Roadha Mihaaru
"ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ"

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ: މަޖިލީހުގެ އިދާރާ

09 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް މިއަދު ގަރާރެއް ވައްދާފައިވީ ނަމަވެސް، އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ ދެއްވައިފަ އެވެ.

މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިޝާރާތް ކުރެއްވީ އެ މަނިކުފާނުގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައަށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައިވަނިކޮށް، ނިމުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެމްޑީޕީން ވަނީ އެ ގަރާރު އަނބުރާ ގެންގޮސްފަ އެވެ.

"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރުނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހަށް ހުށަހެޅޭ ބިލެއް ބާތިލުވެއްޖެ ނަމަ، އެފަދަ ބިލެއް އަލުން ހުށެހެޅޭނީ ދެން އަންނަ ދައުރެއްގަ އެވެ. އަދި އެ ގަވާއިދުގެ 168 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ މައްޗަށް ވެސް ހިނގާނީ އާންމުކޮށް ބިލުތަކުގެ މައްޗަށް ހިނގާ އުސޫލު ކަމަށް ބުނެ އެވެ.

އެކަމަކު މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ ގަރާރު ހުށަހެޅުމުގައި އެ ގަވާއިދުގެ 205 ވަނަ މާއްދާގައި، އެއް ދައުރެއްގައި ދެ ފަހަރަށް އެ ފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ.

އެކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް، މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރެއް ލިބިފައިވާ ކަމަށާއި އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"...މި މައްސަލަ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ،" މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އެމްޑީޕީން މިއަދު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމް ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެމަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން، މިފަދަ ގަރާރެއް ލިބުމުގެ ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ފޮނުވަންޖެހެ އެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހެ އެވެ.

މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ގަވާއިދުގައި ބުނެ އެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ އެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ.