Roadha Mihaaru
ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ސަރުކާރެއް ނެތް

ޓެކްސް ނަގަން ތާއީދު، ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ސަރުކާރެއް ނެތް: ބައެއް މެމްބަރުން

28 ޖޫން 2016

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގަން ތާއީދު ކުރިޔަސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ސަރުކާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައިން ތިން ޕަސަންޓްގެ ރެމިޓެންސް ޓެކްސް ނަގަން ތާއީދު ކުރިޔަސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ސަރުކާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ސަރުކާރަށް ގޮވާލެއްވީ ބިދޭސީން ރާއްޖެއަށް އަތްގަދަކުރުން ހުއްޓުވުމުގެ ފިޔަވަޅުތައް ސަރުކާރުން އަވަހަށް އެޅުމަށެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މާލޭގެ ބާޒާރުމަތީގެ ފިހާރަތަކަށް ބެލިޔަސް، ދިވެހިންގެ ނަމުގައި އެ ތަންތަން ނަގާފައި ބޭރު މީހުންނާ ހަވާލުކޮށްގެން، ބޭރު މީހުން ކުރާ ވިޔަފާރިތައް ފެންނަން އެބަ ހުއްޓެވެ. އަދި ބައެއް ބޮޑެތި ވިޔަފާރިވެރިންނާ ގުޅިގެން އެ މީހުން ރާއްޖެ އަށް މުދާ އެތެރެކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގެ ވަޒަންވެރިވުމާއި އިނދެވަރިކުރުމުގައި ވެސް ބޭރު މީހުންގެ ނުފޫޒު މައްޗަށް ގޮސްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ ބިދޭސީން އަތުން ޓެކްސް ނަގައި، އެމީހުންނަށް ލިބޭ މުސާރަ ބޭންކުތަކަށް ޖަމާކުރުމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ކޮންމެވެސް ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މި މައްސަލައަށް ހައްލެއް ހޯދަން ގުޅިގެން މަސައްކަތް ކުރަން އެ މެމްބަރުން ގޮވާލެއްވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ގަވާއިދާ ހިލާފަށް އެތައް ހާސް ބިދޭސީން ދިރިއުޅެމުން ދާއިރު، އެކަމަށް ހައްލެއް ހޯދޭނެ ސަރުކާރެއް ނެތުމުން ހިތާމަކުރައްވަން ޖެހޭ ކަމަށެވެ. ސަރުކާރުން އަބަދުވެސް އުޅެނީ ސިޔާސީ ބޭފުޅުން ފަހަތުން "މުގޯލި" އެޅޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިއުމަން ޓްރެފިކިންގެ މައްސަލަ އާއި މަނީ ލޯންޑެރިންގެ މައްސަލަ އިންތިހާއަށް އެބަ އޮތް. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެބަ އޮތް. ގެދޮރުގެ ދަތިކަމުގެ މައްސަލަ އެބަ އޮތް. މި ހުރިހާ ކަމެއް އޮތް އިރު މިއިން އެއްވެސް ކަމެއްގައި ސަރުކާރުން ފިޔަވަޅު އަޅާ ތަނެއް ފެނިގެން ނުދޭ،" ގަފޫރު ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ދޯންޏަކަށް ދެ ބިދޭސީން މުދާ ބަރުކުރަނީ: ބިދޭސީ މަސައްކަތު މީހުން ގެންނަ ގިނަ އެޖެންސީތައް ހަރަކާތްތެރި ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޯކަލް މާރުކޭޓު ސަރަހައްދުގައި ބަނދަރުކޮށްފައިވާ ދޯންޏަކަށް ދެ ބިދޭސީން މުދާ ބަރުކުރަނީ: ބިދޭސީ މަސައްކަތު މީހުން ގެންނަ ގިނަ އެޖެންސީތައް ހަރަކާތްތެރި ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ރެމިޓެންސް ޓެކްސް ނަގަން ތާއީދު ކުރެއްވިޔަސް، ފައިސާ ނެގޭނެ ރަނގަޅު އުސޫލެއް އޮވެގެން ނޫނީ އެކަން ކުރަން ދެކޮޅު ކަމަށެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަ އާއި މަނީ ލޯންޑެރިންގެ މައްސަލަ އިންތިހާއަށް އެބަ އޮތް. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެބަ އޮތް. ގެދޮރުގެ ދަތިކަމުގެ މައްސަލަ އެބަ އޮތް. މި ހުރިހާ ކަމެއް އޮތް އިރު މިއިން އެއްވެސް ކަމެއްގައި ސަރުކާރުން ފިޔަވަޅު އަޅާތަނެއް ފެނިގެން ނުދޭ. --ގަފޫރު

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ބޭރު މީހުން އަތުން ޓެކްސް ނަގާއިރު، ބޭންކެއް ނެތް މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކެއް ހުންނަން ޖެހޭނެ އެވެ. އަދި ބޭރު މީހުން މުސާރަ ނަގަން ބޭންކްތަކަށް ގޮސް ކިއުގައި ޖެހުމުން ދިވެހިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

"ބޭންކުތަކުން ބިދޭސީންނަށް ހިދުމަތް ދެވޭނެ ފެންވަރު ހުރިތޯ؟ އެއީ މިހާރު ވެސް ހިދުމަތެއް ހޯދަން ބޭންކުތަކަށް ގޮސް އެތައް އިރަކު ކިއުގައި ތިބެން ޖެހޭ. ޓެކްސް ދައްކާއިރު ވަޒީފާ އަދާކުރާ މީހާއަށް ވެސް މުސާރަ ލިބުމުގެ ކަށަވަރުކަން އޮންނަން ޖެހޭ." ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަކީ ރައްޔިތުންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި 200 ނުވަތަ 300 ބިދޭސީން އުޅޭއިރު، މި މީހުން ބޭންކް އެކައުންޓެއް ހުޅުވަން އުޅުނީމަ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ބިދޭސީން މުސާރަ ހޯދަން އިތުރު ކަންތައްތަކެއް ކުރަން ޖެހޭ ނަމަ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. އަދި މިފަދަ އިސްލާހެއް ގެންނައިރު ވަޒީފާ ދޭ މީހާއަށާއި ބިދޭސީންނަށް އެކަށީގެންވާ ރަނގަޅު މުއްދަތެއް އޮންނަން ޖެހޭނެ ކަމަށް ވެސް އަދާލަތު ޕާޓީގެ މެމްބަރު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި މި އިސްލާހު ފާސްވެއްޖެ ނަމަ، ބިދޭސީންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ލިބޭނެ މަގު ފަހިވާނެ އެވެ.

ބިދޭސީންތަކެއް އާޓިފިޝަލް ބީޗުގައި ހުންނަ އައްޓެއްގައި އިށީނދެލައިގެން: ބިދޭސީން އަތުން ޓެކްސް ނަގަން ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި - ފޮޓޯ: މިހާރު

ބިދޭސީންތަކެއް އާޓިފިޝަލް ބީޗުގައި ހުންނަ އައްޓެއްގައި އިށީނދެލައިގެން: ބިދޭސީން އަތުން ޓެކްސް ނަގަން ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި - ފޮޓޯ: މިހާރު

ރާއްޖެއަށް ބިދޭސީން ގެންނަ ކުންފުނިތައް ނުވަތަ އެޖެންސީތައް އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިކުރުވަން ޖެހޭ ކަމަށާއި ބިދޭސީން ފިލައިގެން ގޮސް، ގަވާއިދާ ހިލާފަށް އުޅެމުން ދަނީ އެ އެޖެންސީތަކަށް ބިދޭސީން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގެ ސަބަބުން އެޖެންސީތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ކަނޑައެޅޭނެ ކަމަށް އަމީތު ވިދާޅުވި އެވެ. އަދި އެޖެންސީތަކާ މެދު ޝަކުވާ ކުރެވޭނެ ނިޒާމެއް ތައާރަފް ކުރެވި، އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރާ ނަމަ، އެޖެންސީތަކާ މެދު ފިޔަވަޅު އެޅޭނެ މަގު ފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސަރުކާރަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވީމަ ބޭރު މީހުން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާ އިން ޓެކުހެއް ނެގުމުން ދައުލަތަށް އާމްދަނީ ހޯދޭނެ މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

"މަޖިލީހުން މި އިސްލާހު ފާސް ކުރަން އެބަ ޖެހޭ. ޓެކްސް ނުނަގައި ދުނިޔޭގެ އެއްވެސް ގައުމެއް ނުހިންގޭނެ. މިއީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން. ޓެކްސް ނުނަގައި ރާއްޖެއެއް ތަރައްގީއެއް ނުކުރެވޭނެ. އާމްދަނީއެއް އިތުރުވެގެނެއް ނުދާނެ،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަށެވެ. ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލުނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު މި އިސްލާހުން ވަނީ ލިބިދީފަ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި ގަވައިދާ ހިލާފަށް ގާތްގަނޑަކަށް 20،000 ބިދޭސީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.