނިވާސިޓީތަކުން މީހުން ނަގާއިރު ވެސް އެކަމަށް ބަލައިގެން މީހުން ނަގަން ޖެހޭނީ. ޖުޑިޝަރީގެ ކޮންޓްރޯލް ނަގަން ބޭނުންވާ މީހުން އޭރުން އެކަންކަމަށް ނުފޫޒު ފޯރުވާނެ." އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމުގެ ވާހަކަ އެތައް ދުވަހެއް ވަންދެން ދެކެވުނަސް، އެ ބަދަލު ގެންނަންވީ ގޮތުގެ އެންމެ ރަނގަޅު އަދި ރާއްޖެއާ ގުޅޭނެ ފޯމިއުލާއެއް މިހާތަނަކަށް ހޯދިފައެއް އެވެ. އެހެންވީއިރު، މި މަސައްކަތް މިފަހަރު ވެސް ކާމިޔާބު ވެދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
އިންސާފުގެ އެންމެ މުހިންމު ވައުދަށް ސުމެއް!
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅައިފި
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މަގާމުން ވަކިކޮށްފި
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މިއަދު ވަކިކުރަނީ
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި