Roadha Mihaaru
ބިދޭސީންގެ މުސާރަ ޖަމާކުރަންޖެހޭ އިސްލާހު ބަލައިގެންފި

ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަން މަޖުބޫރު ކުރާ އިސްލާހު މަޖިލީހަށް ބަލައިގެންފި

28 ޖޫން 2016

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރައިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގައި، ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށްބަލައިގަނެ، އިޖުތިމާއީ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރައިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގައި، ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާކުރަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށްބަލައިގަނެ، އިޖުތިމާއީ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓާ އެކު އެވެ. މި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 16 މެންބަރަކު ވޯޓު ދެއްވި އެވެ.

މި އިސްލާހުގައި ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަކަށް ކަމަށެވެ.

ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލުނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު މި އިސްލާހުން ވަނީ ލިބިދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މި އިސްލާހަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ބިދޭސީންގެ މުސާރައިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގަން ތާއީދު ކުރައްވައިފަ އެވެ. އެކަމަކު ފައިސާ ނެގޭނެ ރަނގަޅު އުސޫލެއް އޮވެގެން ނޫނީ އެކަން ކުރަން ދެކޮޅު ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ ބިދޭސީންގެ އަތުން ޓެކްސް ނަގައި، އެމީހުންނަށް ލިބޭ މުސާރަ ބޭންކުތަކަށް ޖަމާކުރުމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ކޮންމެވެސް ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވާއިދާ ހިލާފަށް ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސަރުކާރުން މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު މި އަހަރު ރެމިޓެންސް ފީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.