Roadha Mihaaru
ރިސޯޓެއްގައި ފަސް ދިވެހިން، ދެން ހުސް ބިދޭސީން!

އއ. އަތޮޅު ރިސޯޓެއްގައި ފަސް ދިވެހިން، ދެން ހުސް ބިދޭސީން!

24 ޑިސެމްބަރ 2018

އެންމެ ފަސް ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ރާއްޖޭގައި ރިސޯޓެއް ހިންގަމުން ގެންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.

އެންމެ ފަސް ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ރާއްޖޭގައި ރިސޯޓެއް ހިންގަމުން ގެންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.

ލޭބާ ރިލޭޝަންސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ ކޮން ރިސޯޓެއް ކަމެއް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އއ. އަތޮޅުގައި އޮތް އެ ރިސޯޓްގައި 150 ބިދޭސީން މަސައްކަތްކުރެ އެވެ. އެ ރިސޯޓަށް ބިދޭސީން ގެނައީ މެއިންޓަނަންސް މަސައްކަތަކަށް ކަމަށް އެލްއާރުއޭ އިން ބުނެ އެވެ.

އެލްއާރުއޭގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ މި އަހަރު 30 ރިސޯޓެއް ބެލި އިރު، 90 ޕަސެންޓު ބިދޭސީން މަސައްކަތް ކުރާ ރިސޯޓުތައް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ރިސޯޓެއްގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.

އަލީ ވިދާޅުވީ އެންމެ ފަސް ދިވެހިން ވަޒީފާގައި ތިބި ރިސޯޓުގެ ވެއިޓަރުކަމާއި ރިސެޕްޝަން ފަދަ ތަންތަނުގައި ވެސް ގެންގުޅެނީ ބަންގްލަދޭޝްގެ މީހުން ކަމަށެވެ.

"ދިވެހި ފަސް މީހުން ތިބެފައި، ރިސެޕްޝަންގައި ވެސް ބަންގްލަދޭޝް މީހެއް، ވެއިޓަރަކަށް ވެސް ބަންގްލަދޭޝް މީހެއް. ކައްކަން ވެސް ބަންގްލަދޭޝް މީހެއް. ހުރިހާ ކަމެއްގައި، ގެސްޓުންނާ ވާހަކަ ދައްކަން ވެސް ބަންގްލަދޭޝް މީހުން އެ ރިސޯޓުގައި ތިބީ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުގެ އޮޕަރޭޝަންސް މެނޭޖަރަކަށް ހުންނަނީ ދިވެއްސެކެވެ.

އޭގެ އިތުރުން ރާއްޖޭގައި ހިންގާ ބޭރުގެ ކުންފުނިތަކުން ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އަލީ ވިދާޅުވި އެވެ.

"މިސާލަކަށް ނަރުދަމާ އަޅަން ނޫނީ ކޮންމެވެސް ޓޫރިޒަމް ތަރައްގީ ކުރާ މަޝްރޫއުތަކަކަށް ބިދޭސީން ދޫކޮށްފައި މި ހުންނަނީ. ހުންނައިރު މި ޕްރޮޖެކްޓުތަކެއް ނުއެއް ހިނގާ، އެކަމަކު ލިޔެކިޔުމުން ކޯޓާ ހޯދާފައި ބިދޭސީން އެތެރެކޮށްފައި ރަށު ތެރެއަށް ދޫކޮށްލާފައި އެބަހުރި،" އަލީ ވިދާޅުވި އެވެ.

ލޭބާ ރިލޭޝަނުން ބުނީ ބިދޭސީއަކު ރާއްޖެ ގެންނަ ފަރާތަކުން، އެ ބިދޭސީއެއްގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނާއި އެމީހުން އެތެރެކުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ލޭބާ ރިލޭޝަނުން ވަނީ ދީފަ އެވެ. އެގޮތުން، ބްލެކްލިސްޓް ކުރުމާއި ޖޫރިމަނާ ކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.