Roadha Mihaaru
ނަޝީދު ވަކިކުރާ ގަރާރު ބަލައިގަންނަން އަދި ނުނިންމާ!

ނަޝީދު މަގާމުން ދުރުކުރުމާ ގުޅޭ ގަރާރު ބަލައިގަންނަން އަދި ނުނިންމާ!

10 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު މަޖިލީހުގެ އިދާރާ އިން އަދި ގޮތެއް ނުނިންމާ ކަން އެނގިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު މަޖިލީހުގެ އިދާރާ އިން އަދި ގޮތެއް ނުނިންމާ ކަން އެނގިއްޖެ އެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް އިއްޔެ ގަރާރެއް ވައްދާފައިވީ ނަމަވެސް، އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށް، މަޖިލީހުގެ އިދާރާ އިން އިއްޔެ ބުނީ އެ ގަރާރު ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް، ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު ސީދާ ގޮތެއް އަދި ނުނިންމާ ކަން އެނގިފައި ވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހަށް ހުށަހެޅޭ ބިލެއް ބާތިލުވެއްޖެ ނަމަ އެފަދަ ބިލެއް އަލުން ހުށެހެޅޭނީ ދެން އަންނަ ދައުރެއްގަ އެވެ. އެ ގަވާއިދުގެ 168 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ މައްޗަށް ވެސް ހިނގާނީ އާންމުކޮށް ބިލުތަކުގެ މައްޗަށް ހިނގާ އުސޫލު ކަމަށް ބުނެ އެވެ.

އެކަމަކު މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ ގަރާރު ހުށަހެޅުމުގައި އެ ގަވާއިދުގެ 205 ވަނަ މާއްދާގައި، އެއް ދައުރެއްގައި ދެ ފަހަރަށް އެ ފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ.

މި ސުވާލު އުފެދިގެން އުޅެނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނިކޮށް، މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން އެމްޑީޕީން ވަނީ އެ ގަރާރު އަނބުރާ ގެންގޮސްފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން، މިފަދަ ގަރާރެއް ލިބުމުން ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ފޮނުވަންޖެހެ އެވެ. އެހެންކަމުން، މާދަމާ މެންދުރު 2:00 ގެ ކުރިން ގޮތެއް ނިންމައި، އެ ގަރާރުގެ ނޯޓިސް މަޖިލީހުގެ އަމީންއާންމު ފޮނުއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އެ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހެ އެވެ.

މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ގަވާއިދުގައި ބުނެ އެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ އެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމް ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެ މަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައި ވެ އެވެ.

ނަމަވެސް، ނަޝީދު ވަކިކުރަން އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކަންކަމަށް ހުރަސް އެޅުމުގެ އިތުރުން މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް ފޮރުވަން ކަމަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.