Roadha Mihaaru
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ މަސައްކަތް ހިނގައިގެންފި

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭ ބިލުގެ ބަހުސް ދުވަސްތަކަކަށް ފަހު ފަށައިފި

10 އޮކްޓޯބަރ 2023

އެތައް މަހެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގޮސް އޮތް އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ މަސައްކަތް އަލުން ފަށައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އެތައް މަހެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގޮސް އޮތް އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް އެ ބިލު ހުށަހެޅުއްވީ މިދިޔަ މާޗް މަހު އެވެ.

އެކަމަކު މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސައްކަތްތައް ހުއްޓި، އެ ބިލުގެ މާ ބޮޑު މަސައްކަތެއް ނުކުރެވި އެ ބިލް ވެސް އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ތާށިވެފަ އެވެ.

އެ ބިލުގެ މަސައްކަތް އަވަސްކޮށް ދިނުމަށް މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާތަކުން ވެސް ވަނީ އެކި ފަހަރު މަތިން މަޖިލީހަށް ގޮވާލައިފަ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގެ ދަށުން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހަޅުތާލުކުރުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގާއި ޓްރޭޑް ޔޫނިއަން ހެދުމުގެ މިނިވަންކަން ލިއްބައި ދެވޭނެ އެވެ.

މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުމާއި ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީ ވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލު ގާނޫނަކަށް ވުމަކީ، ވަޒީފާގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ އެންމެ މުހިންމު ބިންގަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

ގިނަ ދުވަސްތަކަށް ފަހު، އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އެވެ.