Roadha Mihaaru
ނަޝީދު ވަކިކުރާތީ ޑިމޮކްރެޓުން ހޫނުވެއްޖެ

ނަޝީދު ވަކިކުރަން އުޅެނީ ވައްކަން ފޮރުވަން ކަމަށް ބުނެ ޑިމޮކްރެޓުން ހޫނުވެއްޖެ

08 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، އެ މަގާމުން އެ މަނިކުފާނު ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމުމުން ޑިމޮކްރެޓްސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، އެ މަގާމުން އެ މަނިކުފާނު ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމުމުން ޑިމޮކްރެޓްސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު މެންދުރު 1:30ގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ މައްސަލަ ހުށަހަޅަން ބޭނުންވާ މިންވަރަށް އެމްޑީޕީ މެމްބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށް އެނގިފައި ވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފައި ވަނީ، އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީއަށް ގެއްލުން ދިނުމެވެ. ނަޝީދު ބޭނުންވިޔަސް އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، ޑިމޮކްރެޓްސް އިން ތުހުމަތުކުރާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން އުޅެނީ މި ސަރުކާރުގެ ހިޔާނާތްތައް ބެލިޔަ ނުދިނުމަށެވެ.

ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުގެ ބޭނުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރުމުގެ ކަންކަމަށް ހުރަސް އެޅުން ކަމަށެވެ.

އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދައި، ނިމުނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު އަތުލަން އެމްޑީޕީން އުޅެނީ މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް ފޮރުވުމަށް ކަމަށެވެ.

"މި ވަގުތު ބަލިވި ޕާޓީން މަޖިލިހުގެ ރިޔާސަތު އަތުލަން މަސައްކަތް ކުރަނީ މި ދައުރުގައި ހިންގާފައި ހުރި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ހުރަސްް އެޅުމާއި، އަންނަން އޮތް ސަރުކާރަށް މަޖިލިހުން ހުރަސް އެޅުން ކަން އެންމެނަށް ވެސް ވަރަށް ސާފު،" އަމްރު ތުހުމަތު ކުރެއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވިދާޅުވީ ޑިމޮކްރެޓުން އެމްޑީޕީއާ ވަކިވީ، މި ސަރުކާރުގެ ތެރޭގައި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ އެމްޑީން ބައިވެރިވެގެން މޫލާފައިވާ ފުޅާ ހިޔާނާތުގެ ނެޓްވާކުގެ ސަބަބުން ކަމަށެވެ.

"މި ނެޓްވާކު ރަނގަޅަށް ތަހުގީގު ކުރެވި އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭ،" އީވާ ވިދާޅުވި އެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ. ޑިމޮކްރެޓުން އަބަދުވެސް ވައްކަމާ ކޮރަޕްޝަނާއި ދެކޮޅު ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަން ތަހުގީގުކުރާނެ ކަމަށް ބުނެ އައި ސަރުކާރުން ވައްކަން ކުރުމުގެ ބޮޑު ނެޓްވާކަކަށް ބަދަލުވެފައިވާ ކަމަށެވެ.

"ކޮރަޕްޝަން ބަލަން އަންނަ ސަރުކާރެއް ކަމަށް ބުނެ އައުމަށް ފަހު އެމްޑީޕީ ވައްކަމުގެ ނެޓްވާކަކަށް ބަދަލުކޮށްލައި އަދި ވައްކަމުގެ ފަސް އަހަރު ދުއްވާލާފައިވާތީ މޫނެއް ކަނދުރާއެއް ބެލުމެއް ނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ގައުމުގެ ހަމަޖެހުން ނުލިބޭނެ،" އިންތި ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. މިވަގުތު އެމްޑީޕީގައި 55 މެމްބަރުން އެބަ ތިއްބެވި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދު އާ އެކު އީވާ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ.

ރިޔާސަތު ބެލެހެއްޓުމުގެ އަރައިރުމުގެ އިތުރުން، އެމްޑީޕީން ވަކިވި 13 މެމްބަރުންނާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމަކީ ވެސް އެ މައްސަލަތައް ކުރިއަށް ގެންދަން ކުރިމަތިވި އަނެއް ހުރަހެވެ. މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުން، އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ.

އެ ކޯޅުމުގެ ތެރޭގައި މަޖިލީހުގައި މަރުތަޅު އެޅުވި އެއްވެސް މަސައްކަތެއް ނުކުރެވި ދެ މަހެއްހާ ދުވަހު މަޖިލިސް ހުއްޓިފައި އޮތެވެ. އޭގެފަހުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު، އެ ބުރުގައި ތިން ވަނަ އައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ މަޝްވަރާތަކުގެ ތެރެއިން، އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް، ޑިމޮކްރަޓްސްއިން އިންތިހާބުގައި ދެވަނަ ބުރުގައި ވެސް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށެވެ. އަދި އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓްސް ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.